މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ސަރުކާރުން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ދިހަ މެމްބަރަކަށް ގޯތި ލިބިފައިވާ ކަމަށް ވަގުތީ ލިސްޓުން ދައްކައިފިއެވެ.
ހައުސިން މިނިސްޓްރީން މިއަދު ވަނީ އެ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓު އާންމުކޮށް ގެޒެޓްކޮށްފައެވެ. ބިންވެރިޔާ ސްކީމުގެ ދާއިމާ ލިސްޓު އާންމުކުރާނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.
ބިންވެރިޔާ ސްކީމުގެ ވަގުތީ ލިސްޓުގައިވާ ގޮތުން އެމްޑީޕީގެ ފަސް މެމްބަރަކާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ އެއް މެމްބަރަކަށް އަދި އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްގެ ހަތަރު މެމްބަރަކަށް ވަނީ ގޯތި ލިބިފައެވެ. އޭގެ ތެރޭގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމާއި ފިރިކަލުން ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް ވެސް ހިމެނިވަޑައިގަންނަވައެވެ.
އެ ބޭފުޅުންގެ އިތުރުން ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ މެމްބަރުންގެ ގޮތުގައި ފާހަގަކޮށްލެވޭ މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު) އާއި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ވެސް ގޯތި ލިބުނު މީހުންގެ ލިސްޓުގައި ހިމެނިވަޑައިގަންނަވައެވެ.
- އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް، އެމްޑީޕީ
- ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް، އެމްޑީޕީ
- ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު، އެމްޑީޕީ
- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް، އެމްޑީޕީ
- މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް، އެމްޑީޕީ
- މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)، ދަ ޑިމޮކްރެޓްސް
- މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)، ދަ ޑިމޮކްރެޓްސް
- މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، ދަ ޑިމޮކްރެޓްސް
- ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ދަ ޑިމޮކްރެޓްސް
- ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް، އެމްއެންޕީ
ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ މީހުންގެ ލިސްޓު އާންމުކުރުމަށް ހައުސިން މިނިސްޓްރީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައި އަސްލަމް ވިދާޅުވީ ލިސްޓު ހަދައި ވަކި ބަޔަކަށް ގޯތި ދިނުމަށް އެއްވެސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.
"ދެން އިސްމީހުން އަޅުގަނޑަށް ވެސް މެސެޖު ކުރޭ. އަދި މިތާ ތިއްބެވި އެހެން ބޭފުޅުންނަށް ވެސް މެސެޖު ކުރޭ. ދެން ކުޑަކުޑަ މުޖުތަމައެއް، އެންމެން އެންމެން ވެސް ދަނޭ. އަޅުގަނޑުގެ ފޯނު ނަމްބަރު ނޭނގޭ މީހަކު މި ދިވެހިރާއްޖޭގައި ނުވެސް އުޅޭނެކަން ނޭނގެ. ފޯނުކޮށްފައި ތިމަންނާގެ ކަންތައް ބަލައިލަދެއްޗޭ އެހެން ބުނޭ މީހުން. ދެން އަޅުގަނޑު ހުންނާނެ ބުނެފަ، ނޯޓެޑް، އޯކޭ، ޔޭސް އެކަހަލަ އެއްޗެހި ޖަހާފައި. އެއީ ދެން އެ މެސެޖު ލިބުނީމަ ލިބުނުކަން އަންގާލަނީ. އެހެންވީމާ އެކަހަލަ ކަންތައްވެފައި ހުންނާނެ، ދެން ކޮމިޓީގައި ތިއްބެވި ބޭފުޅުންނަށް ވެސް. އޭގެ އިތުރަކަށް ކަމެއް ހިނގާފައެއް ނޯންނާނެ. ލިސްޓެއް ހަދައި ވަކި ބަޔަކަށް ބޭނުންވާ ގޮތަކަށް ވަކިކަމެއް ކޮށްފައެއް ނޯންނާނެ،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ބިންވެރިޔާ ސްކީމުގެ އެންމެ ބޮޑު މަގުސަދަކީ މާލޭ މީހުންގެ ތެރެއިން ބިން ނެތް މީހުންނަށް ބިން ދިނުން ކަމަށާއި ގޯތި ދިނުމުގެ މަސައްކަތް ކުރިއިރު މާލޭގެ އެއްވެސް ގެއަކަށް ޒިޔާރަތް ކޮށްފައިނުވާނެ ކަމަށެވެ.
"ގަސްތުގައި ނުދިޔައީ ގޭގެއަށް، އެއީ ގޭގެއަށް ވިޒިޓް ކުރީމަ، ކުރީ ފަހަރުގެ ތަޖުރިބާއަކީ ގޭގެއަށް ދާއިރު، މީހުން ގޭގެއަށް ދާކަން އެނގުނީމަ އެ މީހާ ދައްކަން ބޭނުންވާ ތަނެއްގައި އެ މީހާ އުޅެނީ. އެއީކީ ކޮންމެހެން އިންސާފުވެރިކޮށްކަމެއް ކުރެވޭ ކަމެއްގެ ގޮތުގައި ނުދެކެން،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ގޯތި ދިނުމަށް މައުލޫމާތު އެއްކުރީ ސަރުކާރުގެ އެކި އިދާރާތަކުން ކަމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުންގެ ވަގުތީ ލިސްޓު މިހާރު ވަނީ ގެޒެޓުގައި އާންމުކޮށްފައެވެ. އެ ސްކީމުގެ ދާއިމީ ލިސްޓު އާންމުކުރަނީ އަންނަ މަހުގެ 15 ވަނަ ދުވަހުއެވެ.
އަސްލަމް ވިދާޅުވީ މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށާއި ނަމަވެސް ފުރަތަމަ ބުރުގައި ދޫކުރާނީ 5،000 ގޯތި ކަމަށެވެ. އެގޮތުން ފުރަތަމަ ބުރުގައި ގޯތި ލިބޭ ފަރާތްތަކުގެ ވަގުތީ ލިސްޓު މިއަދު ގެޒެޓު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ފުރަތަމަ ބުރުގައި ދޫކުރާ 5،000 ގޯތި ލިބެނީ ޝަރުތު ހަމަވާ މީހުންގެ ތެރެއިން 10،314 މީހުންނަށް ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ނިންމާފައިވަނީ މި ޕްރޮގްރާމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ހުރިހާ ފަރާތްތަކަކަށް ގޯތި ދިނުމަށް. އެހެންނަމަވެސް މިއަދު ގެޒެޓުކުރާނީ ފުރަތަމަ އިއުލާނު ކުރި 5،000 ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު،" އަސްލަމް ވިދާޅުވިއެވެ.
އަސްލަމް އިތުރަށް ވިދާޅުވީ މި ޕްރޮގްރާމުގެ ދަށުން ދެވަނަ ބުރުގައި ދޫކުރާ ގޯއްޗަށް 9،544 ފަރާތެެއް ޝަރުތު ހަމަވާ ކަމަށެވެ. އެ ގޯތިތައް ދޫކުރާނީ ކޮން ތަނަކުން ކަމެއް ވިދާޅެއް ނުވެއެވެ.
ބިންވެރިޔާ ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯއްޗެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއް ނަމަ، އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމުލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެއެވެ. މި ގޯތި ދޫކުރަން ނިންމާފައިވަނީ ހުޅުމާލެ އާއި ގުޅިފަޅުންނެވެ. އެގޮތުން 1،000 ގޯތި ދިނުމަށް ނިންމާފައިވަނީ ހުޅުމާލެ އިންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު