އިންޑިއާގެ ބެންގަލޫރުން: މުހައްމަދު ޝަމްއޫން، ވަން ސްޕޯޓްސް

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ބަންގްލަދޭޝްއަށް ސެމީ ފައިނަލްގެ ފުރުސަތު އޮތް ކަމަށް ގަބޫލުކުރާ ކަމަށް ކޯޗު، ސްޕެއިންގެ ހާވިއާ ފެނާންޑޭޒް ކަބްރޭރާ ބުނެފިއެވެ.

އިންޑިއާގެ ބެންގަލޫރުގައި މާދަމާ ސާފް ޗެމްޕިއަންޝިޕް ފަށާއިރު، މިފަހަރުގެ މުބާރާތުގައި އަށް ޓީމުން ދަނީ ވާދަކުރަމުންނެވެ. އޭގެ ތެރެއިން ދެ ޓީމަކީ ސަރަހައްދުން ބޭރުގެ ދެޓީމު ކަމަށްވާ ލުބުނާނާއި ކުވައިތެވެ. ދެން ވާދަކުރަނީ ސާފްގެ ގައުމުތައް ކަމަށްވާ ރާއްޖެ އާއި އިންޑިއާގެ އިތުރުން ޕާކިސްތާން، ނޭޕާލް، ބޫޓާން އަދި ބަންގްލަދޭޝްއެވެ. ބަންގްލަދޭޝްއިން ރާއްޖެ އާއި ލުބުނާން އަދި ބޫޓާނާ އެއް ގްރޫޕެއްގައި އޮތް އިރު، ކޯޗު ކަބްރޭރާގެ ނަޒަރުގައި ބަންގްލަދޭޝްއަށް ފުރުސަތު އެބައޮތެވެ.

"އަހަރެމެންނަށް ސާފް ކުޅުމަށް އޮންނަ މޯޓިވޭޝަން އަބަދުވެސް އޮވޭ. އެ މޯޓިވޭޝަންގައި އަހަރެމެން އަބަދުވެސް މި ވިސްނަނީ ރަނގަޅު ނަތީޖާއަކަށް. އަހަރެމެން ކުރަން ޖެހޭ މަސައްކަތް ބޮޑު. މި ގްރޫޕް ވަރަށް ޓަފްވާނެ. ސަރަހައްދީ ފުޓުބޯޅައިގެ ތަޖުރިބާގައި ބުނަން ބޭނުންވަނީ މުބާރާތް ވަރަށް ޓަފްވާނެ ކަމަށް. ހުރިހާ ޓީމަކުންވެސް ބޭނުންވަނީ ކޮލިފައިވާން. އެ ވާދަވެރިކަމުގެ އަހަރެމެން ކޮލިފައިވުމުގެ ފުރުސަތު އެބައޮތް،" މިއަދު ބެންގަލޫރުގައި ބޭއްވި ޕްރެސްގައި ކޯޗު ބުންޏެވެ.

ބަންގްލަދޭޝްއިން މުބާރާތަށް ނުކުންނަނީ ދެ ހަފުތާއެއްހާ ދުވަހުގެ ތަމްރީނުތަކަށްފަހުއެވެ. ފުރަތަމަ ބަންގްލަދޭޝްގެ ޑާކާގައި އެޓީމުން ތަމްރީނު ކޮށްފައިވާ އިރު، ފަހުން ކެމްބޯޑިއާއަށް ގޮސް ދެ މެޗެއް ކުޅެފައިވެއެވެ. އެ މެޗުތަކުގެ ތެރެއިން ގައުމީ ޓީމާއެކު ކުޅުނު ފީފާ އެކުވެރިކަމުގެ މެޗުންވެސް ބަންގްލަދޭޝް 1-0 އިން މޮޅުވެފައިވާ އިރު، ކޯޗު ކަބްރޭރާގެ ނަޒަރުގައި އެއީ ފައިދާއެކެވެ.

"ގައުމީ ޓީމާއެކު ކްލަބަކާއެކުވެސް ކުޅުނިން ރަނގަޅު މެޗުތަކެއް. އަހަރެމެން ކުޅުނު މެޗުތަކުގެ ނަތީޖާ ރަނގަޅުވުމުން ޓީމު އޮތީ ރަނގަޅު މެންޓާލިޓީއެއްގައި. ބަންގްލަދޭޝް އޮތީ ރަނގަޅަށް ތައްޔާރުވެފައި. ވަރަށް ބޮޑަށް އެކްސައިޓްވެފައި ޓީމު އޮތީ. މިއީ ވަރުގަދަ މުބާރާތެއް، ވަރުގަދަ ޓީމުތައް މިއޮތީވެސް ގްރޫޕްގައި،" ކުރިން ސްޕެއިންގެ އެކި ލެވެލްތަކުގައި ކޯޗުކަން ކޮށްދީފައިވާ އުމުރުން 38 އަހަރުގެ ކަބްރޭރާ ބުންޏެވެ.

ކަބްރޭރާ ބުނީ މިވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ކަންކަމަށް ފޯކަސް ކުރުން ކަމަށާއި ބައެއް ޗެލެންޖްތައް ހުރި ނަމަވެސް އެކަންކަމަށް ނުވިސްނާނެ ކަމަށެވެ.

"އަހަރެމެންނަށް މުބާރާތް ވަރަށް ޓަފް ވާނެ. އަހަރެމެން މި އޮތް ގްރޫޕަކީވެސް ޓަފް ގްރޫޕެއް. އަހަރެމެންނާ ކުރިމަތިލާ ޓީމުތަކުން ލުބުނާން އޮތީ ވަރަށް ގިނަ މެޗުތަކެއްވެސް ކުޅެފައި މިހިސާބަށް އައިސް. އަހަރެމެންނަށް މޫސުމުގެ އަސަރުވެސް ކޮންމެވެސް ވަރަކަށް ކުރާނެ. އަހަރެމެންގެ ހޯމް، ޑާކާގެ މޫސުމާއި މިތަނުގެ މޫސުމާވެސް ތަފާތު. އެހެންވީމާ އެ ތަފާތު ފެންނާނެ. އަހަރެމެންނަށް އެންމެ ފައިދާ ބޮޑުވާނެ ގޮތަކީ މިވަގުތަށް އަމިއްލަ ކަންކަމަށް ފޯކަސް ކުރުން. އެހެން ކަމަކަށް ފޯކަސް ކުރާކަށް ބޭނުމެއް ނޫން،" ކަބްރޭރާ ބުންޏެވެ.

ސާފް ގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް"ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯއެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާއެވެ.