އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023 ގައި މިރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި ލުބުނާނުން ބޫޓާން ބަލިކޮށްފިއެވެ.
އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި ލުބުނާނުން ބޫޓާން ބަލިކުރީ 4-1 ގެ ނަތީޖާއަކުންނެވެ. މިރޭގެ ނަތީޖާއާއެކު ބޫޓާން ވަނީ ކެޓުމާ ގާތަށް ޖެހިލައިފައެވެ. ލުބުނާނުން ހޯދި ނަތީޖާއާއެކު އެޓީމަށް ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައެވެ. ރާއްޖެއާއި ބަންގްލަދޭޝްއާއި ދެޓީމަށްވެސް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ލުބުނާނުން ފަހު މެޗުގައި ނުކުންނާނީ ރާއްޖެއާ ދެކޮޅަށެވެ. އެ މެޗު އެއްވަރު ކޮށްލައިގެންވެސް އެޓީމަށް ސެމީ ޔަގީންވާނެއެވެ. ބަންގްލަދޭޝްއިން ފަހު މެޗުގައި ބޫޓާނާ ދެކޮޅަށް ނުކުންނަ އިރު، ބޫޓާނަށް މިހާރު އޮތީ އަމިއްލަ ބާރު ގެއްލިފައެވެ. އެޓީމުން ފަހު މެޗުގައި ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. އެ މެޗުން އެއްވަރު ވިޔަސް ބަންގްލަދޭޝް ސެމީއަށް ދާނެއެވެ.
މިރޭގެ މެޗަށް ނުކުންނަ އިރު، ލުބުނާން އޮތީ އެޓީމުން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝް ކައިރިން 2-0 އިން މޮޅުވެފައެވެ. ބޫޓާން އޮތީ ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ރާއްޖެ ކައިރިން ބަލިވެފައެވެ. މިރޭގެ މެޗުން މޮޅުވެ، ލުބުނާނަށް ސެމީއާ ގާތަށް ޖެހިލެވެން އޮތް އިރު، މިރޭގެ މެޗަކީ މުބާރާތުގެ ސެމީގެ އުންމީދަށް ބޫޓާނާށް ކޮންމެހެން މޮޅުވާން ޖެހިފައި އޮތް މެޗެކެވެ.
މީގެ ކުރިން ބޫޓާނާއި ލުބުނާން ބައިނަލްއަގުވާމީ ފުޓުބޯޅައިގައި ވާދަކޮށްފައެއް ނުވެއެވެ. ބޫޓާނަކީ ފެންވަރުގެ ގޮތުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އެންމެ ދަށް ޓީމެވެ. އަދި ލުބުނާނަކީ އެންމެ ވަރުގަދަ ޓީމެވެ. އެހެންކަމުން މެޗުގެ ކުރިންވެސް ފެވަރިޓުންގެ ގޮތުގައި އޮތީ ލުބުނާނެވެ.
މެޗު ފެށިގެން ފުރަތަމަ މިނެޓުން ފެށިގެންވެސް ލުބުނާނުގެ ފެންވަރު އެޓީމުން ދިޔައީ ސާބިތުކޮށްދެމުންނެވެ. މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ ރަނގަޅު ކުޅުމާއެކު ލުބުނާނުން ދިޔައީ މެދުތެރެއިންވެސް ކުދި ރީތި ޕާސްތައް ޖަހައި ބޫޓާންގެ މައްޗަށް ޑޮމިނޭޓް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން 11 ވަނަ މިނެޓުގައި ލުބުނާނުން ލީޑުވެސް ނެގިއެވެ. އަލީ އަލް ހާޖް ފޮނުވާލި ހަމަލާއެއް ބޫޓާންގެ ކީޕަރު ޝެރިން ޑެންޑުޕް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައަކުން ލުބުނާނަށް ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ސަޑެކްއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ވަރަށް ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުންނެވެ.
ބޯ ވާރޭގައި ކުޅެމުންދިޔަ ފުރަތަމަ ހާފުގައި ލުބުނާނުން ދިޔައީ ހުއްޓުމެއްނެތި ބޫޓާންގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެގޮތުން 17 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ބޭރުން ލުބުނާންގެ ޚަލީލް ބަދަރް ފޮނުވާލި ބާރު ހަމަލާ، ބޫޓާންގެ ކީޕަރު ޝެރިން ޑެންޑުޕް ވަނީ މަތަކޮށްފައެވެ. އޭގެ އިރުކޮޅެއްފަހުން ލުބުނާން ދެވަނަ ގޯލެއްވެސް ޖެހިއެވެ. 23 ވަނަ މިނެޓުގައި ޕެނަލްޓީ އޭރިއާ ތެރެއިން ވަރަށް ފަސޭހަކަމާއެކު ބޫޓާންގެ ތިން ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ފޮނުވާލި ހަމަލާއަކުން ލުބުނާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަލީ އަލް ހާޖެވެ.
ލުބުނާނުން މުޅި ޓީމު ކުރިއަށް ޖައްސައި އެޓޭކަށް މަސައްކަތްތަކެއް ކޮށްފައިވާ އިރު، މަދުން ލިބޭ ކައުންޓާ ފުރުސަތެއްގައި ބޫޓާނުން ވަނީ ކޮންމެވެސް ވަރަކަށް ހަމަލާ އުފައްދަން ފުރަތަމަ ހާފުގައި މަސައްކަތްކޮށްފައެވެ. ހާފު ނިމެން ދަނިކޮށް ޕެނަލްޓީ އޭރިއާ ބޭރުން ޗެންޗޯ ޔެލްޓްޝެން ފޮނުވާލި ހަމަލާ ލުބުނާންގެ ކީޕަރު އެންޓޮއިން ނަޔާ އަލްދޫހީ ވަނީ މަތަކޮށްފައެވެ.
މޮޅަށް ކުޅެމުން ދިޔަ ލުބުނާނުން ހާފު ނިންމާލީ އިތުރު ދެ ގޯލު ޖަހައި، ހަތަރު ގޯލުގެ ލީޑެއްގައެވެ. އެ ގޯލުތައް ޖަހައިދިނީ ޙަލީލް ބަދަރާއި މަހްދީ ޒެއިންއެވެ. ލުބުނާނުގެ ތިންވަނަ ގޯލަކީ ބޫޓާންގެ ޑިފެންޑަރުންނަށް ކޯނަރެއް ރަނގަޅަށް ދިފާއުނުކުރެވުމާއެކު ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޙަލީލް ބަދަރް ޖެހި ގޯލެކެވެ. އަދި ހަތަރު ވަނަ ގޯލަކީ ޚަލީލް ބަދަރް ފޮނުވާލި ހަމަލާއެއް ބޮލްކުވުމާއެކު ލިބުނު ރީބައުންސް ބޯޅައިން ފޮނުވާލި ހަމަލާއަކުން ޒެއިން ޖެހި ގޯލެކެވެ.
ދެވަނަ ހާފަށް ނުކުމެ ބޫޓާނުން ކުޅުން ރަނގަޅުކޮށް، ހާފުގެ ކުރީކޮޅުގައި ދެ ހަމަލާއެއްވެސް އުފެއްދިއެވެ. ޕެނަލްޓީ އޭރިއާ ބޭރުން ބޫޓާންގެ ކިންގާ ވަންގްޗުކް ފޮނުވާލި ހަމަލާ ލުބުނާން ކީޕަރު އަލްދޫހީ މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިން ބޫޓާން ކެޕްޓަން ޗެންޗޯ ފޮނުވާލި ހަމަލާ ވެސް ކީޕަރު އަލްދޫހީ ވަނީ މަތަކޮށްފައެވެ. ބޫޓާންގެ ކުޅުން އެންމެ އެކަށީގެންވާ ފެންވަރެއްގައި ނުފެނުނު ނަމަވެސް، މެޗުގައި ޗެންޗޯގެ ތަފާތު ފެނިގެން ދިޔަކަން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް އޭނާ ވަނީ ހިތްވަރު ހޯދަން ބޫޓާނަށް ލިބުނު މުހިންމު ފުރުސަތެއް ބޭކާރު ކޮށްލައިފައެވެ.
މެޗުގެ 54 ވަނަ މިނެޓުގައި ލުބުނާންގެ ކެޕްޓަން މުހައްމަދު އަލީ ދައިނީ ކުރި ފައުލަކާ ގުޅިގެން ބޫޓާނަށް ޕެނަލްޓީއެއް ލިބިފައިވާ އިރު، ބޫޓާންގެ ތަރި ޗެންޗޯ ޖެހި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. ދެވަނަ ހާފުގައި ލުބުނާނަށް އެޓޭކް ކުރަން މާ ބޮޑު ފުރުސަތެއް ނުދީ ކުޅެމުންދިޔަ ބޫޓާނުން ހިތްވަރަކަށް މެޗުގައި ގޯލެއްވެސް ޖެހިއެވެ. ގޯލު ކާމިޔާބުކޮށްދިނީ ޓީމުގެ ތަރި ޗެންޗޯއެވެ. ޗެންޗޯ ގޯލު ޖެހީ ޑޯޖީ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއެއް ގޯލުގެ ތިރީ ކަނަށް ވައްދާލައިގެންނެވެ.
އޭގެ ފަހުން ދެ ޓީމުންވެސް މާ ބޮޑަށް ގޯލެއް ޖެހުމަށް މަސައްކަތް ކޮށްފައި ނުވާ އިރު، މެޗު ނިމިގެން ދިޔައީ ލުބުނާނަށް ބޮޑު މޮޅަކާއެކުގައެވެ.
ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖު ފަހު މެޗުތައް އޮންނާނީ އަންނަ އަންގާރަ އަދި ބުދަ ދުވަހުއެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023