އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ބޫޓާނުން ސަރަހައްދީ ފެންވަރުގައި ކުރިއެރުންތަކެއް ހޯދަމުން ދަނީ ރަނގަޅު ގްރާސް ރޫޓް ޕްރޮޖެކްޓްތަކެއް ހިންގަމުންދާތީ ކަމަށާއި ކުރިއެރުމާމެދު ހިތްހަމަ ޖެހޭ ކަމަށް ކޯޗު ޕެމާ ޑޯޖީ ބުނެފިއެވެ.
ބޫޓާނަކީ މީގެ ކުރިން ސަރަހައްދީ ފެންވަރުގައި ވާދަކޮށްލެވޭ ވަރުގެ ޓީމެއްވެސް ނޫނެވެ. ސާފް ޗެމްޕިއަންޝިޕްތަކުގައިވެސް އެޓީމު ފެނިފައި ވަނީ އެންމެ ވާދަވެރި ޓީމެއްގެ ގޮތުގައެއް ނޫނެވެ. އެހެން ނަމަވެސް މެދުކެނޑުމަކަށްފަހު ރޭ ސާފް ޗެމްޕިއަންޝިޕަށް ނުކުމެ، ބޫޓާނުން ވަނީ ރާއްޖެ ކައިރީ ތައުރީފް ހައްގު ކުޅުމެއް ދައްކާފައެވެ.
މެޗުން 2-0 އިން ރާއްޖެ މޮޅުވި ނަމަވެސް، ބޫޓާނުން ވަނީ ރަނގަޅަށް އެޓޭކްކޮށް، ރާއްޖެ ކޮޅަށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. 10 ވަރަކަށް ހަމަލާ ރާއްޖޭ ގޯލާ އަމާޒުކޮށް ބޫޓާނުން ފޮނުވާލި އިރު، 23 ވަރަކަށް ހަމަލާ އެކު ޖުމުލަ އެޓީމުން އުފެއްދިއެވެ. ރާއްޖެއަށް މެޗުގެ ނަތީޖާ ހިފަހައްޓައިދިނުމުގައި ރޭ ގޯލްކީޕަރު ހުސައިން ޝަރީފް ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.
"މިހާރު ބޫޓާންގައި އެ ތިބި ކުޅުންތެރިންނަކީ އިންޓަ ކޮލެޖުން ގޮސް، އެކެޑަމީން ފަށައި، 19 އަހަރުން ދަށުގެ ލެވެލަށް ދިޔައީމަ ދެން ކްލަބްތަކަށް ދިޔަ ކުޅުންތެރިން. ހަގީގަތުގައި މިއީ މިކަން ވާން ޖެހޭނެ ގޮތަކީ. މިހާރު އެ ކުޅުންތެރިން އެކުގައި ޓީމެއް ގޮތުގައި އެ ކުޅެލަނީ ހަގީގަތުގައި އެއްކޮށް ފަރިތަކޮށް، އެއްކޮށް ފުޓުބޯޅައިގެ ތެރޭގައި އުޅެފައިވާތީ. އަހަރެން ވަރަށް ހިތްހަމަޖެހޭ މި ފެންނަ ކަންކަމަށް. މި ޓީމު ކުރިއަރައިގެންދާ އިރު ބޫޓާން ފުޓްބޯޅަ ބަދަލުވެގެންދާނެ،" ޑޯޖީ އިއްޔެގެ މެޗަށްފަހު ބުންޏެވެ.
ބޫޓާން ފުޓުބޯޅައިގެ ގްރާސް ރޫޓް ވަރަށް ބޮޑުތަނުން ހަރުދަނާކޮށް، އެގައުމުން ދަނީ ރަނގަޅު ޖީލެއް އުފައްދަން ސްކޫލްތަކާ ހަމައިން މަސައްކަތް ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން ޔޫތު ޓީމުތައް ވަނީ ވަރަށް ބޮޑަށް ކުރިއަރައިފައެވެ. އެގޮތުން 2019 ވަނަ އަހަރު ބޫޓާންގެ 23 އަހަރުން ދަށުގެ ޓީމު ވަނީ ރާއްޖެވެސް ބަލިކޮށްފައެވެ.
ރޭގެ މެޗަށްފަހު ކޯޗު ޕެމާ ބުނީ ބަލިވުމަކީ "މާޔޫސްކަމެއް" ކަމަށާއި ރަނގަޅަށް ކުޅުނޭ ބުނެ ފުއްދާލަން ބޭނުންނުވާ ކަމަށެވެ. އަދި ރޭގެ މެޗުގައި ރާއްޖެއަށް ނަސީބު އެހީތެރިވި ކަމަށްވެސް ޕެމާ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި ބޫޓާނުން ދެން ކުޅެން ޖެހޭނީ ބަންގްލަދޭޝް އާއި ލުބުނާނާ ދެކޮޅަށެވެ. ޕެމާ ރޭ ބުނީ އެ މެޗުތަކުގައި ވާދަކޮށް، ސެމީގެ އުންމީދަށް ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތް ކުރާނެ ކަމަށާއި ބޫޓާނަށް އަދި ރެއަށްވުރެ ރަނގަޅަށްވެސް ކުޅެވޭނެ ކަމަށެވެ.
- ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023