ސިފައިންގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސް، ސިފައިންނަށް އިތުރު ފުލެޓުތަކެއް ހަދައިދޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ސިފައިންގެ 131 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކަޅުތުއްކަލާ ކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ މިހާރަށް ވުރެ ބޮޑަށް ސިފައިންގެ ވެލްފެއާ ކަންކަން ހަރުދަނާ ކުރުމަށް ގިނަ މަސައްކަތެއްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ސަރުކާރުން މިހާރު އެންމެ އިސްކަމެއްދީގެން ކުރަމުންގެންދަނީ ހުޅުމާލޭގައި ހަދާ ސިފްކޯ ހިޔާގެ މަސައްކަތް ނިންމުމަށް ކަމަށާއި އެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

"ހިދުމަތުގައި ތިއްބަވާ ސިފައިންގެ ބޯހިޔާވަހިކަމަށްޓަކައި، ހުޅުމާލޭ ފޭސް ދޭއްގައި ވެސް، 138 ޔުނިޓުގެ އިމާރާތެއް ބިނާކުރަން މިހާރު ވަނީ ނިންމާފައި. އެ އިމާރާތުގެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ މިއަހަރު ފެށޭނެ. އަދި ކަޅުތުއްކަލާ ކޮށީގައިވެސް، ސިފައިންގެ އެކޮމޮޑޭޝަންގެ ގޮތުގައި 480 މީހުންގެ ޖާގައިގެ އިމާރާތަކާއި 100 މީހުންގެ ޖާގައިގެ އިމާރާތެއް އެޅުމަށް އިރާދަކުރެއްވިއްޔާ މިއަހަރު ބިޑްކުރެވޭނެ،" ރައީސް ވިދާޅުވިއެވެ.

"ސަރުކާރުން މިހާރު ކުރަމުން އަންނަ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން، ދިވެހި ސިފައިންނާއި ދިވެހި ފުލުހުންގެ މުސާރައަށް ވެސް، އިރާދަކުރެއްވިއްޔާ ހެޔޮ ބަދަލުތަކެއް އަންނާނެ. ޕޭ ކޮމިޝަނުން މިހާރު އެ އަންނަނީ އެކަމާ ބެހޭ ދިރާސާތައް ކުރަމުން،"

ރައީސް ވިދާޅުވީ އެ ކަންކަމަކީ ސިފައިންގެ އޮޕަރޭޝަނަލް ގާބިލުކަމާ ގުޅިފައިވާ ކަންކަން ކަމަށެވެ. އެފަދަ ގިނަ ކަންތައްތަކެއް މިހާރުވެސް ކުރިއަށްދާ ކަމަށާއި ކ. ސިފަވަރުގައި ހަދާ އެކަތަ ބަނދަރަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ ޅ. މާފިލާފުށީގައި ހުންނަ ސިފައިންގެ ނޮދަން އޭރިއާގެ ހެޑްކުއާޓާ ހދ. ހަނިމާދުއަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެ ހެޑްކުއާޓާ ހަނިމާދުއަށް ބަދަލުކުރާނީ ހަނިމާދޫ އިންޓަނޭޝަނަލްގެ މަސައްކަތް ނިމުމުން ކަމަށާއި ތަރައްގީގެ މަޝްރޫއުތަކާއެކު ސިފައިންގެ ހިދުމަތުގެ އޮނިގަނޑަށް ބަދަލު ގެންނަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސިފައިންގެ ގާބިލުކަން މިދިޔަ ހަތަރު އަހަރުތެރޭ ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސިފައިންގެ ގާބިލުކަން އިތުރުކުރުމުގެ ގޮތުން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ސިފައިންގެ އަސްކަރީ ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ، އެޑްވާންސް ވެޕަން ފަޔަރިން ސިމިއުލޭޓާ ހޯދުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށައި އެފަދަ ހަތަރު ސިމިއުލޭޓަރު ރާއްޖެ ގެނެސް ބޭނުންކުރަން ފަށާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ސިފައިންގެ ކްރިޓިކަލް އިންފްރާސްޓަކްޗާގެ ސެކިއުރިޓީ ހަރުދަނާކުރުމުގެ ގޮތުން، އެންޓި-ޑްރޯން ސިސްޓަމްތަކެއް ހޯދުމުގެ މަސައްކަތް ވެސް މިއަހަރު ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި ސިފައިންގެ ކޯސްޓު ގާޑު އަދި ފަޔާ އެންޑް ރެސްކިޔުގެ ގާބިލުކަން އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މާލެ ސަރަޙައްދުގެ އިމާރާތްތައް އެ އަންނަނީ އުސްވަމުން ބޮޑެތިވަމުން. އެއް އިމާރާތެއްގައި ދިރިއުޅޭ މީހުންގެ އަދަދު ވެސް އަންނަނީ އިތުރުވަމުން. މިކަމަށް ރިއާޔަތްކޮށް، ސިފައިންގެ ފަޔާ އެންޑް ރެސްކިޔު ހިދުމަތް އިތުރަށް ތަރައްގީކޮށް ޒަމާނީ ކުރުމަކީ، އަޅުގަނޑުމެން ކުރަން ނިންމާފައިވާ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދިފާއުކުރުމަށް ސިފައިން ގެންދަނީ ވަރަށް ބުރަ މަސައްކަތެއް ކުރައްވަމުން ކަމަށާއި އަޅުވެތިކަމާ ދެކޮޅަށް 21 ގަރުނުގައި ބޭނުންކުރާ އެންމެ ކަށަވަރު ފަރުވާއަކީ، ސަރަހައްދީ އަދި ބައިނަލްއަގުވާމީ ސުލްހައާއި ދޭދޭ ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާއެކު ގުޅުން ބަދަހިކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. އެ ގުޅުމުގައި އާރުލާ ވަރަކަށް، އެ ގައުމެއްގެ ވަށައިގެން ލެވޭ ދިފާއީ ފާރުގެ ވަރި ބޯވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ވެސް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަމުން މި އަންނަނީ އެ ގުޅުން ދަމަހައްޓައިގެން. އެ ގުޅުން ބަދަހިކުރުމަށްޓަކައި ގާބިލު އަދި ހުޝިޔާރު އަސްކަރިއްޔާއެއް އޮތުމަކީ ވެސް އެހާމެ ބޭނުންތެރިކަމެއް،" ރައީސް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މުޖްތަމައުގައި އެއްވެސް ގައުމަކީ އެކަހެރިވެގެން، ނުވަތަ އެހެން ގައުމުތަކާ ނުގުޅި އުޅެވޭނެ ގައުމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.