އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން/ ވަން ސްޕޯޓްސް

ސަރަހައްދީ އެންމެ ބޮޑު ކުޅިވަރުގެ، ފުޓުބޯޅައިގެ އީދަކީ ސާފް ޗެމްޕިއަންޝިޕެވެ. އެ މުބާރާތަކީ ޒަމާނުއްސުރެ ދިވެހީންގެ ދިރިއުޅުމާވެސް ގުޅިލާމެހިފައިވާ މުބާރާތެކެވެ. 2008 ވަނަ އަހަރު ރާއްޖެއިން މުބާރާތުގެ ފުރަތަމަ ތަށި ހޯދި ހިސާބުން ދިވެހީންނަށް ސާފަށް ހާއްސަ ކަމެއް ދެވުނު އިރު، އެ ފަހުން ތަށީގެ އިންތިޒާރަށް ނިމުމެއް އައީ 2018 ވަނަ އަހަރު ބަންގްލަދޭޝްގެ ޑާކާގައެވެ. އޭގެ ފަހުން 2021 ވަނަ އަހަރު މުބާރާތް ރާއްޖޭގައި އޮތުމަށްފަހު، މިފަހަރު މަރުހަބާ ކިޔަން މިޖެހެނީ އިންޑިއާގެ ތަރައްގީވަމުން އަންނަ ޓެކްނޮލޮޖީގެ ހަބެއް ކަމަށްވާ ބެންގަލޫރަށެވެ. ދިވެހީންނަށް މުޅިން އާ ސިޓީއަކަށް ނުވާނެއެވެ. ކަރްނާޓަކާގެ ވެރިރަށް ބެންގަލޫރަކީ ބޭސްފަރުވާއަށް ދިވެހީން ޖަމާވެފައިވާ "އަރާމު" ސިޓީއެކެވެ. އެހާ ފިންޏެއްވެސް ނޫނެވެ. ރާއްޖެއިން އިހުސާސްކުރެވޭ ބާރު ހޫނުގެ އަސަރެއްވެސް ނެތެވެ. ވަސީލަތްތައް ފުރިހަމަ ސިޓީއެކެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބާއްވަން އިންޑިއާއިން ނިންމާފައި ވަނީ ސްރީ ކަންތީރަވާ އައުޓްޑޯ ސްޓޭޑުއަމްގައެވެ. މި ސްޓޭޑިއަމަކީ ގާތްގަނޑަކަށް 26،00 މީހުންގެ ޖާގައިގެ ސްޓޭޑިއަމެކެވެ. ސްޓޭޑިއަމްގެ ވަށައިގެންވަނީ ގަސްތަކުން ފުރިފައެވެ. އެއީ ބެންގަލޫރަށް އާ ކަމެއްވެސް ނޫނެވެ. ބެންގަލޫރަކީ އިންޑިއާގެ އެންމެ ފެހި އެއް ސިޓީއެވެ. ކަންތީރަވާ ސްޓޭޑިއަމްގެ ވަށައިގެން އެކިއެކި ކުޅިވަރު ސެންޓަރުތައް ގާއިމުކުރެވިފައިވާ އިރު، ކަރްނާޓަކާގެ ގިނަ ކުޅިވަރު އިދާރާތަކެއްވެސް އެތަނުގައި އަންނަނީ ހިންގަމުންނެވެ. ހިތްގައިމު ފުރާޅު ޑިޒައިނެއް އެކުލެވޭ ކަންތީރަވާ ސްޓޭޑިއަމަކީ ފުޓުބޯޅައިގެ ތާރީހު ބޮޑު ސްޓޭޑިއަމެކެވެ. އިންޑިއާގެ ސުޕަ ލީގުގެ އެންމެ ވަރުގަދަ އެއްބާރުކަމަށްވާ ބެންގަލޫރު އެފްސީގެ ހޯމް ސްޓޭޑިއަމަކީވެސް ކަންތީރަވާއެވެ. އިންޑިއާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ދެކުނުގެ މައިމަރުކަޒަކީވެސް އެއީއެވެ. އެހެންކަމުން ބެންގަލޫރަކީ ފުޓުބޯޅައިގެ ސިޓީއެކެވެ. ބެންގަލޫރު އެފްސީގެ ޖާޒީތައް މަގުތަކުން ފެންނަ ސަބަބަކީވެސް އެއީއެވެ. އެހެންކަމުން އިންޑިއާގެ މެޗުތަކަށް ދަނޑު ފުރިބާރުވާނެ ކަމަށް ބެލެވެއެވެ.

ބެންގަލޫރަކީ އިންޑިއާގެ "ގާޑަން ސިޓީ" ގޮތުގައި މަޝްހޫރު ސިޓީއެކެވެ. އާންމުކޮށް ގަސްގަހާގެހި ގިނައެވެ. ހިޔާ ދޭ ބޮޑެތި ގަސްތަކުން މަގުތަކަށް ހިޔާ ލިބެއެވެ. ބަލައިލަން ޗާލު ބޮޑެތި ބަގީޗާތައްވެސް ގިނައެވެ. ސާފަށް އައިސް، ފަތުރުވެރިއެއްގެ ގޮތުގައި ބަލައިލަން ޗާލު މުހިއްމު އެތައް ތަނެއް ބެންގަލޫރުގައި އެބަހުއްޓެވެ. އޭގެ ތެރޭގައި ލަލްބާގު ބޮޓޭނިކަލް ގާޑެންއާއި ބައްނާގަޓާ ނޭޝަނަލް ޕާކާއި ވޮންޑަލޭންޑް އަދި ކުބޮން ޕާކްވެސް ހިމެނެއެވެ. އޭގެ އިތުރުން ޓެކްނޮލޮޖީގެ ސަރަހައްދުތަކުގެ މަގުބޫލުކަން ބެންގަލޫރުގައި ބޮޑެވެ. މިއީ އިންޑިއާގެ "ސިލިކަން ވެލީ"ގެ ގޮތުގައިވެސް މަގުބޫލު ސިޓީއެކެވެ. ބެންގަލޫރުގެ ރޭގަނޑުގެ ފިނިހޫނުމިން މިހާރު އާންމުކޮށް 25-22 ޑިގްރީ ސެލްޝިއަސްގައި ހުންނަ އިރު، އެ ނަންބަރުތައް ދުވާލު އާންމުކޮށް އެންމެ މައްޗަށްވެސް އަރަނީ 29-30 ޑިގްރީ ސެލްޝިއަސް އަށެވެ. އެހެންކަމުން ދިވެހީންނަށް މިއީ ފަސޭހަ މޫސުމެކެވެ. ކުޑަކޮށް ވިއްސާރައިގެ އަސަރު ކޮންމެ ދުވަހަކުވެސް ކުރާ ނަމަވެސް، އާންމުކޮށް ގިނަ އިރުތަކެއް ވަންދެން ވާރޭ ވެހެމުންނެއް ނުދެއެވެ.

ބެންގަލޫރަކީ ވިޔަފާރީގެވެސް ބޮޑު ހަބެކެވެ. ބްރޭންޑެޑް އެތައް ފިހާރައެއް ބެންގަލޫރުން ފެންނަ އިރު، ބޮޑެތި ޝޮޕިން މޯލްތަކުން ތަކެތީގެ އަގު ދިވެހީންގެ ނަޒަރުގައި ހެވެވެ. ކިޔަވާ ގިނަ ދިވެހި ކުދިންތަކެއްވެސް ބެންގަލޫރުގައި ދިރިއުޅެމުން އަންނައިރު، ބެންގަލޫރުގެ މަނިޕާލް ހޮސްޕިޓަލަށް ފަރުވާ ހޯދަން އަންނަ ދިވެހީންގެ ގިނައެވެ. އާސަންދައިގެ ހިދުމަތް ދޭ މަނިޕާލް ހޮސްޕިޓަލަށް ފަރުވާއަށް އަންނަ މީހުންގެ އިތުރުން ބެންގަލޫރުގައި ދިރިއުޅޭ ގިނަ ބަޔަކުވެސް ފާހަގަކޮށްލެވެއެވެ. އެހެންކަމުން މިއީ ދިވެހީންގެ ހާއްސަ ސިޓީއެކެވެ. ދިވެހީން ބޭނުންވާ ކަހަލަ އިންޑިއާގެ މީރު ރަހަތައް، ރެސްޓޯރަންޓްތަކުގައި ހެޔޮ އަގުގައި ލިބެއެވެ. އާންމުކޮށް މީލަކަށް ދިވެހީން ހިތްހަމަ ޖެހޭ ވަރުގެ ކެއުމެއް 900-500 ރުޕީސްއާ ދެމެދުގެ އަގަކަށް ކާލެވޭނެއެވެ.

އިންޑިއާގެ ފައިސާގެ އަގަށްބަލާ އިރު، ޑޮލަރަކަށް ގާތްގަނޑަކަށް 80-83 ރުޕީސް ޖެހެއެވެ. ދިވެހީންނަށް އެރޭޓް ގޯހެއް ނޫނެވެ. އެއާޕޯޓުން ހޮޓާތަކަށް ދުރު ދަތުރެއް ކުރަން ޖެހުނު ނަ،މަވެސް، ސްޓޭޑިއަމް ސަރަހައްދަކީ ވިޔަފާރި ކުރުމަށްވެސް ހިނގާލާފައި ދެވޭނެ ކަހަލަ ސަރަހައްދެކެވެ. ބެންގަލޫރުގައި ހޮޓާތައް ގިނައިރު، ސާފް ކުޅޭ ސްޓޭޑިއަމް ސަރަހައްދުގައި ރަނގަޅު ފެންވަރުގެ ހޮޓާތަކެއް އެބަހުއްޓެވެ. އަގުގެ ގޮތުން ބަލާއިރު، މުބާރާތް ނިމެންދެންވެސް މާ ބޮޑު ހަރަދެއް ނުކޮށް އެ ހޮޓާތަކުގައި މަޑުކުރެވޭނެ ކަމަށް އަންދާޒާކުރެވެއެވެ.

ބެންގަލޫރުގެ ދަތުރުފަތުރު އަގު ބޮޑު ނޫންނަމަވެސް، ސަމާލުވާން ޖެހޭ ކަމެއް އެބައޮތެވެ. ބެންގަލޫރުގެ މަގުތައް ވަރަށް ބާރު ބޮޑެވެ. އާންމުކޮށް ޓްރެފިކްގައި ޖެހި ވަގުތުތައް ބޭކާރުވެއެވެ. އާންމުކޮށް ފަސް ވަރަކަށް ކިލޯމީޓަރަށް ދާން ޖެހޭ ތަންތަނަށްވެސް 30-45 ވަރަކަށް މިނެޓް ހޭދަވެއެވެ. އެހެންކަމުން އެއީ ސަމާލުވާން ޖެހޭ ކަމެކެވެ. ތަންތަނަށް ދިއުމުގައި ގެންގުޅޭ ކަންފަސޭހަ، ނުވަތަ ލުއި ޝެޑިއުލަށް ބެންގަލޫރުގައި އުނދަގޫތަކެއް އަތުވެދާނެއެވެ.

ދިވެހި ރާއްޖެއިން ބެންގަލޫރަށް އާންމުކޮށް އަންނަ އެއް ފްލައިޓަކީ އިންޑިގޯއެވެ. އިންޑިއާގެ އިންޑިގޯ ފުލައިޓް ސީދާ ބެންގަލޫރަށް ދަތުރުކުރެއެވެ. ކޮޗިން ކޮޗިން މަގުންވެސް އިންޑިގޯއިން ބެންގަލޫރަށް ދަތުރުކުރެވެއެވެ. އެއާޕޯޓުގައި މާ ގިނަ ވަގުތެއް ހޭދަނުކޮށް، އިންޓަ ނޭޝަނަލް ޓާމިނަލުން ނުކުމެ ޑޮމެސްޓިކް ޓާމިނަލަށް ގޮސް ޗެކިން ވެލުމުން އެކަމަށް މާ ބޮޑު އުނދަގުލެއްވެސް ނެތެވެ.

ސްރީލަންކަން އެއާލައިންސުން ކޮލޮމްބޯ މަގުންވެސް ބެންގަލޫރަށް އައުމަށް ފުރުސަތުތައް އެބައޮތެވެ. އޭގެ އިތުރުން ގައުމީ އެއާލައިން މޯލްޑިވިއަންގައި ކޮޗިންނަށް އައިސް، ޑޮމެސްޓިކް ފްލައިޓެއްގައިވެސް ބެންގަލޫރަށް އައުމަށް ފުރުސަތު އޮންނާނެއެވެ. އެކަމުގައި ސަމާލުވާން ޖެހޭނީ ޑޮމެސްޓިކް ފްލައިޓަށް ފެތޭވަރަށް ލަގެޖް ގެނައުމަށެވެ. އަދި ހަމަ އެހެންމެ ދެ ފުލައިޓް ދެމެދުގައި އެކަށީގެންވާ ވަގުތުކޮޅެއް ލުން މުހިންމެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕަށް އިންޑިއާގެ ފުޓުބޯޅަ ފެޑަރޭޝަނުން މައިގަނޑުކޮށް ޓިކެޓް ވިއްކަމުން އަންނަނީ އޮންލައިން [ޕޯޓަލްއެއް](https://www.the-aiff.com/tickets) މެދުވެރިކޮށެވެ. ޓިކެޓް ވިއްކާނީ އައިޑީ ޕްރޫފްއަކާ އެކުގައެވެ. ދަނޑަށް މީހުން ވައްދަން ސްޓޭޑިއަމްގެ މެއިން ގޭޓް ހުޅުވާނީ މެޗުތަކުގެ ދެގަޑިއިރު ކުރިންނެވެ. ވަނުމަށްފަހު ސްޓޭޑިއަމް ސަރަހައްދުން، މެއިން ގޭޓުން ނުކުމެފައި ދެން އަލުން އެޓިކެޓަކަށް ނުވަދެވޭނެއެވެ. ސަލާމަތީ ކަންކަން ދަނޑު ކައިރީގައި މިހާރުވެސް އަންނަނީ ވަރުގަދަ ކުރަމުންނެވެ. ދަނޑުގެ އެންމެ އުތުރު ތިރީ ސަރަހައްދުގެ ޓިކެޓްތައް 99 ރުޕީސްއަށް ލިބޭ އިރު، އުތުރު ފަޅީގެ މަތިން ޓިކެޓް ލިބެނީ 199 ރުޕީސްއަށެވެ. އިރުން ދެ ސިޑިބަރީގެ އަގުތަކަކީ 399 ރުޕީސްއާއި 499 ރުޕީސްއެވެ. ވީއައިޕީ ބޮކްސްގެ އަގަކީ 799 ރުޕީސްއެވެ.

އިންޑިއާގެ މެޗުތަކުގައި އިދިކޮޅަށް ކުޅޭ ޓީމަށް ހާއްސައީ އިރުމަތީފަރާތުގެ ތިރީ ބީ ބްލޮކެވެ. އެ މެޗުތަކުގައި ޓިކެޓް ހޯދުން ވާނީ އުނދަގޫ ކަމަކަށެވެ. އެއީ ބޮޑުބަޔަކަށް އިންޑިއާގެ ސަޕޯޓަރުން ވަދެ ފުރާލާނެތީއެވެ.

އީދު ޗުއްޓީއާ ދިމާކޮށް މި އޮންނަ ސާފް ޗެމްޕިއަންޝިޕަކީ ޗުއްޓީއަކަށް ފުރިހަމަ މުބާރާތެކެވެ.