ބެންގަލޫރުން: މުހައްމަދު ޝައްމޫން - ވަން ސްޕޯޓްސް
ގައުމީ ޓީމުގައި ކުރަމުންދާ މަސައްކަތަކީ ޒުވާން ކުޅުންތެރިންތަކަކާއެކު ކުރަމުންދާ މަސައްކަތެއް ކަމަށާއި އެ މަސައްކަތުގެ ތެރެއިން ޓީމުގެ މެންޓާލިޓީއަށް ބޮޑެތި ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބުނެފިއެވެ.
އިންޑިއާގެ ބެންގަލޫރުގައި މާދަމާ ފަށާ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ޓީމުތަކުގެ ޕްރީ މެޗު ކޮންފަރެންސް މިއަދު ވަނީ ބާއްވައިފައެވެ. ޕްރެސްގައި ވާހަކަ ދައްކަމުން ރާއްޖޭގެ ކޯޗު މޮރިއޭރޯ ބުނީ ގައުމީ ޓީމުން މުބާރާތަށް ނުކުންނަނީ އެކުވެރިކަމުގެ މެޗެއް ނުކުޅެ ނަމަވެސް ޓީމު އޮތީ ރަނގަޅަށް ތައްޔާރުވެފައި ކަމަށެވެ.
"އަހަރެން ގަބޫލުކުރަން މިއީ ވަރަށް ވަރުގަދަ މުބާރާތެއްކަން. މި މުބާރާތް ވެގެންދާނީ އަހަރެމެންގެ ކުޅުންތެރިންނަށް ވަރަށް ރަނގަޅު ތަޖުރިބާއަކަށް. އެކުވެރިކަމުގެ މެޗެއް ނުކުޅެ ނުކުންނަން ޖެހުނު ނަމަވެސް، ރާއްޖެ އޮތީ ރަނގަޅަށް ތައްޔާރުވެފައި. މި މުބާރާތް ވެގެންދާނީ ވަރުގަދަ މުބާރާތަކަށް. އަހަރެމެން ގްރޫޕްގައި ވެސް އޮތް ގްރޫޕްތައް ވަރަށް ވަރުގަދަ ވާނެ. މިސާލަކަށް ލުބުނާނަކީވެސް ވަރަށް ވަރުގަދަ ކުޅުންތެރިން ތިބި ޓީމެއް. އަހަރެން ކުޅުންތެރިންނާ އެކު ކުރި މަސައްކަތުގައި ރާއްޖޭގެ ކުޅުންތެރިންގެ މެންޓާލިޓީ ވަރަށް ބޮޑަށް ރަނގަޅު ކުރެވިއްޖެ. އަހަރެމެންނަށް މި މުބާރާތް ވަރަށް މުހިއްމު. ރާއްޖެއިން އެންމެފަހުން ކުޅުނު މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، އެ ނަތީޖާތައް ރަނގަޅަށް އޮތުމަކީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް. ފައިދާއެއް،" މިއަދުގެ ޕްރެސްގައި ކޯޗު މޮރިއޭރޯ ބުންޏެވެ.
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ބީގައި ރާއްޖެއިން ކުޅޭނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ބަންގްލަދޭޝް އާއި ބޫޓާން އަދި ލުބުނާނެވެ. އެ ހުރިހާ ޓީމުތަކުންވެސް މެޗުތަކެއް ކުޅެ މުބާރާތަށް ތައްޔާރުވެފައިވާ އިރު، ރާއްޖެއިން ޖަޕާން ކޭމްޕްގައި ކުޅެން ރޭވި މެޗު ނުކުޅެވުނެވެ.
މިއަދުގެ ޕްރެސްގައި މުބާރާތުގެ އުންމީދާ ގުޅޭ ގޮތުން "ވަން ސްޕޯޓްސް" އިން ކޯޗާ ސުވާލުކުރުމުން ބުނީ މާ ބޮޑަށް އެ ވާހަކަތައް ދައްކަން ބޭނުންނުވާ ކަމަށާއި ސާފަށް ތައްޔާރުވާ ޓީމުގެ ވެސް އެންމެ ބޮޑު ތަފާތަކަށް ވާނީ މެންޓާލިޓީއަށް ގެނެވުނު ބަދަލު ކަމަށެވެ.
"އަހަރެމެން ބޭނުމެއް ނޫން ފައިނަލާއި ސެމީގެ ވާހަކަ އެހާ އަވަހަށް ދައްކާކަށް. އަހަރެން ގަބޫލު ކުރަނީ ވާހަކަ މަދުކޮށް ނަތީޖާ ދެއްކުމަށް. މި މުބާރާތަކީ ކުރިންވެސް ބުނިހެން ތަޖުރިބާއެއް. އަހަރެން ރާއްޖޭގައި މިކުރާ މަސައްކަތަކީ ޒުވާން ކުޅުންތެރިންތަކަކާ އެކު ކުރަމުން އަންނަ މަސައްކަތެއް. އަހަރެން ޓީމުގެ މެންޓާލިޓީ މިހާރުވެސް ވަރަށް ބޮޑަށް ބަދަލުކުރެވިއްޖެ. އަހަރެންގެ މެންޓާލިޓީއަކީ އިޓަލީގެ މެންޓާލިޓީއެއް. އެކަމަކު ރާއްޖޭގައި އެ މެންޓާލިޓީ ތަފާތުވާނެ. އެ ބަދަލަށް، އެޓޭކިން މެންޓާލިޓީއެއް ގެންނަން އަހަރެން މަސައްކަތް ކުރަނީ. އެ މެންޓާލިޓީ އަހަރެމެންނަށް ވަރަށް މުހިއްމުވާނެ،" ކޯޗު ބުންޏެވެ.
ކޯޗު މޮރިއޭރޯ ބުނީ މިފަހަރު އަލީ އަޝްފާގު (ދަގަނޑޭ) އާއި ކުރީގެ ކެޕްޓަން އަކުރަމް އަބްދުލްޣަނީއަށް އަނިޔާގެ ސަބަބުން ނުކުޅެވުމަކީ ގެއްލުމެއް ނަމަވެސް، ޒުވާން ޓީމަށް އިތުބާރު ކުރާ ކަމަށެވެ.
ސާފްގެ ކަވަރޭޖް އެންމެ ފުރިހަމަކަމާއެކު ގެނެސްދިނުމަށް "ވަން ސްޕޯޓްސް" ގެ ނޫސްވެރިން ބެންގަލޫރުގައި ހަރަކާތްތެރިވަމުން އަންނަ އިރު، މި ކަވަރޭޖުގެ ސަޕޯޓިން ޕާޓްނަރުންނަކީ އެމްޑަބްލިއުއެސްސީ އާއި އެމްޕީއެލް އަދި އާބަންކޯ އެވެ. ކިޓް ޕާޓްނަރަކީ ޖާޒިއާއެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023