އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް
ސާފް ޗެމްޕިއަންޝިޕް 2023 ގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ރޭ ނުކުތީ ބޫޓާނާ ދެކޮޅަށެވެ. އެ މެޗު 2-0 އިން ރާއްޖެ ކާމިޔާބުކުރިއެވެ. އެ ނަތީޖާއަކީ ފްރެންޗެސްކޯ މޮރިއޭރޯގެ ނަޒަރުގައި މުހިއްމު އަދި "ހިތްހަމަ ޖެހޭ" ނަތީޖާއެކެވެ. ރަނގަޅު ވާހަކައެވެ. މެޗުން މޮޅުވުމަކީ އެންމެ މުހިއްމު ކަންތަކެވެ. މެޗުން ހޯދި ތިން ޕޮއިންޓަކީ ކުރިއަށްދާން ރާއްޖެއިން އެޅި ރަނގަޅު ފިޔަވަޅެކެވެ. އެކަމަކު ދެން އޮތް ދެމެޗަށް ނަޒަރު ހިންގާލަން މިވަގުތަށް ޖެހެއެވެ. ސާފް ޗެމްޕިއަންޝިޕް ގްރޫޕް ބީގައި ބޫޓާނާއި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ ލުބުނާނާއި ބަންގްލަދޭޝް އެވެ. އެ ދެޓީމުން ކުޅުނު މެޗު ލުބުނާނުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. އެ ދެޓީމާ ރާއްޖެ ކުރިމަތިލާން ދެން އޮތް ދެމެޗުވެސް އުނދަގޫވާނެއެވެ. އެއީ ދިވެހީންގެ ތެރެއިން ގިނަ ބަޔަކަށް ރޭގެ މެޗު އެންމެ ހިތްހަމަ ނުޖެހުނު ސަބަބަށް ވެދާނެއެވެ. ބަލިވާން ނޭދޭތީއެވެ. ގައުމީ ޓީމު ސާފް ތަށްޓާ ހަމައަށް ދާން އެދޭތީއެވެ.
މެޗުގެ ކުރިން ވާހަކަ ދައްކަމުން އިޓަލީގެ ކޯޗު މޮރިއޭރޯ ބުނީ ގައުމީ ޓީމުގެ "މެންޓާލިޓީ" ބަދަލުކުރުމަށް މަސައްކަތް ކުރާ ކަމަށެވެ. ތަށީގެ އަމާޒު އޮތް ނަމަވެސް ކޯޗުގެ ފޯކަސް ބޮޑަށް ހުރީ އާ ޖީލެއް ނެރުމަށް ކަމަށް އޭނާ ފުރަތަމަ ދުވަހު ދެއްކި ވާހަކައިން ދޭހަވެއެވެ. އެއީ ގޯސް މަސައްކަތެއް ނޫނެވެ. އެހެން ނަމަވެސް ސާފް ޗެމްޕިއަންޝިޕަކީ އެންމެ މެޗަކުންވެސް ދިވެހީން ބަލިވާން އެދޭނެ މުބާރާތެއް ނޫނެވެ. އެހެންވެ ކުރިއަށް އޮތް މެޗުތަކަށް މާ ބޮޑަށްވެސް ސަޕޯޓަރުން ވިސްނާނެއެވެ. އެ ވިސްނުމުގައި ބުނަނީނަމަ، ރޭ ބޫޓާން ކައިރީ ފެނުނީ ދިވެހި ޓީމުގެ އަސްލު ފެންވަރެއް ނޫނެވެ. ދިވެހި ފުޓުބޯޅައިގެ ސްޓައިލް ފެނުނީވެސް މަދު ފަހަރެއްގައޭ ބުނެވިދާނެއެވެ. ގޯސް ބަހެއް ބުނުމަކަށް ނޫނެވެ. އެކަމަކު ރޫހު ފެނުނީ ދަށް ކޮށެވެ. "ކޮންފިޑެންސް" ވެސް ފެނުނީ ދަށް ކޮށެވެ. ބޫޓާނުން މިދިޔަ ދިގު ތާރީހުގައި ރާއްޖެއާ ދެކޮޅަށް ކުޅުނު 10 މެޗުގެ ތެރެއިންވެސް، ރޭގެ މެޗަކީ އެޓީމުގެ އެންމެ ގަދަ މެޗެވެ. ރޫހާއި ޖޯޝު، "މެންޓާލިޓީ" ރަނގަޅު ކުރުން އެއީވެސް ކޯޗު ކުރަން އޮތް މުހިއްމު ކަމެއް ކަމަށް ރޭގެ މެޗުން ފެނުނެވެ.
ރޭގެ މެޗުގެ ހަވަނަ މިނެޓުގައި ރާއްޖެއިން ލީޑު ނެގި ނަމަވެސް. "ހިންދެމިލާނެ" ވަގުތުކޮޅެއް ނުލިބި މެޗުގެ ފަހު ވަގުތުކޮޅާ ހަމައަށް ދިޔައެވެ. ހަމްޒާ މުހައްމަދު (ހަމްޕު)ގެ ޕެނަލްޓީން ލީޑު ނެގި ރާއްޖެއިން ދެވަނަ ގޯލު ޖެހީ މެޗު ނިމިނިމި އޮއްވައެވެ. ގޯލު ޖެހީ ނާއިޒް ހަސަން (ދާދު) އެވެ. ކުޅުންތެރިންގެ ހިތްވަރު ދަނޑުމަތީގައި ފެނުނު ނަމަވެސް ހަމަޖެހިލި މަންޒަރެއް ނުފެނެއެވެ. ފުރަތަމަ ގޯލަށް ފަހު ރާއްޖޭގެ ފަހަތުން ބޫޓާން ރަނގަޅަށް ކުޅެގަތެވެ. ރޭގެ މެޗުގައި ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި ހުސައިން ޝަރީފް ވަނީ ރަނގަޅު ސޭވްތަކެއް ކޮށްފައެވެ. ބޫޓާނުން ރާއްޖެ ކޮޅަށް 10 ވަރަކަށް ހަމަލާ ގޯލާ އަމާޒުކުރިއެވެ. ގިނަ ވަގުތު ބޯޅަ ހިހައްޓައިގެން ކުޅުނު ބޫޓާންގެ ހަމަލާއެއް ދަނޑީގައި ޖެހިފައިވެސް ނުކުތެވެ. ކޮންމެއަކަސް ޓެކްޓިކަލީ ވިސްނާއިރު، އެއީ ދިވެހި ޓީމުގެ އެންމެ ވަރުގަދަ މެޗެއް ނޫނެވެ. ފުރަތަމަ މެޗު ކަމަށްވުމުން އެކަން ދިމާވުން އެކަށީގެންވެއެވެ. ޕޯސްޓް މެޗުގައި ކޯޗު ބުނިހެން، ބޮޑު މުބާރާތެއް ރަނގަޅު ޓެމްޕޯއެއްގައި ފަށަން އުނދަގޫވީ ކަމަށްވެސް ވެދާނެއެވެ. އެކަމަކު ބޫޓާނާ ދެކޮޅަށް ނުކުތީ އެންމެ ފޯމުގައި ނޫން ކަމަށް ބުނުމުގެ ޖާގަ އެބައޮތެވެ.
ދިވެހި ޓީމުން މެދުތެރެ ރަނގަޅަށް ބޭނުންކޮށް، ޕާސްތައް ޖަހަން އުޅުނުލެއް ވެސް މާބޮޑަށް މަދެވެ. ގިނަ ފަހަރު ޑިފެންސުންވެސް އަބަދުހެން ދިޔައީ ބާރު ބޯޅަތައް ކުރިއަށް ސާފުކުރަމުންނެވެ. ޖަޕާނުގައި 10 ދުވަސް އެކުގައި ހޭދަކުރި ގައުމީ ޓީމުން ކުޅުންތެރިންގެ ކޮމްބިނޭޝަންސް ރޭގެ މެޗުގައި ފެނުނީ ދަށް ކޮށެވެ. މެޗަށްފަހު ބޫޓާންގެ ކޯޗު ޕެމާ ޑޯޖީ ބުނީ ޓީމަށް ކުރިމަތިވި ބައްޔަކީ އުނދަގޫ ބައްޔެއް ކަމަށް ގަބޫލުކުރާ ކަމަށާއި، ކޮލެޖް ނިންމިގޮތަށް އެކަޑެމީތަކުގައި ދުވަސްތަކެއް ހޭދަކޮށްފައި އާ ޖީލަކާއެކު ބޫޓާންގެ މުސްތަގުބަލަށް ފައްކާ ކުރަމުން އަންނަ ޓީމު ދެއްކި ކުޅުން ހިތްވަރު ގަދަ ކަމަށްވެސް ޕެމާ ބުންޏެވެ.
ކޮންމެއަކަސް ބޫޓާނުން އަންނަނީ ގައުމީ ފުޓުބޯޅަ ކުރިއަށް ޖައްސަމުންނެވެ. ރާއްޖެ ކައިރިން ބަލިވި ނަމަވެސް ބޫޓާންގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުކަން ވާހަގަވެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ރާއްޖޭގެ ފަރާތުން ފެނުނީ އެންމެ ފުރިހަމަ "ގައުމީ ޖޯޝް"އެއް ނޫނެވެ. މީގެ ކުރިން 2008 ވަނަ އަހަރާއި 2021 ވަނަ އަހަރު ސާފް ހޯދި ޓީމުތަކުގެވެސް އެންމެ ބޮޑު ބިންގަލަކީ ދަނޑުމަތީގައި އޮތް ގުޅުންތެރިކަމެވެ. ޓެކްޓިކަލީ ކޯޗުގެ ސްޓައިލެއް އަދިވެސް ރަނގަޅަކަށް ނުފެނުނެވެ. ގައުމީ ޓީމާއެކު މަސައްކަތް ކުރަން ކޯޗަށް މިހާތަނަށް އެކަށީގެންވާ ވަގުތު ލިބިފައިވާ އިރު، ރޭ މޮރިއޭރޯ ފާހަގަކުރި އެއް ކަމަކީ ސާފްގެ ކުރިން އައި ކްލަބު ފުޓުބޯޅައިގެ ބްރޭކް ވާހަކައެވެ. މެޗެއް ނުކުޅެ ގިނަ ދުވަސްވެފައި ލީގު ފަށައިގެން ދުވަސްކޮޅެއް ފަހުން ގައުމީ ޓީމަށް ނުކުންނަން ޖެހުމުން ބުންވަރާއި ފޯކަސް ގެއްލިފައި ތިބި ކަމަށް ބުނި ވާހަކައެވެ. އެކަމަކު އެކަށީގެންވާ ވަގުތު ކޯޗަށް ލިބުނެވެ. ސާފަށް ތައްޔާރުވީ މަހެއް ކުރިން ފަރިތަކުރުންތައް ފަށައިގެންނެވެ. އެ މަސް ދުވަހު މަދުވީ އެކުވެރިކަމުގެ މެޗުތަކެކެވެ. މެޗުތައް ޓީމަށް ބޭނުންވާ ކަމަށް ގަބޫލުކުރި ނަމަވެސް، ސާފަށް ދިޔައީ އެކުވެރިކަމުގެ މެޗުތަކެއް، ނޫނީ މެޗެއްވެސް ނުކުޅެއެވެ.
ރޭގެ މެޗުން ރާއްޖެ މޮޅުވާން ގިނަ ބަޔަކު ބޭނުންވިވުމަކީ ޕްރެޝަރެއް ކަމަށް މޮރިއޭރޯ ސިފަކޮށްފައިވާ އިރު، ޕްރެޝަރާ ކުރިމަތިލާން އެކުވެރިކަމުގެ މެޗެއް ތަމްރީނުތަކުގައި ނުކުޅެ މުބާރާތަށް ނުކުތުމަކީ ފެށުމަށް އުނދަގޫ ބައެއް ހާލަތްތައް އައި ސަބަބު ކަމަށް ވެދާނެއެވެ.
މޮޅަކުން ފެށި ފެށުން އެއީ "ހަމަނޭވައެއް' ލާން ލިބުނު ފުރުސަތެކެވެ. ޗެލެންޖިން މެޗުތައް އަދި އޮތީއެވެ. ބަންގްލަދޭޝް ޓީމުން ހިފާފައި ތިބީ ސީދާ ރާއްޖެ ބަލިކުރާށެވެ. އެކަން ކުރެވޭނެ ކަމަށް ކޯޗު ހާވިއާ ފެނާންޑޭޒް ކަބަރޭރާ ވަނީ ބުނެފައެވެ. އެހެން ނަމަވެސް، "ޖޯޝާއި ރޫހު" ނެރެ، ހުނަރުގެ ގޮތުން ރަނގަޅު ކުޅުންތެރިންގެ ބޭނުން ދިވެހި ޓީމަށް ހިފިއްޖެ ނަމަ، އަދިވެސް ގައުމީ ޓީމަށް އޮތީ ބޮޑު ފުރުސަތެކެވެ. ކުޅުންތެރިންގެ ހުނަރާއި މަސައްކަތް ގޯހަކީ ނޫނެވެ. އަމިއްލަ "ކޮންފިޑެންސާ" އެކު ކުޅެލުމަށް ބައެއް ފަހަރު ޖެހިލުންވާ މަންޒަރު ފެނުނެވެ. އެއީ ދެން އޮތް މެޗުތަކަށް ނުކުންނަ އިރު، ރަނގަޅުކުރުން ކޮންމެހެން މުހިއްމު ކަމެކެވެ. ވަކި ޓެކްޓިކްސްއަކަށް ޓީމު އެކުވުންވެސް މުހިއްމެވެ. ކޯޗުގެ ޒިންމާ ބޮޑެވެ. ރަނގަޅު ކުރަން ޖެހޭ ކަންކަމަށް ފޯކަސް ކުރާނެ ކަމަށް ކޯޗު ރޭ ބުނެފައިވާ އިރު، ހިތްހަމަ ޖެހޭ ނަތީޖާއަކަށް އުންމީދުގައި އެތައް ހާސް ދިވެހީންނެއް ތިބިކަން ހަނދާން ކުރަން ޖެހެއެވެ.