ގައުމުގެ ހަމަޖެހުމާއި މަސްލަހަތު ކަށަވަރު ކުރެވޭނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބު ކޮށްގެން ކަމަށް ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ މިއަދުގެ ހާލަަތަށް އެންމެ ބޭނުންވަނީ ހަމަޖެހުމާއި މަސްލަހަތު ކަމަށާއި އެކަން ކަށަވަރު ކުރެވޭނީ ރައީސް ސޯލިހަށް ކަމަށެވެ.

އަދާލަތު ޕާޓީއަކީ މިހާރުވެސް ސަރުކާރު ކޯލިޝަނުގެ ބައިވެރި އެކެވެ. އަދި އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއިދުކުރަން ނިންމައި ސަރުކާރާ އެކު ކުރިއަށް ދިއުމަށް އެންމެ ފުރަތަމަ ނިންމި ޕާޓީއަކީވެސް އަދާލަތެވެ.

އަދާލަތު ޕާޓީގެ އިތުރުން ރިޔާސީ އިންތިހާބަށް މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިންވެސް ވަނީ ރައީސް ސޯލިހާއެކު ކޯލިޝަން ހަދަން ނިންމައިފައެވެ.