އިންޑިއާގެ ބެންގަލޫރުން: އިމާދު ލަތީފު/ ވަން ސްޕޯޓްސް

ކުޅުންތެރިންގެ ހިމާޔަތުގައި ކަންކަންކުރަން ފަސްނުޖެހޭނެކަމަށާއި ރަތްކާޑު ދެއްކިއަސް އަދި އުލުބޭންދިއަސް ބުނަންޖެހޭ އެއްޗެއް ބުނާނެ ކަމަށާއި ކުރަންޖެހޭ ކަމެއްވެސް ކުރާނެ ކަމަށް އިންޑިޔާގެ ކޯޗު އިގޯރ ސްޓިމަކް ވަނީ ބުނެފައެވެ. އޭނާ މިހެން ބުނެފައިވަނީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިންޑިޔާއާއި ޕާކިސްތާނު ކުޅުނު މެޗުގައި ޕާކިސްތާނަށް ލިބުނު އެއްލުމަކަށް ހުރަސްއަޅައި ޕާކިސްތާނު ކުޅުންތެރިޔާއަށް ފުރައްސާރަކުރި މައްސަލައިގައި އޭނާއަށް ރަތްކާޑު ދައްކައި ބެންޗުން ފޮނުވާލުމާ ގުޅިގެންނެވެ. ސްޓިމަކްގެ ރަތްކާޑާ ގުޅިގެން އިންޑިޔާގެ ދެވަނަ މެޗުގައި ނޭޕާލާ ދެކޮޅަށް ޓީމަށް އިރުޝާދުދޭން އޭނާއަށް ބެންޗަކު ނީދެވުނެވެ. ސްޓިމަކް އެނބުރި އައީ އިންޑިޔާ އާއި ކުވޭތުގެ މެޗަށެވެ. މިފަހަރުވެސް އޭނާއަށް ހިމޭނަކުން ނީދެވުނެވެ.

ކުވޭތު މެޗުގައި ރެފްރީގެ ނިންމުންތަކާ ދެކޮޅުހަދައި ހަތަރުވަނަ އޮފިޝަލާ ޒުވާބުކޮށް މިޒާތަކުން އުޅެގަތީމާ އަނެއްކާވެސް ރަތްކާޑު ދައްކައި ބެންޗުން ފޮނުވައިލީއެވެ. މިއީ މި މުބާރާތުގައި ސްޓިމަކްށް ދެއްކުނު ދެވަނަ ރަތްކާޑެވެ. މިކާޑުގެ ސަބަބުން ސެމީފައިނަލްގައި ޓީމަށް އިރުޝާދުދޭން އޭނާއަކަށް ބެންޗުގައި ނީނދެވޭނެއެވެ. ހަގީގަތުގައިވެސް މިއީ ވަރަށް ސީރިއަސް މައްސަލައެކެވެ. ސްޓިމަކްގެ މަގްސަދާމެދު ސީރިއަސް ސުވާލުތަކެއްވެސް އެބައުފެދެއެވެ. އޭނާ ބުނެފައިވަނީ ކުޅުންތެރިންނާއި ޓީމުގެ ހިމާޔަތުގައި ކަންކަންކުރާ ވާހަކައެވެ. އެކަމަކު ކާޑު ހޯދަމުން މިދަނީ ކުޅުންތެރިންގެ ހިމާޔަތުގައެއް ނޫނެވެ. ކާޑު ހޯދަންޖެހޭ ހާލަތުގައެއްވެސް ނޫނެވެ. އިންޑިޔާ ގޯލްޖަހައި ލީޑްހޯދައި ހަމަޖެހިގެން ކުޅެމުން އަންނަނިކޮށެވެ. ސްޓިމަކްގެ މި ޗަރުކޭހުން ޓީމަށް ނޭދެވޭ އަސަރު އެބަފޯރައެވެ.

ސްޓިމަކް ބެންޗުން ފޮނުވައިލިއަސް ޕާކިސްތާނު މެޗުގައި މާބޮޑު އަސަރެއް ކުރިތަނެއް ނުފެނުނެވެ. އެކަމަކު ކުވޭތު މެޗުގައި އަސަރު ކުރިއެވެ. އިންޑިޔާގެ ކުޅުންތެރިންގެ ކޮންސެންޓްރޭޝަނަށް ބަދަލު އަައެވެ. ކުވޭތުން ލަނޑުޖަހައި ނަތީޖާ އެއްވަރުކުރިއެވެ. ކުވޭތުގެ ލަނޑަކީ މިއަހަރު ފެށުނު ފަހުން އިންޑިޔާ ކޮޅަށް ވަދެފައިވާ ފުރަތަމަ ގޯލެވެ. ބައިކޮޅަށް އެއްޗެއް ވަނުމަކާ ނުލައި އިންޑިޔާ ވަނީ މިއަހަރު 8 މެޗު ކުޅެފައެވެ. އެ ރިކޯޑު އިއްޔެއޮތީ ނިމުމަކަށް އައިސްފައެވެ. އަޅުގަނޑަށް ގަބޫލުކުރެވޭގޮތުން ސްޓިމަކްގެ މި ޗަރުކޭހަކީ ސަޕޯޓަރުން ފޯރިއަރުވައި އޭނާއަކީ ވަރަށް އިންޑިޔާވަންތަ މީހެއްކަން ދެއްކުމަށް ކުރާ ކަމެކެވެ. އެހެން މިދެންނެވީ ރަތްކާޑު ދެއްކީމާ އިއްޔެ އޭނާ ދެން ކަންތައްކުރި ގޮތުންނެވެ. އޭނާ ގޮސްއިނީ އިންޑިޔާ ސަޕޯޓަރުންނާއެކު ސިޑިބަރީގައެވެ.

އުމުރުން 55 އަހަރުވީ ސްޓިމަކަކީ މިފާޑަށް އުޅެންޖެހޭ މީހެއް ނޫނެވެ. އޭނާއަކީ އެއަށްވުރެ މަތީ ދަރަޖައިގެ ތަޖުރިބާކާރެކެވެ. ދުނިޔޭގެ އެންމެ މަތީ ދަރަޖައިގެ ފުޓްބޯޅަވެސް ތަޖުރިބާކޮށް ކާމިޔާބީތައް ހޯދާފައިވާ މީހެކެވެ. ދެކުނު އޭޝިޔާ ސަރަހައްދުގެ މުބާރާތެއްގައި ރެފްރީންނާ ޒުވާބުކޮށް އިދިކޮޅު ކުޅުންތެރިން ގަޔަށް އަތްލައި ކޮއްޕައި، މިޒާތަކުން އަޚުލާގީ އިމުން ބޭރުވުމަކީ އޭނާއާމެދު ގިނަބަޔަކު ހީކުރާ ގޮތެއް ނޫނެވެ. ސްޓިމަކަކީ ކްރޮއޭޝިއާގެ ކޯޗުކަންވެސް ކޮށްފައިވާ ތަޖުރިބާކާރެކެވެ. ކްރޮއޭޝިއާގެ ކޯޗުކަން އޭނާކޮށްފައިވަނީ 2012 އިން 2013 އަށެވެ. އެ މުއްދަތުގެ ތެރޭގައި ފީފާ ރޭންކިންގައި ކްރޮއޭޝިއާ ދުނިޔޭގެ ހަތަރުވަނައަށް މައްޗަށް ޖެހިލިއެވެ. މިހާރު ކްރޮއޭޝިއާގެ ޓީމުގައި ނަގާކިޔަން އެތިބަ ބައެއް ސީނިއަރ ކުޅުންތެރިން އެންމެ ފުރަތަމަ ގައުމީ ޓީމަށް ގެނައީވެސް ސްޓިމަކެވެ.

ކުޅުންތެރިއެއްގެ ގޮތުގައިވެސް އަދި ކޯޗެއްގެ ގޮތުގައިވެސް ސްޓިމަކަކީ ރުޅިގަދަ މީހެކެވެ. އެކަމަކު މިހާރު އޭނާ އެއުޅޭ ފާޑަށް ކަމަކަށް ނުވާޒާތުގެ ކަންކަން ބޮޑުކޮށްލައިގެން އަޚުލާގީ އިމުން ބޭރުވެގެން އުޅުނުތަނެއް މީގެ ކުރިއަކުން ނުފެނެއެވެ. ހައިރާންވާންޖެހޭ ސަބަބަކީ އެއީއެވެ. ޔޫގޯސްލާވިޔާ ރޫޅުމުގެ ކުރިން އެގައުމުގެ ޔޫ ޓުވެންޓީއަށް އޭނާ ވަނީ ކުޅެފައެވެ. އޭނާވަނީ ފީފާ ޔޫ ޓުވެންޓީ ވޯލްޑްކަޕްވެސް ޔޫގޯސްލާވިޔާއަށް ކާމިޔާބުކޮށްދީފައެވެ. އަދި ޔުއޭފާ ޔޫ ޓުވެންޓީވަން ޔޫރޯގެ ސިލްވަރ މެޑަލްވެސް އޭނާ ވަނީ ޔޫގޯސްލާވިޔާއަށް ހޯދައިދީފައެވެ. އެއީ އެންމެ ޒުވާން ދައުރުގައި އޭނާގެ ފަށައިގަތުމެވެ. ކްރޮއޭޝިއާ މިނިވަންވުމަށްފަހު ކްރޮއޭޝިއާގެ ގައުމީ ޓީމަށް އޭނާ 53 މެޗު ކުޅެދީފައިވެއެވެ. ޔޫރޯ 96 އަދި ވޯލްޑްކަޕް 98 ގައިވެސް އޭނާ ކުޅުނެވެ. މީގެ ތެރެއިން 98 ގެ ވޯލްޑްކަޕްގެ ތިންވަނަ ކްރޮއޭޝިއާ ހޯދިއިރު ޓީމުގެ ސެންޓަރ ބެކަކީ ސްޓިމަކެވެ.

ކުޅުންތެރިއެއްގެ ގޮތުގައި ސްޕޭނުގެ ކާޑިޒް އާއި އިންގްލެންޑްގެ ޑާބީ ކައުންޓީއާއި ވެސްޓްހޭމް ޔުނައިޓެޑުންވެސް އޭނާ ފެނުނެވެ. ކުޅުމުން ރިޓަޔަރ ކުރުމަށްފަހު ކޯޗިންގެ ދާއިރާއަށް 2005 ވަނަ އަހަރުވަދެ ކްރޮއޭޝިއާގެ އެންމެ ވަރުގަދަ ދެ ކުލަބަށްވެސް އިރުޝާދު ދީފައިވެއެވެ. ޔޫރަޕް ދޫކޮށް އޭޝިޔާއަށް އައިސް އީރާނުގެ ސެޕަހާނާއި ގަތަރުގެ ޝަހާނިއްޔާއަށްވެސް އިރުޝާދު ދީފައިވެއެވެ. އިންޑިޔާ ޓީމާ ހަވާލުވީ 2019 ގައެވެ. އޭނާގެ އިރުޝާދުގެ ދަށުން އިންޑިޔާ ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދައިފައެވެ. މިކަންކަން މިހެންހުރުމާއެކު ސްޓިމަކަކީ އިހުތިރާމް ހައްގު ކޯޗެކެވެ. އެކަމަކު އިހުތިރާމަކީ އެމީހެއްގެ އަމިއްލަ ސުލޫކާއި އަޚުލާގު ރަނގަޅުވެގެންނޫނީ ދެމެހެއްޓޭ އެއްޗެއްވެސް ނޫނެވެ. މިކަންކަން ހިތަށް އަރައިފައި އިގޯރ ސްޓިމަކާމެދު އެއްޗެއް ބުނާން ޖެހުނީއެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.