ސްރީ ކަންތީރަވާ ސްޓޭޑިއަމް: އިންޑިއާ، ބެންގަލޫރު

ޗެމްޕިއަންޝިޕް 2023ގެ ފުރަތަމަ މެޗުގައި ނޭޕާލާއި ކުވައިތު ވާދަކުރާ މެޗުގެ ލައިވް ބްލޮގަށް "ވަން ސްޕޯޓްސް" ގެ ކިޔުންތެރިންނަށް މަރުހަބާ!

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދަނީ ޖުމުލަ އަށް ޓީމާއެކު. އެއީ ސަރަހައްދީ ހަ ޓީމާއި ދައުވަތު އެރުވިގެން މުބާރާތުގައި ވާދަކުރާ މެދުއިރުމަތީގެ ދެޓީމާއެކު. ސަރަހައްދީ ގައުމުތަކުގެ ތެރެއިން މުބާރާތުގައި ވާދަކުރަނީ ނޭޕާލް، އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، ބޫޓާންގެ އިތުރުން ރާއްޖެ. ސަރަހައްދުން ބޭރުން މުބާރާތުގައި ވާދަކުރަނީ ކުވައިތާއި ލުބުނާން.

ގްރޫޕް އޭގައި ވާދަކުރަނީ މިއަދުގެ މެޗު ކުޅޭ ނޭޕާލާއި ކުވައިތުގެ އިތުރުން އިންޑިއާއާއި ޕާކިސްތާން. ގްރޫޕް ބީގައި ހިމެނެނީ ރާއްޖެއާއި ލުބުނާން، ބޫޓާން އަދި ބަންގްލަދޭޝް. މިއީ ސާފް ޗެމްޕިއަންޝިޕްގެ 14 ވަނަ މުބާރާތް. މި މުބާރާތް ވެގެންދާނީ ތާރީހުގައިވެސް އެންމެ ވާދަވެރި، އަދި އެންމެ ވަރުގަދަ އެއް މުބާރާތަށް.

  • ނޭޕާލާއި ކުވައިތު މިހާތަނަށް ވަނީ ނުވަ މެޗެއްގައި ކުޅެފައި
  • އޭގެ ތެރެއިން އަށް މެޗުން މޮޅުވީ ކުވައިތު
  • އަނެއް މެޗު ނިމުނީ އެއްވަރު ވެގެން
  • އެންމެފަހުން މިދިޔަ އަހަރު އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ދެޓީމު ކުޅުނު މެޗުން ކުވައިތު މޮޅުވީ 4-0 ގެ ނަތީޖާއަކުން
  • ދެޓީމު 0-0 އިން އެއްވަރުވީ 2019 ވަނަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗަކުން