Close Election
Close
ރިޕޯޓް

މިފަހަރު އީދު ފޯރި ގަދަކޮށް ފެންނަ ބައެއް ރަށްތައް

އަޟްހާ އީދު ނުވަތަ ބޮޑު އީދު ހުރިހާ ރަށެއްގައިހެން ކުލަގަދަކޮށް ކޮންމެ އަހަރުކުވެސް ފާހަގަ ކުރެއެވެ. އެއް ރަށުން އަނެއް ރަށަށް ވުރެ ކުލަގަދަކޮށް ގިނަ ކުޅިވަޅުގެ ހަރަކާތްތަކާއެކު އީދު ފާހަގަކުރެއެވެ. އެފަދަ ރަށްތަކަށް އާއިލާއެކު ނުވަތަ ރައްޓެހިންނާއެކު ކޮންމެ ފަހަރަކުހެން ދަތުރު ގޮސް އުފާވެރި އަދި ކުލަގަދަ އީދެއް ފާހަގަކުރަން ބޭނުންވާ މީހުން މަދެއް ނޫނެވެ.

އެފަދަ ރަށަކަށް ދަތުރުގޮސް މިފަހަރުގެ އަޟްހާ އީދު ކުލަގަދަކޮށް ފާހަގަކޮށްލަން ބޭނުން ހެއްޔެވެ؟ ތިރީގައި މި ވަނީ ފާހަގަކޮށްލެވޭ ރަށްރަށެވެ.

ހއ. ކެލާ

ކެލާގައި މިފަހަރު ވަނީ ކުލަގަދަކޮށް އީދު ފާހަގަ ކުރަން ނިންމައިފައެވެ. ފޯރިގަދަ އީދެއް ފާހަގަ ކުރުމުގެ ގޮތުން ކެލާއިން ވަނީ އިންޑިއާއިން މިއުޒިޝަނުން ގެނެސް ޝޯ ބޭއްވުމަށް ނިންމައި ދިވެހިންގެ ސަގާފީ ކުޅިވަޅުތަކާއި ނެށުންތައް ބޭއްވުމަށް ނިންމައިފައެވެ. އެ ހަރަކާތްތައް ރާވާފައިވަނީ އީދުގެ ކޮންމެ ދުވަހަކުވެސް ބާއްވާ ގޮތަށެވެ.

އީދުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ހައްޖު ދުވަހުގެ ރޭ ވެދުމާ ދިއުމާއި އީދު ބަޑި ރޯކުރުމުގެ ހަރަކާތެއް ކެލާގައި ބާއްވާނެއެވެ. އަދި މިރޭ ފަސް މިނިޓަށް ހަވާ އަރުވާނެއެވެ. އީދުގެ ފުރަތަމަ ދުވަހު އީދު ނަމާދަށް ފަހު ބޮޑު ސަޔެއް ބާއްވާނެއެވެ. އޭގެ ފަހުން އީދުގެ ހަރަކާތްތަކުގެ ތެރެއިން އެންމެ ފުރަތަމަ ބާއްވާ ސަގާފީ ކުޅިވަޅުގެ ހަރަކާތްތައް ފެށިގެންދާނެ ކަމަށާއި ފޯރިގަދަ މަސް ރޭހެއް ވެސް ބާއްވާނެއެވެ. އެ ރޭހުގައި ބާނާ މަހުން ހައްޖު ދުވަހު ރަށުގައި ބޮޑު ބާބަކިއުއެއް އޮންނާނެއެވެ.

ކެލާގައި ކުރިއަށް ގެންދާ ސަގާފީ ހަރަކާތްތަކުގެ ތެރޭގައި ލަނގިރި އާއި ދަފިނެގުމާއި މަލިކު ދަނޑިޖެހުން ހިމެނެއެވެ. އަދި ވާދެމުން ވެސް އޮންނާނެއެވެ.

އއ. ތޮއްޑޫ

ތޮއްޑޫގައި ވެސް މިފަހަރު ފޯރިގަދަކޮށް އީދު ފާހަގަ ކުރުމުގެ އިންތިޒާމުތައް ވަނީ ހަމަޖެހިފައެވެ.

އެ ރަށުގައި އީދު ފާހަގަކުރަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު އީދު ނަމާދަށްފަހު ބޮޑު ސަޔެއް އޮންނާނެއެވެ. އެ ދުވަހު މެންދުރު އުލުހިއްޔާ ކަތިލުމާއި ފައިސާގެ އިނާމުތަކެއް ހުށަހަޅައިފައިވާ ފައިގަތަޅާ މުބާރާތެއް ބާއްވާނެއެވެ. މަސް ރޭހެއް ވެސް ބާއްވާނެއެވެ. ބޮޑުމަސް ކޯޑި އަދި މާލި ނެރުމާއި ކުޑަކުދިންނަށް ހާއްސަކޮށްގެން ކުޑަކުދިންގެ ހަވީރެއްގެ އިތުރުން ހުރިހާ އުމުރުފުރާތަކަށް ހާއްސަ މިއުޒިކް ޝޯއެއް ބާއްވާނެއެވެ.

އެ ރަށު ކައުންސިލުން ވަނީ މާލެއިން އެ ރަށަށް ދަތުރުކުރާ ފަރާތްތަކަށް ފަސޭހަވާނެހެން ހައްޖު ދުވަހުން ފެށިގެން އީދުގެ ކުޅިވަރުތައް ނިމުމާއި ހަމައަށް އިތުރު ލޯންޗް ދަތުރުތައް ހަމަޖައްސައިފައެވެ.

ޅ. ހިންނަވަރު

ކޮވިޑް-19އިގެ ސަބަބުން މިދިޔަ އަހަރުތަކުގައި ހިންނަވަރުގައި އީދު ކުލަގަދަކޮށް ފާހަގަ ކުރެވިފައިނުވާތީ އެ ރަށު ކައުންސިލުން ވަނީ މި ފަހަރުގެ އީދު ފޯރިގަދަވާނެ ގޮތަށް އިންތިޒާމު ކޮށްފައެވެ.

ހިންވަރުގައި އީދު ފާހަގަ ކުރުމުގެ ގޮތުން އީދު ނަމާދަށް ފަހު ބޮޑު ސަޔެއް އޮންނާނެއެވެ. އެއަށްފަހު އީދުގެ ކުޅިވަރުތައް ފެށުމަށް ހަމަޖެހިފައިވަނީ "ކުލަ މަޖާ ރަން" އަކާއި ވޯޓާ ސްޕޯޓްސް ކުޅިވަރިތަކުންނެވެ. އަދި މާލި ޕެރޭޑެއް ވެސް ބާއްވާނެއެވެ.

މީގެ އިތުރުން ކާނިވާ ސްޓައިލަށް ހިންނަވަރުގައި ނައިޓް ޝޯ އެއް ބާއްވާނެއެވެ. އެ ޝޯގައި ޕާފޯމްކުރާނީ މުހައްމަދު އަބްދުލް އަނީ (ތޭރަވާ)، އިބްރާހީމް ޒައިދު އަލީ (ކުޑައިއްބެ) އާއި، ކޮޕްސް ބޭންޑް، މޯލްޑިިވިއަން އައިޑޮލްއިން ވިދާލި ޝަހުދާން އެންޑް ބޭންޑް، މަނަދޫ ހިޔަލަ ޑާންސް ގްރޫޕްއެވެ. މީގެ އިތުރުން އިންޑިއާގެ އާޓިސްޓެއް ކަމަށްވާ މުހައްމަދު ފާއިޒު އެވެ.

ކ. މާފުށި

އީދު ފާހަގަކުރަން އެންމެ ގިނަ މީހުން ދާނެ އެއް ރަށަކަށް މާފުށި ވާނެއެވެ.

އެ ރަށުގައި އީދު ފާހަގަކުރުމުގެ ގޮތުން ރާވާފައިވާ ކަންކަމުގެ ތެރޭގައި ބޮޑު ޖާފަތެއް އޮންނާނެއެވެ. އެ ޖާފަތް ކުރިއަށްދާ ވަގުތު ސަގާފީ ނެށުމުގެ ހަރަކާތްތައް ބާއްވާނެއެވެ. އަދި ކުޑަކުދިންގެ ހަވީރެއް އީދުގެ ފުރަތަމަ ދުވަހު ބާއްވާނެއެވެ. އަދި ބޮޑު މަހުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދާނެއެވެ.

މީގެ އިތުރުން ކުޑަކުދިންގެ މެދުގައި މަގުބޫލު ރޮބޯމޭން ޝޯއެއް ބާއްވާނެއެވެ. އީދު ފާހަގަކުރުމުގެ ގޮތުން ކޮންމެ ރެއަކު މިއުޒިކް ޝޯއެއް ބާއްވާނެއެވެ. ޝޯ ބާއްވާ ފުރަތަމަ ދުވަހު ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ކ. ގުޅި

މާލެއާ ކައިރިގައި އޮންނަ މި ރަށަކީ މިފަހަރުގެ ބޮޑު އީދު އެންމެ ފޯރިގަދަކޮށް ފާހަގަކުރާނެ އެއް ރަށެވެ.

ގުޅީގައި އީދު ފާހަގަކުރަން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ބޮޑު މަހުގެ ހަރަކާތްތަކާއި ދެ ޖިންސުގެ ހާއްސަ މާލި ޕެރޭޑެއްގެ އިތުރުން ތަފާތު ސްޓޭޖް ޝޯތައް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކުޑަކުދިންގެ ހާއްސަ މާލި ޕެރޭޑެއް ވެސް ވަނީ ހަމަޖެހިފައެވެ. ހަމަ މިއާއިއެކު ކުރުފަލި އަދި އީދު ސައިވެސް އޮންނާނެ އެވެ. މީގެ އިތުރުން އީދު ފުރުވުމުގެ ހަރަކާތެއް ބާއްވާނެއެވެ.

ކުޅިވަރުގެ ހަރަކާތްތަކަށް ބަލާއިރު ގުޅީގައި ވޮލީ، ފުޓްބޯޅަ އަދި ފައިގަތަޅާ މުބާރާތެއް ބާއްވާނެއެވެ. ރިލޭ މުބާރަތަކާއި ވާދެމުމުގެ ފޯރިގަދަ މުބާރާތެއްވެސް ބާއްވާނެއެވެ.