އިންޑިއާގެ ބެންގަލޫރުން: އިމާދު ލަތީފް/ ވަން ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އިންތިޒާމްކުރާ ފަރާތްތަކަށް މީގެކުރިން ދިމާނުވާކަހަލަ ގޮންޖެހުމެއް މިފަހަރު ބެންގަލޫރުގައި ކުރިއަށްދާ މުބާރާތުގައި ކުރިމަތިވެއްޖެއެވެ. އެއީ މެޗު ކުޅެމުންދަނިކޮށް ކުޅިބަލާ މީހުންގެ ތެރެއިން ބަޔަކު ދަނޑަށް އެރުމާއި ކުޅުން މެދުކަނޑާލަން ޖެހުމެވެ.

އެންމެ ފުރަތަމަ މިކަން ލައިގަތީ އިންޑިޔާ އާއި ޕާކިސްތާނު ކުޅުނު މެޗުގައެވެ. އެ މެޗުތެރޭގައި ދެފަހަރަކު ސަޕޯޓަރުން ދަނޑަށް އަރާފައިވެއެވެ. އެ ދެފަހަރުވެސް ކުޅުން މެދުކަނޑާލަން ޖެހުނެވެ. ދަނޑަށް އެރި މީހުންގެ ތެރެއިން އެކަކު އިންޑިޔާގެ ކެޕްޓަން ސުނިލް ޗެތުރީއާ ހަމައަށްގޮސް އޭނާއާ ސަލާންވެސް ކުރިއެވެ. ދެވަނަ މީހާ އަތުލައިގަތީ ޗެތުރީއާ ހަމައަށް ނުދެވިގެން އުޅެނިކޮށެވެ.

އެ މެޗުގައި ސަޕޯޓަރުން ދަނޑަށް އެރީ ޕާކިސްތާނާ ދެކޮޅު ފޯރީގައި ކަމަށް ބަލައިގެން މުބާރާތުގެ އިންތިޒާމް ކޮމިޓީން ތިއްބާ އިންޑިޔާ ކުޅުނު ދެވަނަ މެޗުގައިވެސް މިކަން ވަނީ ތަކުރާރުވެފައެވެ. ނޭޕާލާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ސަޕޯޓަރުން ވަނީ ދެފަހަރަކު ދަނޑަށް އަރައި ކުޅުން ހުއްޓުވައިފައެވެ. ދުވެފައިގޮސް ދަނޑަށް އަރަނީ ޗެތުރީއާ ސަލާންކުރުމަށެވެ.

މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފައިވަނީ ދެން އެޒާތުގެ ކަމަކަށް ފުރުސަތު ނުދޭނެ ކަމަށާއި އެގޮތަށް ދަނޑަށް އަރައިފިނަމަ އެމީހަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅުއަޅައި ފުލުހުން މެދުވެރިކޮށް ހައްޔަރުވެސް ކުރާނޭ ކަމުގައެވެ. މިރޭ ކުވޭތާ ދެކޮޅަށް އިންޑިޔާ ކުޅޭ މެޗުގައި ސަޕޯޓަރުން ދަނޑަށް އެރިޔަނުދިނުމަށް ޚާއްސަ ފިޔަވަޅުތައް ގިނަކޮށް ސަލާމަތީ އޮފިސަރުން ގިނަކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.