އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕް 2023ގެ ގްރޫޕް ބީގެ ފަހު މެޗުގައި ބަންގްލަދޭޝްއަށް ބޫޓާން ބަލިކުރަން ފަސޭހަ ނުވާނެ ކަމަށް ކޯޗު ޕެމާ ޑޯޖީ ބުނެފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ލުބުނާނުން ބޫޓާން ބަލިކުރީ 4-1ގެ ނަތީޖާއަކުންނެވެ. މިރޭގެ ނަތީޖާ އާއެކު ބޫޓާން ވަނީ ކެޓުމާ ގާތަށް ޖެހިލައިފައެވެ. ލުބުނާނުން ހޯދި ނަތީޖާ އާއެކު އެ ޓީމަށް ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ.

ރާއްޖެއާއި ބަންގްލަދޭޝްއާއި ދެ ޓީމަށްވެސް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ލުބުނާނުން ފަހު މެޗުގައި ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. އެ މެޗު އެއްވަރު ކޮށްލައިގެންވެސް، އަދި ބޮޑު ތަފާތަކުން ރާއްޖެ ކައިރިން ބަލިނުވެ އެ ޓީމަށް ސެމީ ޔަގީންވާނެއެވެ. ބަންގްލަދޭޝް އިން ފަހު މެޗުގައި ބޫޓާނާ ދެކޮޅަށް ނުކުންނަ އިރު، ބޫޓާނަށް މިހާރު އޮތީ އަމިއްލަ ބާރު ގެއްލިފައެވެ. އެ މެޗުން އެއްވަރު ވިޔަސް ބަންގްލަދޭޝް ސެމީއަށް ދާނެއެވެ. ބޫޓާނަށް ސެމީގެ ފުރުސަތު ހޯދެން އޮތީ ބަންގްލަދޭޝް ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްގެންނެވެ. އެހެން އެކަން އޮތަސް ޕެމާގެ އުންމީދަކީ ރަނގަޅު ކުޅުމެއް ފަހު މެޗުގައި ކުޅުމެވެ.

"ބަންގްލަދޭޝްއަށްވެސް އަހަރެމެން ކައިރީ މޮޅުވާން ފަސޭހައެއް ނުވާނެ. އަހަރެންގެ އެންމެ މުހިންމު ކަމަކީ އުންމީދު ކަނޑާނުލުން. އަހަރެމެން ގްރޫޕުގައި ނެތް ބަލި ޓީމެއް. ހުރިހާ ޓީމެއްވެސް ވަރުގަދަ ވާނެ. ބަންގްލަދޭޝްއަކީވެސް ރަނގަޅު ފެންވަރެއްގެ ޓީމެއް،" ޕެމާ ރޭ ބުންޏެވެ.

ލުބުނާނުން ރޭ ކުވައިތު ކޮޅަށް ގޯލުތައް ޖެހީ ފުރަތަމަ ހާފުގައެވެ. ފަހު ހާފުގައި ބޫޓާނުން ކުޅުން ރަނގަޅުކޮށް، ލުބުނާން ކޮޅަށް ގޯލެއްވެސް ޖެހިއެވެ. އޭގެ އިތުރުން ބޫޓާނަށް ފަހު ހާފުގައި ޕެނަލްޓީއެއް ލިބި ޗެންޗޯ ޔެލްޓްޝެން އަތުން ވަނީ ފުރުސަތު ބޭކާރުވެސް ވެފައެވެ.

"ފުރަތަމަ ހާފުގައި އަހަރެމެންގެ ޓީމަށް ކޮންސަންޓްރޭޝަން ގެއްލި، ވަރަށް ބޮޑަށް ފޯކަސް ގެއްލިފައި ތިބީ. އެކަން ރަނގަޅުކުރަން ދެވަނަ ހާފަށް ނުކުތުމުގެ ކުރިން ބުނިން ބަލިވިޔަސް، މޮޅުވިޔަސް، 100 ޕަސެންޓް ދައްކާށޭ. އެކަން އެ ފެނިގެން ދިޔައީ. އަހަރެމެން ޓީމުން ދެވަނަ ހާފުގައި ދެއްކި. އެ ތަފާތު ފެނިގެން ދިޔައީ. މެޗުން ބަލިވި ނަމަވެސް، ފަހު ހާފުގައި ރަނގަޅު ކަންކަން ކުރި. އަހަރެން ބޭނުންވިހެން ޕްރެސް ކޮށްލައިގެން ކުޅުނުތަންވެސް ފެނުނު. އޭގެ ނަތީޖާއެއްގެ ގޮތުން ކަންނޭނގެ ޕެނަލްޓީއެއް ލިބި، އިތުރު ފުރުސަތުތައް ހޯދި، މެޗުގައި ގޯލެއްވެސް ޖެހުނީ،" ޕެމާ ރޭގެ ޕޯސްޓް މެޗު ޕްރެސްގައި އިތުރަށް ބުންޏެވެ.

ރޭގެ މެޗަށްފަހު ލުބުނާންގެ ކޯޗު އެލެކްސެންޑްރާ އިލިޗް ބުނީ ފުރަތަމަ ހާފުގައި ޓީމުން ފެންވަރު ރަނގަޅު ކުޅުމެއް ކުޅުނު ކަމަށާއި ޓީމަށް ގޯލު ޖެހުމުގެ މައްސަލަތައް އަދިވެސް ދިމާވަމުންދާ ކަމަށެވެ.

"ފުރަތަމަ ހާފުގައި އަހަރެމެން ޓީމުން ވަރަށް ރަނގަޅަށް ކުޅުނު. އަހަރެމެން ކުޅުންތެރިން ފެންވަރު ރަނގަޅު ކުޅުމެއް ކުޅުނުތަން ފެނިގެން ދިޔައީ. ދެވަނަ ހާފުގައި އެއް ފެންވަރެއްގައި މަސައްކަތް ކުރަން އިރުޝާދު ދިން ނަމަވެސް، އެއް ފެންވަރެއްގައި ދެވަނަ ހާފުގެ ކުޅުން ނުހިފެހެއްޓުނު. އަދި ފެނުނު ފަހުކޮޅުގައި ފުރުސަތުތައް ގެއްލިގެން ދިޔަތަންވެސް. އަހަރެމެންނަށް ދިމާވާ މައްސަލައެއް އެއީ ގޯލު ޖެހުމުގެ މައްސަލައަކީ. ގޯލު ޖެހުމަކީ އަހަރެމެންނަށް އެހާ ފަސޭހަ ކަމެއް ނޫން. ދެން ފޯކަސް އޮތީ ރާއްޖެއަށް. ރާއްޖެއަށް ފޯކަސް ކޮށްގެން،" އިލިޗް ބުންޏެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.