އިންޑިއާގެ ބެންގަލޫރުން: އިމާދު ލަތީފް/ ވަން ސްޕޯޓްސް

ކުވޭތާއި ވާދަކޮށް ހަތަރެއް ސުމަކުން ބަލިވި ބަލިވުމަކީ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ޕާކިސްތާނު ވިދިވިދިގެން ބަލިވި ދެވަނަ ބަލިވުމެވެ. މި ބައްޔާއެކު ބާކީ އެއްމެޗު އޮއްވައި ފުރަތަމަ ބުރުން ފޭލްވި ފުރަތަމަ ޓީމަކީ ޕާކިސްތާނު ކަމަށްވެސް ވަނީ ވެފައެވެ. ފުރަތަމަ މެޗުން ޕާކިސްތާނު ބަލިވުމުގެ މައިގަނޑު ސިއްރަކީ ދަތުރުގެ ވަރުބަލިކަމާއި މެޗަށް ތައްޔާރުވާން ވަގުތު ނުލިބުންކަމަށް ވެދާނެއެވެ. އެކަމަކު ދެވަނަ މެޗުގައި ކުވޭތުގެ އަތްދަށުވުމުގައި އެކަހަލަ ކަމެއް ނެތެވެ. ގާތްގަޑަކަށް 234 މިލިޔަން މީހުންގެ ބޮޑު އާބާދީއެއް ލިބިގެންވާ ޕާކިސްތާނުގެ ފުޓްބޯޅަ މިއޮތީ އައިސީޔޫގައެވެ. ޕާކިސްތާނުގެ ފުޓްބޯޅަޔަށް ދިމާވެފައިވާ މައްސަލަޔަކީ ކޮބައިބާވައެވެ؟ ކުރިކެޓާއި ހޮކީ ފިޔަވައި އެހެން ކުޅިވަރަކަށް ޕާކިސްތާނުގައި ދިރުން ނުލިބުމުގެ ސިއްރަކީ ކޮބައިބާވައެވެ؟

ސަބަބުތައް ގިނަގުނައެވެ. އެންމެ ފުރަތަމަ ސަބަބަކީ ޕާކިސްތާނުގެ އެތެރޭގައި ފުޓްބޯޅައަށް އެއްވެސް ޝައުގުވެރިކަމެއް ނެތުމެވެ. ނެތް ޝައުގެއް ދިރުވާކަށް ފައިސާއެއްވެސް ނުހުންނާނެތާއެވެ. ޕާކިސްތާނުގައި އެކަށީގެންވާ ލީގެއްވެސް ނެތެވެ. ފުޓްބޯޅަ ކުރިއަރުވައި އާލާކުރުމަށް އެކަށީގެންވާ ގޮތަށް ހިންގޭ ޔޫތު ޕްރޮގްރާމްތަކެއްވެސް ނެތެވެ. މިޒަމާނުގެ ބައްޓަމަށް ހިންގޭ ފުޓްބޯޅަ އެކަޑެމީއެއްވެސް ނެތެވެ. ކުރުގޮތަކަށް ދަންނަވަންޏާ ފުޓްބޯޅައިގެ އޮނިގަނޑެއް ނެތެވެ. އެހެންވީމާ ޕާކިސްތާނުގެ ފުޓްބޯޅަ ޓީމާ ހަވާލުވާނެ ބޭރުގެ ތަޖުރިބާކާރު ކޯޗަކު ހޯދުމަކީވެސް ދަތިކަމެކެވެ. މިހާރު ޕާކިސްތާނުގެ ކޯޗުކަމުގައި އެހެރަ ޝާހުޒާދު އަންވަރަކީ ޕާކިސްތާނު މީހެކެވެ. އޭނާއަކީ އޭއެފްސީ ޕްރޯ ލައިސަންސް ލިބުނު ޕާކިސްތާނުގެ ފުރަތަމަ ކޯޗުވެސްމެއެވެ. ތިންވަނަ ފަހަރަށް ޕާކިސްތާނުގެ ގައުމީ ކޯޗުކަމާ އޭނާ ހަވާލުވީ 2021 ގައެވެ.

ގައުމީ ޓީމެއް ބިނާކުރުމަށްޓަކައި ލީގު ވަރުގަދަވާންޖެހެއެވެ. ކުލަބްތައް ހަރުދަނާވާންޖެހެއެވެ. އެއިން އެއްވެސް ސިފައެއް ޕާކިސްތާނުގައި ނެތެވެ. އޭޝިއާގެ ކުލަބްތަކުގެ މުބާރާތްތަކުގައި ފާހަގަކުރެވޭ ނަތީޖާތަކެއް ނެރޭ ޕާކިސްތާނުގެ ކުލަބެއްވެސް ނެތެވެ. އެފަދަ ކުލަބްތައް އިންޑިޔާ އާއި ބަންގްލަދޭޝްއާއި ދިވެހިރާއްޖެއިން ފެނެއެވެ. ސަރަހައްދީ ފެންވަރުގައި ނަން މަޝްހޫރު ކުޅުންތެރިއަކުވެސް ޕާކިސްތާނުގައި ނެތެވެ. ތިބިއްޔާ ތިބީ މިކަހަލަ މުބާރާތެއް ކައިރިވީމާ ޔޫރަޕުގެ އެކި ތަންތަނުން ހޮވާލައިގެން ގެންނަ ޕާކިސްތާނު ނަސްލުގެ ކުޅުންތެރިންނެވެ. މިފަހަރުވެސް އެކަހަލަ ތިން ހަތަރު ކުޅުންތެރިއަކު އެބަފެނެއެވެ. އެކަމަކު އެމީހުންގެ ކިބައިން ޓީމުވަންތަކަމެއް މާބޮޑަކަށް ނުފެނެއެވެ. ފެންވަރު ދައްކައިލެވޭތަނެއްވެސް ނުފެނެއެވެ.

ދެންއޮތީ ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ވާހަކައެވެ. ދެކުނު އޭޝިޔާގެ ހަތް ގައުމުގެ ތެރެއިން ހިންގުން އެންމެ ދޯދިޔާ ފެޑެރޭޝަނަކީ ޕާކިސްތާނުގެ ފެޑެރޭޝަނޭ ބުނުމަކީ މުޅިއަކުން ދޮގު ބުނުމަކަށް ނުވާނެއެވެ. ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަން އުފެދުނީ ޕާކިސްތާނު ވުޖޫދުވުމާއެކު މީގެ 76 އަހަރު ކުރިން 1947 ގައެވެ. މި ފެޑެރޭޝަނުގެ ފުރަތަމަ ޕެޓްރޮން އިންޗީފަކީ ޕާކިސްތާނުގެ ބާނީ މުހައްމަދު އަލީ ޖިނާހެވެ. ފަހަކަށް އައިސް ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެކްޝަންތަކެއް އުފެދި އެއްބަޔަކު އަނެއް ބަޔަކާ ދެކޮޅަށް މަސައްކަތް ކުރުމެވެ. ބައެއްފަހަރު ޕާކިސްތާނު ތަމްސީލުކުރަން ބޭރަށް ފޮނުވާނެ ޓީމުތައްވެސް އެކި ފެކްޝަންތަކުން ވަކިން ކަނޑައަޅައެވެ. މިކަންކަން މިމަގުންދާތީ ފީފާއަށް ޖެހެނީ ދޭތެރެ ދޭތެރެއިން ޕާކިސްތާނު ސަސްޕެންޑް ކުރުމަށެވެ.

ފާއިތުވި ހަ އަހަރުގެ ތެރޭގައި އެކަނިވެސް ފީފާއިން ޕާކިސްތާނު ދެފަހަރެއްގެ މަތިން ސަސްޕެންޑުކޮށްފައިވެއެވެ. އެންމެ ފުރަތަމަ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އެ ސަސްޕެންޝަން އުވައިލީ 2018 ގައެވެ. ބައިނަލްއަގުވާމީ ފުޓްބޯޅައިގެ ތެރެއަށް އެނބުރި އައިތާ މާގިނަ އަހަރުތަކެއްނުވެ 2021 ވަނަ އަހަރު އަނެއްކާވެސް ފީފާއަށް މަޖުބޫރުވީ ޕާކިސްތާނު ސަސްޕެންޑު ކުރުމަށެވެ. ސަރުކާރުގެ ނުފޫޒު ނުވަތަ ތިންވަނަ ކޮންމެވެސް އެހެން ފަރާތެއްގެ ނުފޫޒު ފުޓްބޯޅަ ފެޑެރޭޝަނަށް ފޯރުވާތީއެވެ. އެންމެފަހުގެ ސަސްޕެންޝަން އުވައިލީ 2022 ވަނަ އަހަރުގެ ތެރޭގައެވެ. ޕާކިސްތާނަށް 2021 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ނުކުޅެވުނީވެސް ސަސްޕެންޝަނުގެ ސަބަބުންނެވެ. މިއިން ކޮންމެ ސަސްޕެންޝަނަކާ ގުޅިގެން އެތައް ދަރަޖަ ފަހަތަށް ޕާކިސްތާނު ސޮއްސާލައެވެ.

ޕާކިސްތާނު އެއޮތީ ފީފާ ރޭންކިންގެ 195 ވަނައިގައެވެ. ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ދަށް ރޭންކުގެ ޓީމަކީވެސް އެއީއެވެ. އެހާ ދަށުގައި އޮންނަން ޖެހެނީ ކީއްވެގެންކަން ސާފް ޗެމްޕިއަންޝިޕްގައި މިފަހަރު ޕާކިސްތާނު ކުޅުނު ދެމެޗުގެ ނަތީޖާއިންވެސް އެވަނީ ފެނިގެން ގޮސްފަައެވެ. އެއް މުބާރާތެއްގައި ވިދިވިދިގެން ދެ މެޗުން ހަތަރެއް ސުމަކުން ބަލިވުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ ލަދުވެތި ކަމެކެވެ. އެއީ ވަރަށް މަދުން ނޫނީ ބައިނަލްއަގުވާމީ ފުޓްބޯޅައިން ނުފެންނަ މަންޒަރެކެވެ. ކޮންމެއަކަސް ދެން މި މުބާރާތުގައި ޕާކިސްތާނަށް އޮތީ އެންމެ މެޗެކެވެ. ނޭޕާލާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ. އެއީ ގައުމުގެ ފަޚުރަށްޓަކައިވެސް ރަނގަޅު ނަތީޖާއެއް ނެރެން ޕާކިސްތާނަށް މަޖުބޫރު މެޗެކެވެ. އެކަމަކު އެކަންވެސް ވުމަށްވުރެ ކައިރީ ނުވުމެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.