ރ. ދުވާފަރު ކައުންސިލްގެ މެމްބަރުންނާއި ބައެއް މުއައްޒަފުން ހިމެނޭ ގޮތަށް ހިންގާފައިވާ ބޮޑު ހިޔާނާތުގެ މައްސަލައިގައި ދައުވާނުކޮށް، ނަސޭހަތް ދިނުމަށް ނިންމީ އޯގާތެރިވުމުގެ ގޮތުން ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.
ޝަމީމު އޭނާގެ ބްލޮގުގައި މިއަދު ލިޔުއްވި ލިޔުމެއްގައި ވިދާޅުވީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުމަކީ ހަމައެކަނި އަދަބު ދިނުން ނޫން ކަމަށެވެ. ކުށްތައް ކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އެޅުމުގެ ތިން ބޭނުމެއް އޮންނަ ކަމަށާއި އެއީ މުޖުތަމައު ރައްކާތެރިކުރުމާއި ކުށެއް ކޮށްފިނަމަ، އެ ކުށްކުރި މީހާ އާއި މުޖުތަމައުގެ އެހެން މީހުންނަށް ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެކަން އެނގުމާއި އެފިޔަވަޅުގެ ސަބަބުން ކުށްކުރި މީހާ އިސްލާހުވެ، ޒިންމާދާރު މީހެއްގެ ގޮތުގައި އަނބުރާ މުޖުތަމައަށް ގެނައުން ކަމަށެވެ.
ޕްރޮސިކިއުޓާ ޖެނެރަލަށް ގާނޫނުން ލިބިދޭ ބާރުތަކުގެ ތެރޭގައި ކުށުގެ ތުހުމަތުގައިވާ މީހުން، ކުށުން ދުރުހެލިވުމަށް ބާރު އެޅުމުގެ ގޮތުން، އެމީހުނަށް އިތުރު ފުރުސަތު ދީ، މުޖުތަމައަށް ރުޖޫއަވެ، މުޖުތަމައުގައި ކުށުން ދުރުހެލިވެގެންވާ ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިކޮށްދިނުމަށް، އެމީހުންގެ މައްޗަށް ކުށުގެ ދައުވާ ކުރުމުގެ ބަދަލުގައި ނަސޭހަތް ދިނުމުގެ ބާރު ލިބިގެންވާ ކަމަށް ޝަމީމު ވިދާޅުވިއެވެ.
"ވީމާ، ގާނޫނު މިހާރު އޮތް ގޮތުން، މިމައްސަލައަކީ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމަށް ހުއްދަ ލިބޭ، އެކަމަށް ގާނޫނު ތަސައްވުރު ކޮށްފައި އޮތް، ޝަރުތު ހަމަވާ މައްސަލައެކެވެ. ގާނޫނު ތަންފީޒުކުރުމުގައިވެސް، އޯގާތެރިކަން އިސްކުރެވެން އޮތް ހާލަތުތަކުގައި، އޯގާތެރިކަން އިސްކުރުމަކުން، ގާނޫނީ ނުރަނގަޅު ނަތީޖާއެއް ނުނިކުންނާނެ" ޝަމީމު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ނަސޭހަތުގެ އެއްބަސްވުމެއް ހަދާއިރު ބަލަން ޖެހޭނެ ރިއާޔަތް ކުރާނެ ގާނޫނެއް އޮންނަ ކަމަށާއި އެކަމަކު، ދައުވާކުރުމުގެ ބަދަލުގައި އާންމު މަސްލަހަތަށް އެންމެ ފައިދާހުރި ގޮތަކީ ކޮބައިކަން ބަލަން ނުވަތަ ވަޒަންކުރަން ގާނޫނަކުން ޕްރޮސިކިއުޓާ ޖެނެރަލަށް ލާޒިމުނުކުރާ ކަމަށެވެ.
ދުވާފަރު ކައުންސިލުން ހިންގި ހިޔާނާތުގައި ކުށުގެ ސަބަބުން ލިބުނު ގެއްލުމެއް އަދި އެ ކުށްކުރި މީހުންގެ ވެސް ކުށުގެ ރެކޯޑެއް ނެތް ކަމަށާއި އެ މީހުންގެ މައްޗަށް ޖިނާއީ މައްސަލައެއްގައި ދައުވާ ކުރަމުންނުދާ ކަމަށް ވެސް ޝަމީމު ވިދާޅުވިއެވެ.
ކުށްކުރި މީހުންނަކީ އުމުރުގެ ގޮތުން ހަގު ބައެއް ނޫން ކަމަށާއި އޭގެން ކޮންމެ މީހަކީ ޒިންމާދާރުކަމާ އެކު އާއިލާއަށް ބަލަހައްޓަމުންދާ މީހުން ކަމަށް ޝަމީމު ވިދާޅުވިއެވެ.
ދުވާފަރު ކައުންސިލުން ފައިސާ ގެންގުޅުނީ ގަވާއިދާ ހިލާފަށް ކަމަށާއި ގެއްލުނު ފައިސާ އެ މީހުން އަނބުރާ ދައްކާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގުން ދައުލަތައް ފައިސާ މަދުވެފައިވާ ކަމަށް ނުދައްކާ ކަމަށް ވެސް ޝަމީމް ވިދާޅުވިއެވެ.
"މިމައްސަލައިގައި، ނަސޭހަތުގެ އެއްބަސްވުމުގެ ނަތީޖާއަކަށްވީ މިމައްސަލައިގައި ހިމެނޭ މީހުން، މި މައްސަލައިގައި ކުށް ކުރެވިފައިވާ ކަމަށް އިއުތިރާފުވުމެވެ. ދައުލަތުން ގެއްލުނު ހުރިހާ ފައިސާއެއް ވަނީ އަނބުރާ ދައްކާފައެވެ. އެމީހުން އެއްބަސްވުމުގެ މުއްދަތުގައި އިތުރު ކުށެއް ނުކުރަން އޮތީ އެއްބަސްވެފައެވެ. އިތުރު ކުށެއް ކޮށްފިނަމަ، ނަސޭހަތް ދެވުނު މައްސަލަ އާއި އަލަށް ކުރި ކުށުގެ ދައުވާވެސް ކޯޓުގައި އުފުލާނެއެވެ. އެހިސާބުން، ގާނޫނުން ލިބޭ އެއްވެސް ލުޔެއް ނުލިބޭނެ،" ޝަމީމު ވިދާޅުވިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ދުވާފަރު ކައުންސިލްގެ މޮނިޓަރިން ރިޕޯޓު އާންމު ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ފަހުކޮޅުއެވެ. އެ ރިޕޯޓުގައި އެލްޖީއޭ އިން ވަނީ 34 މައްސަލައެއް ފާހަގަކޮށް، އެކަންކަން އިސްލާހު ކުރުމަށް ލަފާދީފައެވެ. އޭގެ ތެރޭގައި އެއްވެސް ލިޔެކިޔުމެއް ނެތި ދެ މިލިއަނަށް ވުރެ ގިނަ ފައިސާ ކައުންސިލާއި ޑަބްލިއުޑީސީ އަދި ކައުންސިލްގެ ބައެއް މެމްބަރުންނަށް ދިނުން ހިމެނެއެވެ.
ރިޕޯޓުގައިވާ ގޮތުގައި އެންމެ ގިނަ ފައިސާ ލިބިފައިވަނީ ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅަށެވެ. ލިޔެކިޔުމުން މާ ގިނަ ތަފްސީލެއް ފެންނަން ނެތަސް ޖުމުލަ 711،617 ރުފިޔާ އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވެއެވެ.
ކައުންސިލް މެމްބަރު މުހައްމަދު ޝާމަށް 447،837 ރުފިޔާ އާއި ކައުންސިލްގެ ނައިބު ރައީސް އިޒްމީލް އަހުމަދަށް ވެސް 252،048 ރުފިޔާ ލިބިފައިވާ އިރު، ކައުންސިލް މެމްބަރު މުހައްމަދު ޒުހުދާ އާދަމަށް 181،666 ރުފިޔާ އާއި ކައުންސިލް ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާސިހަށް 165،200 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
މީގެ އިތުރުން ކައުންސިލް މެމްބަރު އަހުމަދު ސަމޫހް އެކައުންޓަށް 128،697.47 ރުފިޔާ ޖަމާކޮށްފައިވާ އިރު، އާމިނަތު ސަލާހްގެ އެކައުންޓަށް 119،535.99 ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ރިޕޯޓުގައިވާ ގޮތުގައި ކައުންސިލުން މުދަލު ޒަކާތުގެ ގޮތުގައި ދިނުމަށް ބޭނުންވާ 318,600 ރުފިޔާ ވަނީ ސެޕްޓެންބަރު 16 ވަނަ ދުވަހު ކައުންސިލްގެ އެސިސްޓަންޓް ޑިރެކްޓަރު މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް ޖަމާކޮށްފައެވެ.
މުދަލު ޒަކާތުގެ ހައްގުވެރިންނަށް ފައިސާ ހަވާލުކުރިކަމުގެ ލިޔުމެއް އެލްޖީއޭއަށް ލިބިފައިވާ އިރު، އެ ލިޔުމުގައި ފައިސާ ހަވާލުކުރި ފަރާތް ކަމުގައި ބަޔާންކޮށްފައި ވަނީ ކައުންސިލް މެމްބަރު ޒުހުދާ އާދަމް ކަމަށާއި ނަމަވެސް ޒުހުދާއާ ހަވާލުކުރި ފައިސާ އަކީ މުހައްމަދު އަލިފުޅުގެ އަމިއްލަ އެކައުންޓަށް، ޒަކާތުގެ ގޮތުގައި ޖަމާކުރި 318،600 ރުފިޔާކަމެއް ނުވަތަ އެހެން ފައިސާ އެއް ކަމެއް ކަށަވަރުވެފައިނުވާ ކަމަށް ރިޕޯޓުގައިވެއެވެ.
އަދި ޒަކާތް ދިނުމަށް ބޭނުންވާ 54,608 ރުފިޔާ ކައުންސިލް މެމްބަރު ޒުހުދާ އާދަމްއާ ނަގުދުކޮށް ހަވާލުކޮށްފައިވާ ކަމަށާއި ނަމަވެސް އެފައިދާއާ ބެހޭ ލިޔެކިޔުމެއްވެސް ނެތް ކަމަށް ބުނެފައިވެއެވެ.
ރިޕޯޓުގައިވާ ގޮތުގައި ކައުންސިލްގެ ބައެއް އެހެން އިދާރީ މުވައްޒަފުންނަށްވެސް ވަނީ ރެކޯޑުން ބޭރުން އެކި އަދަދުތަކުން ފައިސާ ޖަމާކޮށްފައެވެ.
އެލްޖީއޭއިން ދުވާފަރު ކައުންސިލުން އުސޫލާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ފާހަގަކުރެވުނު މައްސަލަ ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ހުށަހަޅައިފައެވެ. އޭސީސީން އެ މައްސަލަ ތަހުގީގުކޮށް ޕީޖީ އޮފީހަށް ފޮނުވުމުން، ތުހުމަތުކުރެވޭ މީހުންގެ މައްޗަށް ދައުވާކުރީ މިއަހަރުގެ މާޗު މަހުގެ ދެވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު