ސާފް ޗެމްޕިއަންޝިޕް 2023ގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް މިއަދު ކުޅޭއިރު، ގްރޫޕް ބީން ސެމީ ފައިނަލުގެ ފުރުސަތު ބަންގްލަދޭޝްއަށް އެބަ އޮތެވެ. އެ ޓީމަށް އަމިއްލަ ބާރުގައި ސެމީ ޔަގީންކުރުމަށް ބޫޓާން ބަލިކުރަންޖެހެއެވެ. ރާއްޖެއާއި ލުބުނާން މެޗުން ލުބުނާން މޮޅުވެއްޖެ ނަމަ، ބޫޓާން ކައިރިން ޕޮއިންޓެއް ހޯދައިގެންވެސް ބަންގްލަދޭޝްއަށް ސެމީއަށް ދެވޭނެއެވެ.

މީގެ ކުރިން ދެ ގްރޫޕަށް ކުޅުނު ސާފް ޗެމްޕިއަންޝިޕެއްގެ ސެމީއަށް އެންމެފަހުން ބަންގްލަދޭޝް ދަތުރުކޮށްފައި ވަނީ 2013 ވަނަ އަހަރުއެވެ. އެ ފަހަރުގެ ސެމީން ބަންގްލަދޭޝް ބަލިވެ، ފައިނަލަށް ގޮސްފައިނުވާ އިރު، މި ފަހަރު ބަންގްލަދޭޝް އިން އުންމީދު ކުރަމުންދަނީ 2005 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލް ކުޅުމަށެވެ. އެކަމުގެ ރޫހު ޓީމުގައި ހުރި ކަމަށް ކޯޗު ހާވިއާ ފެނާންޑޭޒް ކަބްރޭރާވެސް ގަބޫލުކުރެއެވެ.

"އަހަރެމެންގެ ކޭމްޕް ތެރޭގައި އޮތީ ވަރަށް ޕޮސިޓިވް މާހައުލެއް. މި ޓީމަކީ ޒުވާން އަދި ތަޖުރިބާކާރު ކުޅުންތެރިން އެކުވެފައި އޮތް ރަނގަޅު ޓީމެއް. އަހަރެމެން މީގެ ކުރީގެ އެއްވެސް ސާފް ޗެމްޕިއަންޝިޕަކަށް ހަނދާންތައް ނުގެންދާނަން. މި ޓީމަށް އިތުބާރު ކުރަން. މި ޓީމަކީ ރަނގަޅު ރޫހެއްގެ ޓީމެއް،" ކަބްރޭރާ ބުންޏެވެ.

ކަބްރޭރާއަށް މިއަދުގެ މެޗަށް ނުކުންނަ އިރު، ޓީމުގެ އެންމެ މުހިއްމު އެއް ސެންޓަ ބެކް ތާރިގު ރައިހާން ކާޒީގެ ބޭނުން ނުކުރެވޭނެއެވެ. ރާއްޖެ ކައިރިން 3-1 އިން މޮޅުވި މެޗުގައި މޮޅަށް ކުޅެ ގޯލުވެސް ޖެހި ޑިފެންޑަރަށް އަނިޔާވެ، އިއްޔެގެ ތަމްރީނުތަކުގައި އޭނާ ފަރިތަކޮށްފައެއް ނުވެއެވެ. ބަންގްލަދޭޝްގެ މީޑިއާތަކުން ބުނާ ގޮތުގައި ކާޒީ މިއަދުގެ މެޗުގައި ބޭނުންކުރަން ކަބްރޭރާ ނުވިސްނަނީ ރިސްކެއް ނުނެގުމަށެވެ.

ބަންގްލަދޭޝް އިން މިހާތަނަށް ބޫޓާނާ ދެކޮޅަށް ކުޅުނު 13 މެޗުގެ ތެރެއިން 10 މެޗުން މޮޅުވީ ބަންގްލަދޭޝްއެވެ. ބޫޓާން ކައިރިން ބަންގްލަދޭޝް ބަލިވެފައި ވަނީ އެންމެ މެޗަކުންނެވެ. އެއީ 2016 ވަނަ އަހަރު އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ކުޅުނު މެޗަކުންނެވެ. އެމެޗުން ބަންގްލަދޭޝް ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ.

"މިދިޔަ ދެތިން ފަހަރަކުންވެސް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދިޔުމާ ބަންގްލަދޭޝް ވަރަށް ގާތަށް ޖެހިލި. ރާއްޖެ ކައިރީ ކުޅުނު ކުޅުން ތަކުރާރުކޮށް މިއަދު ހިތްވަރު ދެއްކިއްޖެ ނަމަ، އެ ހޯދެނީ ހަނދާނުން ފޮހެލަން ދަތި ކާމިޔާބީއެއް،" 2021 ވަނަ އަހަރު ރާއްޖޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުގެ މުހިންމު މެޗެއްގައި ނޭޕާލާ 1-1 އިން އެއްވަރުވެ، ފައިނަލްގެ އުންމީދު ގެއްލުނު ޓީމުގެވެސް ގޯލު ބެލެހެއްޓި، ބަންގްލަދޭޝްގެ އެއް ނަންބަރު ގޯލުކީޕަރު އަނީސުރް ރަހްމާން ޒީކޯ ބުންޏެވެ.

ޒީކޯގެ ނަޒަރުގައި މިރޭ ރާއްޖެ ގަޑިން 7:00 ގައި ބޫޓާނާ ދެކޮޅަށް ކުޅޭ މެޗު އުންދަގޫވާނެއެވެ.