އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ސާފް ޗެމްޕިއަންޝިޕް 2023 ގެ ފުރަތަމަ މެޗުގައި ކުވައިތުން ނޭޕާލް ބަލިކޮށްފިއެވެ.

އިންޑިއާގެ ބެންގަލޫރުގެ ސްރީ ކަންތީރަވާ ސްޓޭޑިއަމްގައި މިއަދު ކުޅުނު ގްރޫޕް އޭގެ މެޗުގައި ކުވައިތުން ނޭޕާލް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗު ހޫނުގައި ފެށި ނަމަވެސް، ބެންގަލޫރަށް މިއަދުވެސް އޮތީ ބަނަކޮށެވެ. ކޮންމެވެސް ވަރަކަށް ވާރޭވެސް މެޗު ތެރެއިން ވެހިފައިވާ އިރު، ފިނިހޫނުމިން އުޅެނީ ގާތްގަނޑަކަށް 25 ޑިގްރީ ސެލްޝިއަސްގައެވެ.

މިއަދުގެ މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ދަނޑަށް ހޭނެން ދެ ޓީމަށްވެސް ވަގުތުކޮޅެއް ނަގާފައިވެއެވެ. ގާތްގަނޑަކަށް ފުރަތަމަ 15 ވަރަކަށް މިނެޓް ތެރޭގައި ކުވައިތުން މަޑުމަޑުން މެޗަށް ގަދަވެ، އެޓީމުން ވަނީ ހަމަލާތަކަށް މަސައްކަތް ފަށައިފައެވެ. އެޓީމުގެ އެޓޭކުން ރަނގަޅު ގުޅުންތެރިކަމެއް ފާހަގަވެގެން ގޮސްފައިވާ އިރު، މެޗު ޑޮމިނޭޓްކޮށް ކުޅެން ފެށިއެވެ. މުހައްމަދު އަބްދުﷲ ދުރުން ފޮނުވާލި ހަމަލާ ދިޔައީ ނޭޕާލް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އަދި އޭގެ ފަހުން ފުލުފުލުގައި ކުވައިތުން ނުރައްކާތެރި ހުރަސްތައް ގޯލު ކުރިމައްޗަށް ނަގަމުން ދިޔަ އިރު، ނޭޕާލްގެ ގޯލްކީޕަރު، ކުރިން ރާއްޖޭގެ ޓީސީއާއި މާޒިޔާގެ ގޯލު ބެލެހެއްޓި ލިމްބޫ ކިރަން ކުމާރު ވަނީ ރަނގަޅު ބޯޅަތަކެއް ކުރިއަށް ޖެހި ނަގައިފައެވެ.

ކައުންޓާގެ މަދު ފުރުސަތުތަކެއްގައި ނޭޕާލުން ކޮންމެވެސް ވަރެއްގެ ނުރައްކަލެއް ކުރި ނަމަވެސް، ކުވައިތުގެ ނުރައްކާ އެޓީމުން ވަނީ މެޗުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްފައެވެ. ކުވައިތުގެ ކޯނަރެއް ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލަށް ރަނގަޅަށް ދިފާއުނުކުރެވުމާއެކު، ހުސްކޮށް ހުއްޓައި ލިބުނު ބޯޅައަކުން ކުވައިތަށް އެ ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ޚާލިދު ހަޖިއާއެވެ. ކީޕަރު ކިރަން ކުމާރު ލިމްބޫ ވެސް ކުރިއަށް އަރައި ހުރުމުން، ކުވައިތުގެ ޚާލިދު އެ ބޯޅަ ފޮނުވާލީ ހުސް ގޯލަކަށެވެ.

އެ ގޯލާއެކު ލީޑު ނަގައި ކުވައިތުން މެޗުގެ ކޮންޓްރޯލް ހޯދާފައިވާ އިރު، ހާފު ނިންމާލީ އިތުރު ގޯލަކާވެސް އެކުގައެވެ. މެޗުގެ 41 ވަނަ މިނެޓުގައި އެ ގޯލު ކާމިޔާބުކޮށްދިނީ ޝަބައިބް އަލްޚަރަބީެވެ. މުހައްމަދު އަބްދުﷲ އަރިމަތިން ދިން ބޯޅަ ކޮންޓްރޯލުކޮށްލުމަށްފަހު ޕެނަލްޓީ އޭރިއާ ތެރެއިން ހިތްގައިމުކޮށް އެނބުރިލާފައި އަލްޚަރަބީ ވަނީ ފަސޭހަކަމާއެކު ނޭޕާލުގެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.

ދެވަނަ ހާފަށް ނޭޕާލް އަދި ކުވައިތުންވެސް ނުކުތީ ބަދަލަކާއެކުގައެވެ. ނަވަޔުގް ޝްރެސްތާގެ ބަދަލުގައި ކުޅެން ނުކުތީ އަޔުޝް ގަލަންއެވެ. އަދި ކުވެއިތުން އަބްދުﷲ އަލަފަހާދް ކުޅެން ނުކުތީ އަބްދުﷲ އަލްބްލޫޝީއެވެ. ދެވަނަ ހާފުވެސް ކުވައިތުން ރަނގަޅަށް ފަށާފައިވާ އިރު، ހާފުގެ ކުރީކޮޅުގައި އީދް އަލްރާޝިދީ ފޮނުވާލި ހަމަލާ، ނޭޕާލްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. ނޭޕާލުން މެޗަށް އަނބުރާ ވަނުމަށް ކުރި މަސައްކަތުގައި އިތުރު އުނދަގޫތަކަކާ ކުރިމަތިވީ 65 ވަނަ މިނެޓުގައި ކުވައިތަށް ޕެނަލްޓީއެއް ލިބުމާ ގުޅިގެންނެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ނޭޕާލްގެ ރޯހިތު ޗާންދުގެ އަތުގައި ބޯޅައިން ޖެހުމުން، ކުވައިތަށް ޕެނަލްޓީއެއް ލިބުމުން، ޕެނަލްޓީ ކާމިޔާބުކޮށް، ތިން ގޯލުގެ ލީޑެއް ހޯދައިދިނީ މުހައްމަދު އަބްދުﷲއެވެ.

އެ ގޯލަށް ދެ މިނެޓުވެސް ނުވަނީސް ކައުންޓާ އެޓޭކް ފުރުސަތެއްގައި ކުރިއަށް ޖެހި ނޭޕާލުން ވަނީ ގޯލު ޖަހައި ހިތްވަރު ހޯދައިފައެވެ. ނޭޕާލްގެ ކުރިއަށް ކުޅެމުންދިޔަ ހަލުވި ކުޅުންތެރިޔާ، އަންޖަން ބިސްޓާ ބޯޅައެއް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ފޮނުވާލި ބޯޅަ ވައްދާލީ ތިރީ ކަނަށެވެ. ނޭޕާލުން ދިރުމެއް ހޯދައި، ރަނގަޅު ނަތީޖާއަކަށް މަސައްކަތް ކުރިއެވެ. ނަމަވެސް ކުވައިތުން ވަނީ ނޭޕާލްގެ ކައުންޓާ ހިފަހައްޓައި، މެޗުން ތިން ޕޮއިންޓް ޔަގީންކޮށްފައެވެ.

ގްރޫޕް އޭގައި ދެން ވާދަކުރާ ޓީމުތަކަކީ ޕާކިސްތާނާއި އިންޑިއާއެވެ. އެ ދެ ޓީމުން ކުޅޭ މެޗު މިރޭ ރާއްޖެ ގަޑިން 7:00 ގައި ފަށާނެއެވެ.

  • ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.