ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ސާފް ޗެމްޕިއަންޝިޕްގައި ހެދި ރެކޯޑާ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އަރައި ހަމަކޮށްފިއެވެ.

ދަގަނޑޭގެ ރެކޯޑާ ޗެތުރީ އަރައި ހަމަކޮށްފައިވަނީ ސާފް ޗެމްޕިއަންޝިޕް 2023 ގައި މިރޭ ކުވައިތު ކޮޅަށް ޖެހި ގޯލާއެކުއެވެ. އެ ގޯލަކީ މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އޭނާ ޖެހި ފަސްވަނަ ގޯލެވެ.

ކުވައިތު ކޮޅަށް މިރޭ ޗެތުރީ ޖެހި ހިތްގައިމު ގޯލަކީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އޭނާ ޖެހި 23 ވަނަ ގޯލެވެ. އެންމެ ގިނަ ގޯލު ޖަހައިގެން ދަގަނޑޭ ވެސް ރެކޯޑު ހަދާފައިވަނީ 23 ގޯލާއެކުއެވެ. ނަމަވެސް އަނިޔާގެ ސަބަބުން އިންޑިއާގެ ބެންގަލޫރުގައި މިހާރު ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭ ނުކުޅެއެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި މިހާތަނަށް އެންމެ ގިނަ ގޯލު ޖަހާފައިވަނީ ވެސް ޗެތުރީއެވެ. އޭނާ ވަނީ ގްރޫޕު ސްޓޭޖުގައި އިންޑިއާ އިން ކުޅުނު ހުރިހާ މެޗެއްގައި ވެސް ގޯލު ޖަހައިފައެވެ. އޭގެ ތެރެއިން ޕާކިސްތާން ކޮޅަށް އޭނާ ހެޓްރިކް ހެދި އިރު، ނޭޕާލް އަދި ކުވައިތު، އެއިން ކޮންމެ ޓީމެއް ކޮޅަށް ވެސް ގޯލެއް ޖެހިއެވެ.

ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭ އެންމެ ފަހުން ކުޅެފައިވަނީ ރާއްޖޭގައި ބާއްވި 2021 ގެ މުބާރާތުގައެވެ. އެ މުބާރާތުގައި ދަގަނޑޭގެ ތިން ގޯލެއް ފެނިގެންދިޔަ އިރު، އެ ގޯލުތައް ޖަހާފައިވަނީ ބަންގުލަދޭޝް އާއި ސްރީލަންކާގެ އިތުރުން އެފަހަރުގެ ޗެމްޕިއަންކަން ހޯދި އިންޑިއާ ކޮޅަށެވެ. އެ މުބާރާތް ރާއްޖެއިން ނިންމާލީ ތިންވަނައިގައެވެ.

ދެކުނު އޭޝިއާގައި ދަގަނޑޭ އެންމެ ފުރަތަމަ ވިދާލާފައިވަނީ ސާފް ޗެމްޕިއަންޝިޕް 2008 ގައެވެ. ރާއްޖެއަށް ފުރަތަަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ދަގަނޑޭއެވެ. އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދީ ދަގަނޑޭއެވެ.

ދެކުނު އޭޝިއާ ސަރަހައްދުގައި ދަގަނޑޭއާ އެންމެ ވާދަވެރި ޗެތުރީ، ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިންގެ ލިސްޓުގައި ހިމެނެއެވެ. އެ ލިސްޓުގައި އޭނާ ހިމެނެނީ ފަސް ވަނައިގައެވެ. އޭނާ ވަނީ 140 މެޗުން އިންޑިއާއަށް 93 ގޯލު ކާމިޔާބުކޮށްދީފައެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ 200 މެޗުން ޕޯޗުގަލަށް 123 ގޯލު ކާމިޔާބުކޮށްދިން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އަދި އެ ލިސްޓުގެ ތިންވަނައިގައި އޮތް ލިއޮނެލް މެސީ ވަނީ 175 މެޗުން އާޖެންޓީނާއަށް 103 ގޯލު ކާމިޔާބުކޮށްދީފައެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.