ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ސްޓޭޖުން މޮޅެއް ނުހޯދި ކަޓައިގެން ދާން ޖެހުނު ނަމަވެސް، ބޫޓާނުން ދެނީ ހާއްސަ މެސެޖެއް ކަމަށް ކޯޗު ޕެމާ ޑޯޖީ ބުނެފިއެވެ.

ބޫޓާން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކޮށް ކަޓައިގެން ދިޔައީ މޮޅެއް ނުހޯދިއެވެ. އެހެން ނަމަވެސް، ކުރިއާ އަޅައި ބަލާއިރު، ބޫޓާންގެ ފެންވަރު މާ ބޮޑަށްވެސް ރަނގަޅު ކަމަށް ގިނަ ވާހަކަތަކެއް ވަނީ ދެކެވިފައެވެ. ހާއްސަކޮށް ބޫޓާންގެ ގްރާސް ރޫޓްގެ ވަރުގަދަކަން މުޅި އޭޝިއާ ސަރަހައްދުންވެސް ފާހަގަވެފައިވާ އިރު، ޒުވާން ޖީލެއް ބިނާކުރުމުގައި އެގައުމުން ކުރާ މަސައްކަތް މި މުބާރާތުގައި ފެނިގެން ގޮސްފައިވެއެވެ. ރާއްޖެ ކައިރިން 2-0 އިން ބަލިވި މެޗުގައިވެސް މެޗު ޑޮމިނޭޓްކޮށް، ބޫޓާނުން ކުޅުނެވެ. ލުބުނާން ކައިރިން 4-1 އަދި ބަންގްލަދޭޝް ކައިރިން 3-1 އިން ބޫޓާން ބަލިވި ނަމަވެސް، އެ ދެ މެޗުގައިވެސް ބޫޓާނުން ވަނީ ހިތްވަރާއެކު ކުޅެ، ރަނގަޅު ވާދައެއް ކޮށްފައެވެ.

މެދުކެނޑުމަކަށްފަހު ސާފް ޗެމްޕިއަންޝިޕަށް ބޫޓާން އައީ ކޮވިޑަށްފަހު އެގައުމުގެ ފުޓުބޯޅައަށް އުނދަގޫ ދުވަސްތަކެއް ތަހައްމަލު ކޮށްފައެވެ. މުބާރާތުގެ ކުރިން ނޭޕާލުގައި ބޭއްވި ޓްރައި ނޭޝަންސް ކަޕެއްގައި ދެ މެޗެއް ކުޅުން ފިޔަވައި، އިތުރު މެޗެއް ގައުމީ ޓީމުން ކޮވިޑަށްފަހު ކުޅެފައެއްވެސް ނެތެވެ. އެހެންކަމުން މިހާރު ބޫޓާނުން ފުޓުބޯޅައަށް ގްރާސް ރޫޓުގައި ކުރަމުންދާ މަސައްކަތް ކާމިޔާބުކަން ކުޅުމުން ފެނެއެވެ.

"ވަން ސްޕޯޓްސް" އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ބޫޓާންގެ ކޯޗު ޕެމާ ބުނީ ބޫޓާނުން ދެނީ މެސެޖެއްކަން ގަބޫލުކުރާ ކަމަށާއި ކުރިއަށް އޮތްތަނުގައި ޓީމަށް ނަތީޖާ ނެރެވޭނެ ކަމަށެވެ.

"އޮފްކޯސް ބޫޓާން ކުރިއަށް އެބަޖެހޭ. އަހަރެމެންގެ ފަރާތުން އެ މެސެޖު މި ދެނީ. ބޫޓާން ކުރިއަރާނެކަން. އަހަރެމެން މި ސްކޮޑުގެ އެންމެ ދުވަސްވީ ކުޅުންތެރިޔަކީވެސް 30 އަހަރުގެ ކުޅުންތެރިއެއް. އެހެންވީމަ މިއީ ޒުވާން ޓީމެއް. މި ޓީމަށް ކުރިއަށް އޮތްތަނުގައި ނަތީޖާ ނެރެވޭނެ،" ޕެމާ ބުންޏެވެ.

އެންމެފަހުން ބަންގްލަދޭޝްއާ ދެކޮޅަށް ބޫޓާނުން ކުޅުނު މެޗުގައި ދިމާވި މައްސަލައަކީ ފޯކަސް ގެއްލުމުގެ މައްސަލައެއް ކަމަށް ކޯޗު ޕެމާ ބުންޏެވެ.

"އަހަރެން ބަންގްލަދޭޝްއަށް މަރުހަބާ ކިޔަން. ރަނގަޅު ފެންވަރެއްގައި ކުޅެ އެޓީމުން ސެމީއަށް ދިޔައީ. ބަންގްލަދޭޝް މެޗުގައި ފުރަތަމަ 20-25 ވަރަކަށް މިނެޓުގައި އަހަރެންގެ ޓީމުން ވަރަށް ރަނގަޅަށް ކުޅުނު. އެކަމަކު އޭގެ ފަހުން ކޮންސަންޓްރޭޝަން ގެއްލުނު. ބޫޓާނަށް ކޮންސަންޓްރޭޝަން މުޅިންހެން ގެއްލުނީ ބަންގްލަދޭޝްއިން ފުލުފުލުގައި ދެ ގޯލު ޖެހި ހިސާބުން. ކުޅުނު ވަގުތު ކޮޅުގައި ބޫޓާނުން ރަނގަޅަށް ކުޅުނު. ބޫޓާނަށް މެދުތެރެއިން އަދިވެސް ރަނގަޅަށް ކުޅެން އުނދަގޫވޭ. އަހަރެން ގަބޫލުކުރާ ގޮތުގައި އަހަރެންގެ ގޯލްކީޕަރު ފަރާތުން ބައެއް ގޯސްތައްވެސް މެޗުގައި ފެނުނު،" މިހާރު އޭއެފްސީ ޕްރޯ ލައިސަންސް ނަގަން ތައްޔާރުވަމުންދާ ޕެމާ ބުންޏެވެ.

ޕެމާ އިތުރަށް ބުނީ ބޫޓާނަށް އިތުރު މެޗުތައް ބޭނުންވާ ކަމަށާއި ބޫޓާންގެ ނަތީޖާތައް ކުރިއަށް އޮތްތަނުގައި ރަނގަޅުވާނެ ކަމުގެ ބޮޑު އުންމީދެއްވެސް އެބައޮތް ކަމަށެވެ.

"މި މުބާރާތަށް ތައްޔާރުވި އިރު ޗެންޗޯއަށްވެސް ކްލަބުގައި އަނިޔާވި، އެއީ އަހަރެމެންގެ މުހިއްމު ކުޅުންތެރިއެއް. އެ ހުރިހާ ކަމަކާއެކުވެސް އަހަރުމެންގެ ފެންވަރު މައްޗަށް ޖެހޭކަން ދެއްކިއްޖެ. އަހަރެމެން އަދިވެސް ވަރަށް ބުރަ މަސައްކަތްތަކެއް އެބަ ކުރަން ޖެހޭ. ޓީމެއް ބިނާކުރުމަށް، ޓީމެއްގެ ގޮތުގައި ކުޅުމަށް، އެޓޭކް ކުރުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ. ކުޅުންތެރިން ކްލަބުތަކުގައި ވަގުތުތައް ހޭދަކުރި ނަމަވެސް، އަހަރެން ބްރޭކްތަކުގައި ގައުމީ ޓީމާއެކު މަސައްކަތްތަކެއް ކުރާނަން. ކޮވިޑަށްފަހު އަދި މެޗުތައް ކުޅެން ލިބުނީ މަދުން. އެހެންވީމަ މެޗުތައް އެބަ ބޭނުންވޭ. ނޭޕާލްގައި ކުޅުނު މުބާރާތް އެކަނި މި މުބާރާތުގެ ކުރިން ކުޅުނީ. އެއީ ދެމެޗު. އެއީ މުހިއްމު ދެމެޗު،" ޕެމާ ބުންޏެވެ.