އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕް 2023 ގެ ގްރޫޕް ސްޓޭޖުގައި ކުރިއަށްދާން މިރޭ އިންޑިއާއާ ދެކޮޅަށް ކުޅޭ މެޗަކީ ނޭޕާލަށް ފައިނަލް މެޗެއް ކަމަށް ކޯޗު ވިންސެންޒޯ އަލްބާޓޯ އާނޭސޭ ބުނެފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިމަހުގެ 21 ވަނަ ދުވަހު ސާފް ޗެމްޕިއަންޝިޕްގެ 14 ވަނަ މުބާރާތް ފަށާފައިވާ އިރު، މުބާރާތުގައި ކުޅުނު ގްރޫޕް އޭގެ ފުރަތަމަ މެޗުގައި ކުވައިތުން ނޭޕާލް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާއެކު ވިންސެންޒޯ ބުނީ މާޔޫސްވި ކަމަށާއި، ދެން އިންޑިއާއާ ދެކޮޅަށް ކުޅެން ނުކުންނަން ޖެހޭނީ ފައިނަލެއް ކަމަށް ދެކިގެން ކަމަށެވެ.

އިންޑިއާގެ ލީގު ފުޓުބޯޅައަށް ވިންސެންޒޯ އަލެއް ނޫނެވެ. ގޮކުލަމް ކެރެލާއާއެކު އޭނާ ވަނީ ޖެހިޖެހިގެން ދެ ފަހަރަށް އައިލީގު ކާމިޔާބުކޮށްފައެވެ. އެއީ އައިލީގުގެ ތާރީހުގައިވެސް އެފަދަ ފުރަތަމަ ކާމިޔާބީއެވެ. 2021-22 ވަނަ އަހަރު ލީގު ނަގައި، ގޮކުލަމް ކެރެލާއާއެކު ވިންސެންޒޯ އޭއެފްސީ ކަޕް ގްރޫޕް ސްޓޭޖަށް ނުކުމެ، ވަރުގަދަ އޭޓީކޭ މޯހުން ބަގާންވެސް ބަލިކުރިއެވެ. އެ ކްލަބަށްފަހު އިންޑިއާގެ ސުޕަ ލީގުގެ ނޯތުއީސްޓް ޔުނައިޓެޑްގެ ކޯޗުކަމުގައިވެސް ވިންސެންޒޯ ހުއްޓެވެ. ނޭޕާލް ގައުމީ ޓީމާ ހަވާލުވީ މިއަހަރުގެ މާޗް މަހުގައެވެ.

"އިންޑިއާއާ ދެކޮޅަށް ކުޅެން ޖެހޭ މެޗަކީ ފައިނަލް މެޗެއް. އިންޑިއާއާއި ނޭޕާލްގެ ކުރިމަތިލުންތައް އަބަދުވެސް ވެގެންދާނީ ތާރީހީ މެޗުތަކަކަށް. އަހަންނަށް އެނގޭ އިންޑިއާގެ ކުޅުންތެރިންގެ މެންޓާލިޓީ. އިންޑިއާ ކުޅުންތެރިން މި މެޗަށް ތައްޔާރުވާނެ ގޮތް އަހަންނަށް އެނގޭނެ. އެއީ އަހަރެން އިންޑިއާގައި ދުވަސްތަކެއް ހޭދަކޮށްފައިވާތީ،" ވިންސެންޒޯ ބުންޏެވެ.

ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް 2021 ވަނަ އަހަރު މުބާރާތުގެ ފައިނަލަށް ނޭޕާލް ގޮސްފައިވާ އިރު، ފައިނަލުގައި ބަލިވީ އިންޑިއާ އަތުންނެވެ. ނޭޕާލްގެ ކޯޗުކަމާ ދާދިފަހުން ހަވާލުވި ވިންސެންޒޯ ބުނީ ނޭޕާލުން ފުރަތަމަ މެޗުގައި ކުވައިތަށް މާ ބޮޑަށް އިހުތިރާމު ދިން ކަމަށާއި، އެއީ ނުކުޅެވުނު އެއް ސަބަބު ކަމަށެވެ.

ވިންސެންޒޯ އިތުރަށް ބުނީ ކުވައިތު މެޗުން އޭނާއަށް ލިބުނު ޕޮޒިޓިވްއަކީ ދެވަނަ ހާފުގައި ކުޅުންތެރިން ދެއްކި ކުޅުން ކަމަށާއި، އޭނާގެ ފިލޯސަފީއަކީ އެޓޭކިން ފިލޯސަފީއެއް ކަމަށެވެ. އަދި އައިލީގުގައި އޭނާ އިރުޝާދު ދިން ޓީމުތަކަކީވެސް ގޯލު ޖެހުމުގައި ތަފާތު ކަމެއް ގެންގުޅޭ ޓީމުތަކެއް ކަމަށާއި، އެ ވިސްނުން ނޭޕާލް ޓީމުން ފެންނަން ބޭނުންވާ ކަމަށެވެ.

އިންޑިއާއާއި ނޭޕާލް ވާދަކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ 7:00 ގައެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.