އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސަރަހައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް، ސާފް ޗެމްޕިއަންޝިޕް ބެންގަލޫރުގައި 21 ވަނަ ދުވަހު ފެށީ ފޯރިގަދަކޮށެވެ. އަށް ޓީމާއެކު މިފަހަރު މުބާރާތުގެ ފެންވަރު ކުރިއަށްވުރެ ރަނގަޅުވާނެ ކަމަށް ކުރިންވެސް އޮތީ ބެލެވިފައެވެ. އެއީ ސަރަހައްދުގެ ޓީމުތަކުން ބޭރުން، "މުޅިން އާ ސްޓައިލެއް"ގެ ދެ ޓީމު ކަމަށްވާ ކުވައިތާއި ލުބުނާން މުބާރާތަށް އައުމާއެކުގައެވެ. ސާފް ޗެމްޕިޝިޕްގެ ތާރީހުގައި މިފަހަރު މުބާރާތް ލިޔެލެވޭނީ އެންމެ ވަރުގަދަ އެއް މުބާރާތުގެ ގޮތުގައެވެ. އިންޑިއާގެ ބެންގަލޫރު ފުޓުބޯޅަ މާހައުލުން މިފަހަރު މުބާރާތް ފެށިގެން ދިޔައީ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައެވެ. ކޮންމެ ޓީމެއްވެސް މެޗެއް ކުޅެފިއެވެ. ފުރަތަމަ ބުރުގެ ކުޅުން ނިމިއްޖެއެވެ. ފުރަތަމަ ބުރުގެ ހާއްސަ ކަންކަންވެސް ފާހަގަވެއްޖެއެވެ. ދަނޑު ތެރެއިންނާއި ދަނޑު ބޭރުން ފާހަގަވި ބައެއް ކަންކަން ހިއްސާ ކޮށްލާނަމެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ކުރިން އެންމެ ގިނަ ބަޔަކު އިންތިޒާރުކުރަމުން ދިޔަ ކުރިމަތިލުމަކީ އިންޑިއާއާއި ޕާކިސްތާނުގެ ކުރިމަތިލުމަށެވެ. އިންޑިއާގެ ނޫސްވެރިންވެސް އެ ވާހަކަ ނުހުއްޓައެވެ. އެ ވާހަކަ އިތުރަށް ގަދަވީ ޕާކިސްތާނަށް ދިމާވި ކަންތައްތަކުގެ ސަބަބުންނެވެ. ވިސާ މައްސަލައިގައި އިންޑިއާ ސަރުކާރާއި ޕާކިސްތާން ސަރުކާރަށް އެއްގަލަކަށް ނޭރި ދުވަސްވުމުން ޕާކިސްތާނަށް މެޗަށް އާދެވުނީ ކިރިޔާއެވެ. ޕާކިސްތާންގެ ފުޓުބޯޅައާ ހަވާލުވެ އޮތް ނޯމައިލޭޝަން ކޮމިޓީން އެ މެޗު ފަސްކުރަން އެދުނު ނަމަވެސް، ސާފުން އެކަން ނުކުރިއެވެ. 21 ވަނަ ދުވަހުގެ ރޭ މެޗު އޮތް އިރު، ޕާކިސްތާނަށް ބެންގަލޫރަށް އާދެވުނީ އެ ދުވަހު ހެނދުނުއެވެ. ހޮޓަލަށް ދެވުނީ އެކެއް ޖެހި ފަހުންނެވެ. ޕާކިސްތާނުގެ ކޯޗު ޝެހެޒާދު އަންވަރި ބުނީ "ފެންވަރާލައިގެން ކިރިޔާ މެޗަށް ދެވުނީ،" ކަމަށެވެ. އެހެންކަމުން އިންޑިއާ ކައިރިން 4-0 އިން ވި ބައްޔަކީ ޕާކިސްތާނުގެ އަސްލު ފެންވަރު ނޫންކަމަށް ގަބޫލުކުރެވެއެވެ.
މިއީ ތާރީހީ ސާފް ޗެމްޕިއަންޝިޕެކެވެ. އެއީ ސަރަހައްދުން ބޭރުގެ ދެ ޓީމު މުބާރާތުގައި ވާދަކުރަމުންދާތީއެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައިވެސް ސާކް ސަރަހައްދުން ބޭރުގެ ޓީމުތައް، ހާއްސަކޮށް މެދުއިރުމަތީގެ ޓީމުތައް މުބާރާތުގައި ކުޅޭ ފުރަތަމަ ފަހަރެވެ. ކުވައިތުން ފުރަތަމަ މެޗުގައި ނޭޕާލް ބަލިކުރީ 3-1 އިންނެވެ. އެ މެޗުގައި ނޭޕާލުން ދެވަނަ ހާފުގައި ކުވައިތާ ވާދަކޮށްލި ނަމަވެސް، ވަކިވަކި ކުޅުންތެރިންނަށް ބަލާއިރު ކުވައިތުގެ ހުނަރު މާ ބޮޑަށްވެސް ރަނގަޅު ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ. ހާއްސަކޮށް އެޓޭކް ލައިނުން ފެނުނު ކުޅުންތެރިން ވެފައި ވަނީ ފެންވަރުގެ ގޮތުން މި ސަރަހައްދުގެ ޓީމުތަކަށް ނުރައްކާ ކުރާނެ ކުޅުންތެރިންނަށެވެ. މުހައްމަދު އަބްދުﷲ އާއި ޝަބައިބާ އަލް-ހާލިދީގެ ފެންވަރު ރަނގަޅަށް އެ މެޗުގައި ފެނިގެން ގޮސްފައިވާ އިރު، އެއީ އުމުރުން ޒުވާން ރަނގަޅު ކުޅުންތެރިންނެވެ. ކުވައިތުން މުބާރާތުގެ ތަޖުރިބާއަށް ބޮޑު ސަމާލުކަމެއް ދޭއިރު، އެ ކުޅުންތެރިންގެ ފެންވަރާ މެދު ކޯޗު ރުއި ބެންޓޯ ހިތްހަމަޖެހޭނެކަން ޔަގީނެވެ.
އަނެއްކޮޅުން ނުކުތް ލުބުނާނުން ފުރަތަމަ މެޗުގައި 2-0 އިން ބަންގްލަދޭޝް ބަލިކުރި އިރު، ފަހު ވަގުތު އެޓީމުން މެޗު އަނބުރާލީ ފެންވަރު ސާބިތު ކޮށްދީފައެވެ. 35 އަހަރުގެ ލެޖެންޑަރީ ފޯވަޑް މާތޫކު ފަދަ ކުޅުންތެރިންގެ ފެންވަރު މާ ބޮޑަށްވެސް ތަފާތުކޮށް ފެނުނު އިރު، ލުބުނާންވެސް ވާނީ ގަދަ ބާރަކަށް ކަން ޔަގީނެވެ. ކޯޗު އެލެކްސެންޑްރާ އިލިކްގެ ނަޒަރުގައި އަދި ތަށީގެ ވާހަކަ ދެއްކެން ނެތަސް، ލުބުނާނަކީ ފެވަރިޓެއްކަން ޔަގީނެވެ.
ރާއްޖޭގެ ގައުމީ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯއަކީ އިޓަލީގެ ގައުމީ ޓީމަށްވެސް ކުޅުނު، އިޓަލީ ފުޓުބޯޅައިގެ ޝަހުސިއްޔަތެކެވެ. އޭނާ ފުރަތަމަ ރާއްޖެ އައީ ތަރުޖަމާނަކާ އެކުގައެވެ. ރާއްޖެއާއެކު މޮރިއޭރޯ ފުރަތަމަ ކުރިމަތިލި ލަންކާގެ ފޯ ނޭޝަންސް ކަޕަށްވެސް އޭނާ ކުރިމަތިލީ ތަރުޖަމާނަކާއެކުގައެވެ. އެހެން ނަމަވެސް އެފްއޭއެމްގެ މާލީ ދަތިތަކާ ހެދި ފަހުން އެ ތަރުޖަމާނު ވަނީ ފޮނުވާލައިފައެވެ. އެ ހިސާބުން ފެށިގެން ކޯޗު ވާހަކަދައްކަމުން އަންނަނީ "ކޮށަކޮށައިގެން އިނގިރޭސި ބަހުން" ނެވެ. ކޯޗަށްވެސް އެއީ އުނދަގުލަކަށްވެފައި އޮތް އިރު، އެއީ ޕްރި މެޗު، ޕޯސްޓް މެޗުގައިވެސް މިހާތަނަށް ދިމާވާ އެންމެ ބޮޑު މައްސަލައެވެ.
"އިޓަލީން ތަރުޖަމާކުރާނެ މީހެއް އެބަހުރިތަ،" ކޯޗު އެންމެފަހުން ރާއްޖެއިން ކުޅުނު މެޗަށްފަހު ޕޯސްޓް މެޗު ޕްރެސްއަށް ވަދެ ބުންޏެވެ. "އިނގޭތަ އިޓަލީ ބަސް،" ސާފްގެ މީޑިއާ އޮފިސަރު ކައިރިންވެސް ކޯޗު އެހިއެވެ. އޭނާއަށް ނޭނގެއޭ ބުނުމުން، "މިއީ އަހަންނަށް ދިމާވާ މައްސަލައަކީ،" ކޯޗު ކުޑަކޮށް މާޔޫސްވެ ބުންޏެވެ.
ކޮންމެއަކަސް ކޯޗު ކިޔާ އެއްޗެއް ކޮންމެވެސް ވަރަކަށް ފަހުމުވި ނަމަވެސް، ކޯޗު އެ ބުނަނީ އޭނާ ހަގީގަތުގައިވެސް ބުނަން ބޭނުންވާ ބަސްތައް ތޯ ސުވާލު އުފެދެއެވެ. މޮރިއޭރޯ ބުނާ ވާހަކައިގެ މާނަ އޮޅި، އެހެން މީޑިއާތަކަށްވެސް އުނދަގޫތައް ދިމާވެއެވެ. އެހެންކަމުން ފުރަތަމަ މެޗުތަކަށްފަހު އެއީވެސް ފާހަގަވި ކަމެކެވެ.
ނޭޕާލްގެ ކޯޗުކަމުގައި ހުރި ވިންސެންޒޯ އަލްބާޓޯ އާނޭސޭއަކީ އިޓަލީއަށް އުފަން ކޯޗެކެވެ. ހަގު އުމުރެއްގައި އިޓަލީގެ އިތުރުން އަރްމޭނިއާ ފަދަ ގައުމުތަކުގެ ޒުވާން ޓީމުތަކަށް ވިންސެންޒޯ ކޯޗުކަން ކޮށްދީފައިވާ އިރު، އޭނާ ވަނީ ފަލަސްތީނުގެ އަހްލީ އައްހަލީލާށްވެސް ކޯޗުކަން ކޮށްދީފައެވެ.
އިންޑިއާގެ ލީގު ފުޓުބޯޅައަށް ވިންސެންޒޯ އަލެއް ނޫނެވެ. ގޮކުލަމް ކެރެލާއާއެކު އޭނާ ވަނީ ޖެހިޖެހިގެން ދެ ފަހަރަށް އައިލީގު ކާމިޔާބުކޮށްފައެވެ. އެއީ އައިލީގުގެ ތާރީހުގައިވެސް އެފަދަ ފުރަތަމަ ކާމިޔާބީއެވެ. 2021-22 ވަނަ އަހަރު ލީގު ނަގައި، ގޮކުލަމް ކެރެލާއާއެކު ވިންސެންޒޯ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖަށް ނުކުމެ، ވަރުގަދަ އޭޓީކޭ މޯހުން ބަގާންވެސް ބަލިކުރިއެވެ. އެ ކްލަބަށްފަހު އިންޑިއާގެ ސުޕަ ލީގުގެ ނޯތުއީސްޓް ޔުނައިޓެޑްގެ ކޯޗުކަމުގައިވެސް ވިންސެންޒޯ ހުއްޓެވެ. ނޭޕާލް ގައުމީ ޓީމާ ހަވާލުވީ މިއަހަރުގެ މާޗް މަހުގައެވެ.
ވިސެންޒޯ ފެންނަނީ "މަޑުމައިތިރި"، މާ ބޮޑަށް "ވަރުގަދަ"، ގަދަބަސްބުނެ ޖަވާބު ދޭ ކޯޗެއްގެ ގޮތުގައެއް ނޫނެވެ. ވާހަކަ ދެއްކުމުގައިވެސް ފެންނަނީ ނިކަން މަޑުމަޑު ރާގަކަށް ވާހަކަ ދައްކާތަނެވެ. އެހެނެއް ނޫނެވެ. 2021 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕަށް ދިޔަ އެންމެ "ޑްރާމާ" ބޮޑު ކޯޗަކީ ނޭޕާލްގެ އޭރު ހުރި ކޯޗު އަބްދުﷲ އަލް މުތައިރީއެވެ.
ސާފްގެ ތެރެއިން މުތައިރީއަށް އުނދަގޫ ކަންތައްތަކެއް ދިމާވި އިރު، މީޑިއާއާ އޭނާ ޖެހޭ ޖެހުންވެސް ފާހަގަވިއެވެ. ހާއްސަކޮށް ނޭޕާލް މީޑިއާއަށް އޭނާ އެތައް ފަހަރު މުބާރާތުގެ ތެރެއިންވެސް 'ބަވާލިއެވެ.' ސަޕޯޓަރުންގެ ލޯބި އޭނާ ހޯދީވެސް އެކަހަލަ ގޮތަކަށެވެ. ނޭޕާލުން މިދިޔަ ސާފްގެ ފައިނަލް ކުޅުނު އިރު، ދެ ރީނދޫ ކާޑާއެކު ފައިނަލް މެޗަށް އޭނާ ހުންނަން ޖެހުނީ ބެންޗަށް ނުދެވި އަދަބުގައެވެ. އެކަމާވެސް އޭނާ ވަނީ ސާފާ ދެކޮޅަށް ނުކުންނާނެ ކަމަށް ބުނެފައެވެ. މުތައިރީ ބުނީ އެއީ އުސޫލުން ބޭރުން އެޅި ފިޔަވަޅެއް ކަމަށާއި، އޭއެފްސީ ކަޕާއި ފީފާއަށްވެސް ދާނެ ކަމަށެވެ.
ސަރަހައްދީ އެހެން ގައުމުތަކާއި ބަންގްލަދޭޝްގެ މީޑިއާ ތަފާތުތަކެއް މިދިޔަ އަހަރުތަކުގައި ތަޖުރިބާކުރެވިއްޖެއެވެ. އިންޑިއާ ކަހަލަ ބޮޑުތަނެއްގައި ހުންނަ ކޯޗަކަށް އެ އަންނަ ސުވާލުތައް ގިނަ ނަމަވެސް، ޔަގީނުންވެސް ބަންގްލަދޭޝް ކޯޗަށް އަންނަ ކަހަލަ ސުވާލުތައް އަންނާނީ މަދު ކޯޗަކަށެވެ. ބަންގްލަދޭޝްއިން ލުބުނާނާ ދެކޮޅަށް މި ސާފްގައި ކުޅުނު ފުރަތަމަ މެޗުގައި ބަލިވީ ފަހުވަގުތު ކޮޅަށް ދެ ގޯލް ވަދެގެންނެވެ. ހަގީގަތަށް ބުނާނަމަ، މެޗުގެ ބޮޑުބައެއްގައި ބަންގްލަދޭޝްގެ ޑިފެންސާއި ޓީމުން ކުޅުނު ކުޅުން ރަނގަޅެވެ. ލުބުނާންގެ ތަޖުރިބާކާރު ފޯވަޑް މާތޫކް، ބަންގްލަދޭޝް ކޮޅަށް ފުރަތަމަ ގޯލު ޖެހީ ބަންގްލަދޭޝްގެ ފަހަތުން ތާރިގް ކާޒީ ހެދި ގޯހަކުންނެވެ. އަދި ހުސްކޮށް ލިބުނު ފުރުސަތެއް އެމްޑީ ފައިސަލް އަހުމަދު ފަހީމް ނަގައިވެސް ލިއެވެ.
ޕޯސްޓް މެޗުގައި ކޯޗު ހާވިއޭ ފެނާންޑޭޒް ކަބްރޭރާއަށް ވަކިވަކި ކުޅުންތެރިން އެރުވި ސަބަބާ ގުޅޭގޮތުންވެސް ސުވާލު ކުރިމަތިވިއެވެ. އަދި ފުރަތަމަ ގޯލަކީ ސީދާ ތާރިގުގެ މިސްޓޭކެއްތޯ ދެތިން ފަހަރަކު އެހިއެވެ. އެއީ "ބްލޭމް ގޭމް" އަކަށް ކުރާ މަސައްކަތްކަން އެނގި ކަބްރޭރާ ބުނީ "މިސްޓޭކް ހަދާނީވެސް، މޮޅުވާނީވެސް" ޓީމެއްގެ ގޮތުގައި ކަމަށެވެ. އަދި ކުރިއަށް ކުޅޭ ސުމަން ރިޒޭ ބޭނުންކުރަނީ ކީއްކުރަންތޯ ތަކުރާރުކޮށް ނޫސްވެރިން ކަބްރޭރާ ގާތުގައި އެހިއެވެ. އެކަމަށް އޭނާ ވަނީ ތަފްސީލުކޮށް ޖަވާބު ދީފައެވެ. ކަބްރޭރާ ބުނީ ނޫސްވެރިންނަށް މޮޅުވަނީ ގޯލު ޖެހުމުން އެކަނި ކަމަށާއި، ރަނގަޅު ކުޅުމެއް ކުރިން ކުޅުނަސް އެކަން ނުދަންނާނެ ކަމަށެވެ. އަދި ކަބްރޭރާ ވަނީ ނޫސްވެރިންނާ ޗެލެންޖްކޮށް، ސުމަން މޮޅަށް ކުޅުނު ކަމަށް ބުނެފައެވެ.
މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ފެށުމުގެ ކުރިންވެސް އިންޑިއާގެ ބެންގަލޫރުން ޓީމަށް ލޯބި ދޭނެކަން ކަށަރުވިއެވެ. އެއީ މުބާރާތް ކުޅެނީ ފުޓުބޯޅައިގެ އެންމެ ގަދަ ބާރު، ބެންގަލޫރު އެފްސީގެ ހޯމްގައި ކަމަށްވާތީއެވެ. ބެންގަލޫރު އެފްސީގެ ފުޓުބޯޅަ ސަޕޯޓަރުންނަށް ގައުމުގެ ހީރޯ ސުނިލް ޗެތުރީ އަދި ވަކިން ހާއްސައެވެ. މުބާރާތަށް ތައްޔާރުވަމުން ދިޔަ އިރު، ޗެތުރީ ބުނީ ބެންގަލޫރަކީ އޭނާގެ "ހޯމް" ކަމަށާއި ބެންގަލޫރުގެ އާބާދީގެ ކިބައިން ސަޕޯޓަށް އެދި އޭނާ ބުނަންވެސް ނުޖެހޭނެ ކަމަށެވެ. އެ ފުރުސަތަށް ބެންގަލޫރު މީހުން ތިބީ ކެތްމަދުވެފައި ކަމަށްވެސް ޗެތުރީ ބުންނެވެ. އެއީ ގައުމީ ޖާޒީގައި ޗެތުރީއަށްވެސް ބެންގަލޫރުގައި ކުޅެން ލިބުނީ މަދުން ކަމަށްވާތީއެވެ. މީގެ ކުރިން 2017 ވަނަ އަހަރު އިންޑިއާއިން މަކާއޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހުން ޝަރަފުވެރި ސްރީ ކަންތީރަވާ ސްޓޭޑިއަމަށް އިންޑިއާ ގައުމީ ޓީމު ނުކުތީ މިފަހަރުއެވެ.
ފުރަތަމަ މެޗުގައި ބޯ ވާރޭގައި ޕާކިސްތާން ކޮޅަށް ޗެތުރީ ހެދި ހެޓްރިކް ބަލަން ސްޓޭޑިއަމް ފުރާލިއެވެ. އެ ދުވަހު ދަނޑުކައިރިން ސަޕޯޓަރުންގެ ލޯބި ފެނުނެވެ. ހާއްސަކޮށް ޗެތުރީ ޖާޒީތައް ފުރާލިއެވެ. އަދި ޗެތުރީއާ ހަމައަށް ދެވޭތޯ ދަނޑަށް ދެތިން ފަހަރަކު މީހުންވެސް އަރައިގެން ބާލަން ޖެހުނެވެ. އެހެންކަމުން އިންޑިއާއަށް މިއީ ސަޕޯޓު ބޮޑު ހޯމް މުބާރާތަކަށް ވާނެއެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023