ސާފް ޗެމްޕިއަންޝިޕް 2023 ހުޅުވުމުގެ ގޮތުން ބެންގަލޫރު ގަޑިން މާދަމާ ތިންގަޑިބައިގައި ބައްދަލުކުރާނީ ނޭޕާލާއި ކުވޭތެވެ. ކުވޭތަކީ ސާފް ސަރަހައްދުން ބޭރުގެ ގައުމެކެވެ. މި މުބާރާތުގައި ވާދަކުރަނީ އޯލް އިންޑިޔާ ފުޓްބޯލް ފެޑެރޭޝަނުގެ ދައުވަތަކަށެވެ. މުބާރާތް ހުޅުވުމުގެ ޝަރަފު ކުވޭތާއި ނޭޕާލަށް ލިބިފައިވާއިރު މާދަމާގެ މެޗަކީ މި ދެގައުމުގެ ދިހަވަނަ ކުރިމަތިލުމެވެ.
ކުވޭތާއި ނޭޕާލުގެ ކުރިމަތިލުންތަކުގެ ތާރީޚަށް ބަލާއިރު މާބޮޑަށްވެސް ތިލަފަތް ބަރުވަނީ ކުވޭތުގެ ކޮޅަށެވެ. ކުވޭތު ވަނީ 8 މެޗުން މޮޅުވެފައެވެ. އެއް މެޗު ނިމިފައިވަނީ އެއްވަރުވެގެންނެވެ. ނޭޕާލް އަދިވެސް އޮތީ ފުރަތަމަ މޮޅުގެ އިންތިޒާރުގައެވެ. މިއަދު ބޭއްވުނު ޕްރެސް ކޮންފަރެންސްގައި ނޭޕާލުގެ ކޯޗު އިޓަލީގެ ވިންޗެންޒޯ އަލްބާޓޯ އަނޭސީ ބުނެފައިވަނީ އުންމީދަކީ މި އިންތިޒާރަށް މާދަމާ ނިމުން ގެނައުން ކަމުގައެވެ.
ފީފާ ރޭންކިންގައި ކުވޭތު އޮތީ 143 ވަނައިގައެވެ. އެއީ ސާފް ޗެމްޕިއަންޝިޕްގައި މިފަހަރު ވާދަކުރާ 8 ޓީމުގެ ތެރެއިން ރޭންކުގެ ގޮތުން ތިންވަނަ ޓީމެވެ. އަނެއްކޮޅުން ފީފާ ރޭންކިންގައި ނޭޕާލް އޮތީ 174 ވަނައިގައެވެ. ސާފް ޗެމްޕިއަންޝިޕްގައި އެއީ ދެވަނައަށް އެންމެ ދަށް ރޭންކުގެ ޓީމެވެ. މާދަމާގެ މެޗަށް ކުވޭތު ނުކުންނައިރު އެޓީމު އެންމެފަހުން ކުޅުނު ބައިނަލްއަގުވާމީ ފަސްމެޗުންވެސް ބަލިވެފައެއް ނުވެއެވެ. އެންމެފަހުން ބަލިވެފައިވަނީ މިއަހަރުގެ ޖެނުއަރީމަހު ގަލްފު ކަޕްގައި ގަތަރު އަތުން ދޭއް ސުމަކުންނެވެ. ނޭޕާލަށް ބަލާއިރު އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން ދެމެޗުން ބަލިވެ އެއްމެޗު އެއްވަރުވެފައިވެއެވެ. ނޭޕާލް އެންމެފަހުން ކުޅުނު މެޗުގައި ފިލިޕީންސް އަތުން އެކެއް ސުމަކުން ވެފައިވަނީ ބައްޔެވެ.
ކުވޭތާއި ނޭޕާލް އެންމެފަހުން ބައްދަލުކޮށްފައިވަނީ އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި ހުސްވިއަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އެ މެޗު ހަތަރެއް އެކަކުން ކާމިޔާބުކުރީ ކުވޭތެވެ. މާދަމާގެ މެޗާބެހޭގޮތުން ނޭޕާލުގެ ކޯޗު އަނޭސީ މިއަދު ބުނެފައިވަނީ މުބާރާތަށް ތައްޔާރުވާން ތިންމަހާއި ބައިގެ މުއްދަތެއް ލިބުނު ކަމަށާއި ތައްޔާރުވުމާމެދު ހިތްހަމަޖެހޭ ކަމުގައެވެ. ވާދަވެރި ޓީމުތަކާއެކު ކުޅެލަން ލިބޭ މި ފުރުސަތަކީ ކުރިމަގަށްޓަކައި ކުޅުންތެރިންނަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށްވެސް ބުންޏެވެ. ނޭޕާލުގެ ޓީމަކީ ޒުވާން އައު ކުޅުންތެރިން ގިނަ ޓީމެއް ކަމަށާއި އުންމީދަކީ މޮޅަށް ކުޅެ ރަނގަޅު ނަތީޖާތަކެއް ނެރުން ކަމަށްވެސް ބުންޏެވެ. ކުވޭތަށް އިހުތިރާމް ކުރާކަމަށާއި އެކަމަކު ބިރުގަނެ ފަހަތަށް ނުޖެހޭނެކަމަށްވެސް ބުންޏެވެ. އޭނާގެ ނަޒަރުގަައި ކަންބޮޑުވުން އޮތީ ބެންގަލޫރުގެ މޫސުމާއި ދަނޑުގެ ހާލަތާމެދުގައެވެ.
މިދުވަސްވަރަކީ ބެންގަލޫރަށް ވިއްސާރަ ދުވަސްވަރެކެވެ. މޫސުމާމެދު ކުވޭތުގެ ޕޯޗުގަލް ކޯޗު ރުއި ބެންޓޯ މިއަދުގެ ޕްރެސް ކޮންފަރެންސްގައި ބުނީ ކުވޭތުގެ މޫސުމާއި ބެންގަލޫރުގެ މޫސުން ތަފާތުވުމަކީ މައްސަލައެއް ނޫންކަމަށާއި އޭނާގެ ކަންބޮޑުވުން އޮތީ ސްރީ ކަންތީރަވާ ސްޓޭޑިއަމްގެ ވިނައިގެ ފެންވަރާމެދުގައި ކަމަށެވެ. އެފެންވަރު އެހާ ރަނގަޅު ނޫންކަމަށާއި ރަނގަޅު މެޗެއް ކުޅުމަށް ރަނގަޅު ދަނޑެއްވެސް ބޭނުންވާ ކަމަށް ބުންޏެވެ.
ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023