ކުވައިތުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ފޯކަސް ކުރާނީ އާ ޖީލެއްގެ ކުޅުންތެރިންތަކަކަށް ބޭނުންވާ މުހިންމު ތަޖުރިބާއެއް ހޯދުމަށް ކަމަށް އެގައުމުގެ ކޯޗު ރުއި ބެންޓޯ ބުނެފިއެވެ.

ހުޅަނގު އޭޝިއާއަށް ނިސްބަތްވާ ކުވެއިތަކީ އޭޝިއާ ސަރަހައްދުގެ ފުޓުބޯޅައިގައި ކުރިއެރުންތަކަކާއި ކާމިޔާބީތަކެއް ހޯދާފައިވާ ޓީމެކެވެ. އެގޮތުން ކުވެއިތުން ވޯލްޑް ކަޕް 1982 ގައި ވާދަކޮށްފައިވާ އިރު، ދެ ފަހަރު އޭޝިއަން ކަޕްގެ ފައިނަލުގައި ވާދަކުރިއެވެ. އޭގެ ތެރެއިން އެއް ފައިނަލުން މޮޅުވެ، ކުވެއިތުން އޭޝިއަން ކަޕް ކާމިޔާބުކޮށްފައިވެއެވެ.

ފުޓުބޯޅައިގެ ތާރީހުގައި ކުވައިތުން އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވީ ވެސް ދެކުނު އޭޝިއާ ސަރަހައްދެއްގެ ޓީމެއްގެ އަތުންނެވެ. ކުވައިތުން 2000 ވަނަ އަހަރު ބޫޓާނާ ދެކޮޅަށް ކުޅުނު އެ މެޗުން މޮޅުވެފައިވަނީ 20-0 ގެ ނަތީޖާއަކުންނެވެ. އޭރު އެ ނަތީޖާ ވެގެން ގޮސްފައިވަނީ ދުނިޔޭގެ ރެކޯޑަކަށެވެ.

އެފަހުން އަނެއްކާވެސް މިފަހަރު ދެކުނު އޭޝީއާގެ ޓީމުތަކާ ކުރިމަތިލާން ކުވައިތު ތައްޔާރުވަމުންދާ އިރު، ކުރިން ބެންފިކާއާއި ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު ކޯޗު ބެންޓޯގެ ވިސްނުން ހުރީ ތަޖުރިބާއެއް ހޯދުމަށެވެ.

"އަހަރެމެން އުންމީދުކުރަނީ ތަފާތު، ވާދަވެރި ޓީމުތަކަކަށް. އަހަރެމެންގެ އުންމީދަކީ އަހަރެމެންގެ ޓީމުގެ ކުޅުން ރަނގަޅުކޮށް، ސްޓައިލަށް ކުރިއެރުންތަކެއް ގެނައުމަށް. އަހަރެމެން ބޭނުންވަނީ އަހަރެމެން މިކުރާ މަސައްކަތްތަކަށް ކުރިއެރުންތަކެއް ހޯދުމަށް،" ބެންޓޯ ތަރުޖަމާނުގެ އެހީގައި މިއަދު ބެންގަލޫރުގައި ބޭއްވި ޕްރި މެޗު ޕްރެސްގައި ބުންޏެވެ.

ކުވައިތަކީ ހޫނު ގަދަ ގައުމަކަށްވާ އިރު، ބެންގަލޫރުގެ ފިނި މާހައުލަށް ބުނަން އޮތީ ކީކޭތޯ ނޫސްވެރިޔަކު އެހުމުން ބެންޓޯ ބުނީ، އެކަމަށް ޝަކުވާއެއް ނުކުރާނެ ކަމަށާއި، ހޭނިލަން ވަގުތުގެ ބޭނުންކުރާނެ ކަމަށެވެ.

"މޫސުމާ ގުޅޭގޮތުން ބުނަން ބޭނުންވަނީ އެކަން ބަދަލެއް ނުކުރެވޭނެ ކަމަށް. މިއީ އާ ތަޖުރިބާއެއް ނަމަވެސް، އެކަމަށް ޖެހޭނީ ހޭނެން. އެކަމަށް އެއްވެސް ވަރަކަށް ޝަކުވާއެއް ނެތް. ދަނޑުގެ ހާލަތަށްވެސް ޖެހޭނީ ހޭނެން. އުންމީދުކުރަނީ ދަނޑުގެ ހާލަތު ރަނގަޅުވެސް ވާނެ ކަމަށް. އަހަރެމެންގެ ފުޓުބޯޅައަށް މިވަގުތު ބޭނުންވޭ ވަގުތު، އެއީ އާ ޖީލެއްވެސް ބިނާކުރަމުންދާތީ. އެކަމަށް ވަރަށް މުހިންމުވާނެ މި ތަފާތު ތަޖުރިބާތައް،" ބެންޓޯ ބުންޏެވެ.

ކުވައިތުން މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ނޭޕާލާ ދެކޮޅަށް ނުކުންނަ އިރު، އެޓީމު ހިމެނޭ ގްރޫޕްގައި ދެން ވާދަކުރާނީ އިންޑިއާއާއި ނޭޕާލެވެ.

ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.