ރާއްޖޭގައި ޓެރަރިސްޓް ހަމަލައެއް ދީފާނެ ކަމަށް ލަފާކޮށް އެމެރިކާއާއި އިނގިރޭސި ވިލާތުން ޓްރެވެލް އެޑްވައިޒަރީއެއް ނެރެފިއެވެ.

އިނގިރޭސި ވިލާތުގެ ރައްޔިތުންނަށް ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ އެބަ އޮތްކަން ފާހަގަކޮށް އިނގިރޭސި ވިލާތުން ޓްރެވަލް އެޑްވައިޒަރީ ނެރުނީ މި މަހުގެ 22 ވަނަ ދުވަހުއެވެ. އެމެރިކާ އިން ޓްރެވަލް އެޑްވައިޒަރީ ނެރުނީ އޭގެ އެއް ދުވަސް ފަހުން، 23 ޖޫންގައެވެ. އެ އެޑްވައިޒަރީ އާއެކު ސަމާލުވާންޖެހޭ ލެވެލްވެސް ވަނީ މަތިކޮށްފައެވެ.

އިނގިރޭސި ވިލާތުން ނެރުނު އެޑްވައިޒަރީގައި ބުނެފައިވަނީ ރާއްޖޭގައި ޓެރަރިސްޓް ހަމަލާތައް ދޭން މަސައްކަތް ކުރާނެ ކަމަށް ބެލެވޭ ކަމަށާއި އެފަދަ ހަމަލާއެއް ދީފާނެ ކަމަށް ބެލެވެނީ ބިދޭސީންނާއި ފަތުރުވެރިން ގިނައިން އުޅޭ ތަންތަނަށް ކަމަށެވެ.

އެމެރިކާގެ ޓްރެވަލް އެޑްވައިޒަރީ މަތިކޮށްފައިވަނީ ރީނދުލަށެވެ. އެ އެލާޓުގައި ބުނެފައިވަނީ ރާއްޖޭގައި ޓެރަރިސްޓު ހަރަކާތްތައް އިތުރުވެފައިވާ ކަމަށާއި އެކަމަށް ސަމާލުވުމަށެވެ. އެގޮތުން ރާއްޖޭގައި ޓެރަރިސްޓް ޖަމާއަތްތަކުން އިންޒާރަކާ ނުލައި ހަމަލާތައް ދީފާނެ ކަމަށާއި ފަތުރުވެރިން އާންމުކޮށް އުޅޭ ތަންތަނާއި ދަތުރުފަތުރުގެ މަރުކަޒުތަކާއި އާއްމުން އެއްވެ އުޅޭ މާރުކޭޓުތަކުގެ އިތުރުން ސަރުކާރުގެ ވުޒާރާތަކަށް އަމާޒުކޮށް ހަމަލާތައް ދީފާނެ ކަމަށް ބެލެވޭ ކަމަށްވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން އެފަދަ ހަމަލާތައް ރަށެއްގައިވެސް ދީފާނެ ކަމަށާއި އެފަދަ ހާލަތެއްގައި ކަމާބެހޭ ފަރާތްތަކުގެ 'ރެސްޕޮންސް ޓައިމް' ދިގުވެދާނެ ކަމަށްވެސް ބުނެފައިވެއެވެ.

މިކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަށް "ވަން" އިން ގުޅުމުން ވިދާޅުވީ، އެފަދަ ކަށަވަރު މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި އެމެރިކާ އަދި އިނގިރޭސި ވިލާތުންވެސް އެފަދަ މައުލޫމާތެއް ހިއްސާކޮށްފައި ނުވާ ކަމަށެވެ.