ސާފް 2023

ޕާކިސްތާން "ރީބިލްޑިން" ފޭސްއެއްގައި، ތިން ބައްޔާއެކުވެސް ކޯޗު ހިތްހަމަޖެހިފައި

އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ޕާކިސްތާން ފުޓްބޯޅަ ފެޑަރޭޝަންގެ އިދާރީ ގިނަ މައްސަލަތަކަކާ އެކު، އެ ގައުމުގެ ފުޓުބޯޅަ ގިނަ ދުވަސްތަކެއް ވަންދެން ސަސްޕެންޝަނެއްގައި އޮތެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ޕާކިސްތާންގެ ފުޓުބޯޅަ ހުއްޓި، ކުޅުންތެރިންނަށް ޖެހުނީ އެހެން ގައުމުތަކަށް ދިރިއުޅުން ބަދަލުކޮށް "ސަވައިވް" ވާށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ގިނަ ކުޅުންތެރިންނަށް ފުޓުބޯޅައިގެ ރަނގަޅު ފުރުސަތުތަކެއް މިދިޔަ އަހަރުތަކުގައި ނެތެވެ. ޕާކިސްތާނުގައި ޕްރޮފެޝަނަލް ލީގެއް ނެތުން އެއީ އެ ގައުމުގެ އެތައް ބައެއްގެ ކަންބޮޑުވުމުކެވެ. އާމީ، ނޭވީގެ އިތުރުން އެއާ ފޯސް ފަދަ ޓީމުތަކާއެކު ކުރިއަށް ގެންދާ ލީގެއްގައި ހުރިހާ ކުޅުންތެރިން ކުޅުމަކީ ހައްލެއް ނޫން ކަމަށް ގިނަ ކޯޗުން ދެކެއެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނުން ކުޅެފައިވާ އިރު، އެ ފަހަރު ބޫޓާން ކައިރިން ހޯދި މޮޅަކީ، މި މުބާރާތުގެ ކުރިން ޕާކިސްތާނުގެ ގައުމީ ޓީމުން އެންމެފަހުން ހޯދި މޮޅެވެ. އެ ސިލްސިލާއަށް ނިމުން ގެންނަން މިފަހަރުގެ ވަރުގަދަ ގްރޫޕަށް ޕާކިސްތާނުން ނުކުތީ ބައެއް ޔޫރަޕަށް އުފަން އެ ގައުމުގެ ކުޅުންތެރިންވެސް ޓީމުގައި ހިމަނައިގެންނެވެ. ނަމަވެސް މޮޅެއް ނުހޯދި ޖެހުނީ މުބާރާތް ނިންމާލާށެވެ.

"ޕާކިސްތާނުގެ ފުޓުބޯޅަ މި އޮތީ ރީބިލްޑިން ފޭސްއެއްގައި، ތަޖުރިބާކާރު ކުޅުންތެރިންތަކެއް ތިބި ނަމަވެސް އަހަރެމެންގެ މިއީ މުޅިން އާ ޓީމެއް. އަހަރެމެން އޮތީވެސް ވަރުގަދަ ގްރޫޕެއްގައި. އިންޑިއާއާއި ކުވައިތުވެސް އޮތް ގްރޫޕެއް މިއީ. މިއަދުގެ މެޗުގައި ނޭޕާލް ކައިރިން ރަނގަޅަށް ކުޅުނު. މިއީ އެންމެ ރަނގަޅު ނަތީޖާއެއް ނޫން ނަމަވެސް، މިއީ ރަނގަޅު ތަޖުރިބާއެއް. އަހަރެމެން ދާނީ ކަންތައްތަކެއް ރަނގަޅު ކުރަމުން. ޕާކިސްތާނަށް ވޯލްޑް ކަޕް ކޮލިފިކޭޝަން ކުޅުމުގެ ކުރިން އަދިވެސް މެޗުތަކެއް އެބަ ބޭނުންވޭ،" އިއްޔެ ނޭޕާލް ކައިރިން 1-0 އިން ބަލިވި މެޗަށްފަހު ކޯޗު ޝެހެޒާދު އަންވަރު ނޫސްވެރިންނަށް ބުންޏެވެ.

ޝެހެޒާދު ބުނީ މި މުބާރާތުގެ ކުރިން ފޯ ނޭޝަންސް ކަޕް ކުޅުމަކީވެސް ރަނގަޅެއް ކަމަށާއި ޕާކިސްތާނުން ގިނަ މެޗުތަކެއް ކުޅުނު ވަރަކަށް ރަނގަޅު ވަމުންދާނެ ކަމަށެވެ. ހާއްސަކޮށް މިފަހަރުގެ ޓީމާ ގުޅުނު އާ ކުޅުންތެރިންނަށް ޓީމަށް ހޭނެން ވަގުތު ނަގާނެ ކަމަށްވެސް ކޯޗު ޝެހެޒާދު ބުންޏެވެ.

އޭގެ އިތުރުން އޭނާ ބުނީ ފީފާ މެޗު ދުވަސްތަކުގައި އިތުރު މެޗުތަކެއް ކުޅެން ރާވާނެ ކަމަށާއި ޕާކިސްތާނަށް އެ މެޗުތަކަށް ކުޅުންތެރިން ދޫކޮށް ދޭން ކްލަބުތަކަށް އެދޭނެ ކަމަށެވެ. އަދި ހާއްސަކޮށް، ކުޅުންތެރިން ތައްޔާރުވާން ކުރިއާލާ ދުވަސްތަކެއްގައި ތަމްރީނު ކުރާނެ ކަމަށްވެސް ޝެހެޒާދު ބުންޏެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތިން މެޗުން ބަލިވި ނަމަވެސް، ކޯޗު ޝެހެޒާދުގެ ކަންބޮޑުވުމެއް، މާޔޫސްކަމެއް ނެތެވެ. ފުރުސަތަށް އޭނާ ހުރީ އުފަލުންނެވެ. ދުރުރާސްތާ ޓާގެޓަކީ ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗުތައް ކަމަށް އޭނާ ބުންޏެވެ. ޕާކިސްތާނުގެ ތާރީހުގައިވެސް އަދި ވޯލްޑް ކަޕް ކޮލިފިކޭޝަން މެޗަކުން މޮޅުވެފައި ނުވާ އިރު، އެ ޓީމުން މި ފަހަރު ހާސިލުކުރަން ބޭނުންވާ އަމާޒަކީ ކޮލިފިކޭޝަން މެޗެއް ކާމިޔާބުކުރުން ކަމަށް ޝެހެޒާދު ކުރިން ބުނެފައިވެއެވެ.

ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.