އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕްގައި މިރޭ އިންޑިއާއާ ދެކޮޅަށް ކުޅުނު ވާދަވެރި މެޗުގެ ފައިދާ ދެ ޓީމަށްވެސް ކުރާނެ ކަމަށް ކުވައިތުގެ ޕޯޗުގަލް ކޯޗު، ރުއި ބެންޓޯ ބުނެފިއެވެ.
ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި އިންޑިއާއާއި ކުވައިތު މިރޭ ކުޅުނު ގްރޫޕް އޭގެ ފަހު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. ވަރުގަދަ މެޗު އެއްވަރުވެ، އެއްވަނަ ލިބުނީ ކުވައިތަށެވެ. އެއީ ޖެހި ގޯލުންނެވެ. އިންޑިއާއާއި ކުވައިތުވެސް ހަތް ޕޮއިންޓާއި ހަ ފައިދާ ގޯލާއެކު އޮތް އިރު، ކުވައިތު ވަނީ އިންޑިއާއަށްވުރެ އިތުރަށް އެއް ގޯލު ޖަހައިފައެވެ. ގްރޫޕްގެ ތިންވަނަ ހޯދި ނޭޕާލަށް ވަނީ ތިން މެޗުން ތިން ޕޮއިންޓް ލިބިފައެވެ. ޕޮއިންޓެއް ނުލިބި އޮތީ ޕާކިސްތާނެވެ.
މިރޭގެ މެޗު ވަރަށް ބޮޑަށް ހޫނުވެގެން ގޮސްފައިވާ އިރު، ޖުމުލަ ތިން ރަތް ކާޑު ފެނުނެވެ. މެޗުގައި ދެ ޓީމުގެ ދެމެދުގައި ވަރުގަދަ ކުރިމަތިލުންތަކެއް ހިނގިއެވެ. އަދި އެ ހަމަނުޖެހުމާ ގުޅިގެން ކުވައިތުގެ ހަމަދް އަލް ގަލަފް އަދި އިންޑިއާގެ ރަހިމް އަލީއަށް ވެސް ރަތް ކާޑެއް ދައްކައިފައިވެއެވެ. އަދި އޭގެ އިތުރުން ދެ ރީނދޫ ކާޑާއެކު އިންޑިއާ ކޯޗު އީގޯ ސްޓިމަކަށް ރަތް ކާޑު މިރޭވެސް ދައްކާފައިވެއެވެ.
އެކަންކަމަށް އެއްވެސް އެއްޗެއް ބުނަން އެބައޮތްތޯ ބެންޓޯއާ ސުވާލުކުރުމުން އޭނާ ބުނީ ރެފްރީންގެ ކަމަކާ އެއްވެސް ވަރަކަށް ވާހަކަ ނުދައްކާނެ ކަމަށެވެ.
"ދެ ބެންޗުންގެ ދެމެދުގައި ކަންކަން ހިނގުމަކީ އާންމުކަމެއް. ދެން އަނެއް ކަމަކަށް، އަހަންނަކީ މެޗުގެ ރެފްރީންނާ ގުޅޭގޮތުން އެއްވެސް ވާހަކައެއް ދައްކާ މީހެއް ނޫން. އަހަންނަށް އެނގޭ މި ރެފްރީންނަށް މިކަހަލަ މެޗުތައް ލިބިގެންކަން ފެންވަރު ރަނގަޅުވެވޭނީ. އަހަރެންގެ މަސައްކަތެއް ނޫން ރެފްރީންގެ މަސައްކަތް އެނަލައިޒް ކުރުމަކީ. އެ ކޮމިޓީން ރެފްރީންގެ ކަންކަން އެނަލައިޒް ކުރާނެ. އެކަމަކަށް ޖަވާބެއް ނެތް،" ބެންޓޯ ބުންޏެވެ.
މިރޭގެ މެޗުގެ ކުރިން އިންޑިއާގެ ވަރުގަދަކަން އެނގޭ ކަމަށް ކޯޗު ބެންޓޯ ބުނެފައިވާ އިރު، އޭނާ އިތުރަށް ބުނީ ވާދަވެރި މެޗުން ދެ ޓީމަށްވެސް ފައިދާތަކެއް ކުރާނެ ކަމަށެވެ.
"އަހަރެމެންނަށް އެނގޭ އިންޑިއާގައި، މި ގައުމަށް އައިސް ކުޅުމަކީ އުނދަގޫ ކަމެއްކަން. އެހާ ބައިވަރު ސަޕޯޓަރުންނާއެކު ކުޅެން އުނދަގޫވާނެ. އިންޑިއާގައި އޮތީ ވަރަށް ވަރުގަދަ ޓީމެއް. މެޗުގެ ވާދަވެރިކަމުން ދެ ޓީމުގެ ކުޅުންތެރިންނަށްވެސް މިއީ ރަނގަޅު ތަޖުރިބާއަކަށް ވާނެ. އަހަރެމެންނަށް ފުރަތަމަ ހާފުގައި ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވި ނަމަވެސް، ފަހު ހާފުގައި އަހަރެމެންގެ އަސްލު ފެންވަރު ފެނުނު،" ބެންޓޯ އިތުރަށް ބުންޏެވެ.
ބެންޓޯ ބުނީ ކުވައިތު ފަރިތައީ ބޯޅަ ކޮންޓްރޯލުކޮށްގެން ކުޅޭ ކުޅުމެއް ކުޅެން ކަމަށާއި، ބޯޅަ ގެއްލިފައި އޮންނަ ހާލަތްތަކުގައި އުނދަގޫތަކާ ކުރިމަތިވާ ކަމަށެވެ.
"އަހަރެމެންގެ ކުޅުންތެރިންނަކީ ޓެކްނިކަލީ ރަނގަޅު ކުޅުންތެރިން. މިއީ އަހަރެމެންނަށް ކަންކަން ރަނގަޅުކުރަން ލިބުނު ފުރުސަތެއް. މި މުބާރާތަކީ ކުވައިތުގެ ފެންވަރު ރަނގަޅުކުރަން ލިބުނު ފުރުސަތެއް،" ބެންޓޯ ބުންޏެވެ.
ކުވައިތުން ސެމީ ފައިނަލުގައި ގްރޫޕް ބީގެ ދެވަނަ ޓީމާ ދެކޮޅަށް ނުކުންނާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023