އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން، ވަން ސްޕޯޓްސް
މާދަމާ އިންޑިއާގެ ބެންގަލޫރުގައި ފަށަން ތައްޔާރުވެފައިވާ ސާފް ޗެމްޕިއަންޝިޕުން ލުބުނާނަށް އެންމެ މުހިންމީ ދެކުނު އޭޝިއާ ފުޓުބޯޅައިގެ ތަޖުރިބާއެއް ކަމަށް ކޯޗު ސާބިއާގެ އެލެގްޒަންޑަ އިލިކް ބުނެފިއެވެ.
ލުބުނާނުން ދުރު ރާސްތާ ވިސްނުމެއްގައި އޭޝިއަން ކަޕަށް ތައްޔާރުވަމުންދާ އިރު، މިއީ އެގައުމުން ދެކުނު އޭޝިއާގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. ލުބުނާނާއި ކުވައިތުން ސަރަހައްދުން ބޭރު ޓީމުތަކުގެ ގޮތުގައި މިފަހަރު މުބާރާތުގައި ވާދަކުރަމުންދާ އިރު، ދެން ވާދަކުރަނީ ހުސް މި ސަރަހައްދުގެ ގައުމުތަކެވެ. އެއީ ރާއްޖެއާއި އިންޑިއާގެ އިތުރުން ބަންގުލަދޭޝް، ޕާކިސްތާނާއި ނޭޕާލް އަދި ބޫޓާނެވެ.
ލުބުނާނުން އިންޑިއާއާ އެކުގައި ދާދިފަހުން އިންޓަންކޮންޓިނެންޓަލް ކަޕުގައި ވާދަކޮށްފައިވާ އިރު، އެއީ އިންޑިއާއާއި ލުބުނާނުން ސާފަށް ތައްޔާރުވާން ކުޅުނު މުބާރާތެކެވެ. ކޯޗު އިލިކްގެ ނަޒަރުގައި އެ މުބާރާތުން ރަނގަޅު ތަޖުރިބާއެއް ލިބުނެވެ.
"އަހަރުމެން މި ނިންމާލީ ކޮންޓިނެންޓަލް ކަޕް. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ މެޗުތަކެއް ކުޅެފައި މި މުބާރާތަށް ނުކުންނަން ޖެހެނީ. ޓާގެޓަކީ އެ މުބާރާތުގައި ޓީމު ކުޅުނު ކުޅުން، އެ ކުރި މަސައްކަތް ތަކުރާރުކުރުން. މިއީ ލުބުނާނަށް މުޅިން އާ މުބާރާތެއް. މިއީ ރަނގަޅު ތަޖުރިބާއަކަށްވާނެ، އެއީ މި މުބާރަތަކީ ސަރަހައްދުގައި ވާދަވެރި މުބާރާތަކަށްވާތީ. މުބާރާތުގެ ސަބަބުން ލުބުނާން ޓީމަށް ފައިދާ ކުރާނެ، ކުރިއެރުން އަންނާނެ،" ކޯޗު އިލިކް ބުންޏެވެ.
"މުބާރާތުން ލުބުނާނަށް އެންމެ މުހިންމީ ތަޖުރިބާ. ފުޓުބޯޅައިގެ ގޮތުން، ދެކުނު އޭޝިއާ ޓީމުތަކާއި މެދުއިރުމަތީގެ ޓީމުތައް ތަފާތުވާނެ. މި މުބާރާތް އެހީވެދޭނެ އަހަރެމެން އޭޝިއަން ކަޕަށް ވާ ތައްޔާރީތަކަށް. ޓީމުގައި ރަނގަޅު ކުރަން ހުރި ކަންކަން ފާހަގަކޮށް، ދެން މަސަކަތްކުރަންވީ ގޮތް ބައްޓަންކޮށްލެވޭނެ މި މުބާރާތުން،" އިލިކް މިއަދު ބެންގަލޫރުގައި ބޭއްވި ޕްރި ޓޯނަމެންޓް ޕްރެސްގައި އިތުރަށް ބުންޏެވެ.
އިންޓަކޮންޓިނެންޓަލް ކަޕް ކުޅެފައިވަނީ އޮޑީސާގެ ބުބަނޭޝްވަރުގައެވެ. އިންޑިއާއާއި ލުބުނާނުން އެ މުބާރާތް ނިންމާލި ގޮތަށް ބެންގަލޫރަށް އައިސްފައިވާ އިރު، ކޯޗު އިލިކްގެ ނަޒަރުގައި މޫސުމީ ތަފާތުތަކަށް ހޭނެން ވަގުތު ކޮޅެއް ބޭނުންވެއެވެ.
ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާ އެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023