ޔޫއެފާ ޔޫރޯ ކޮލިފިކޭޝަންގައި ރޭ ފްރާންސާއި އިންގްލެންޑުން ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

ކޮލިފިކޭޝަން ގްރޫޕް ބީގައި އަމިއްލަ ދަނޑުގައި ފްރާންސުން ރޭ ގްރީސް ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ ގްރޫޕުގައި ދެން އަޔަލޭންޑާއި ޖިބްރާލްޓާ ރޭ ކުޅުނު މެޗު އަޔަލޭންޑުން 3-0 އިން ކާމިޔާބު ކޮށްފައިވާ އިރު، ކޮލިފިކޭޝަން ގްރޫޕް ސީގައޮ ނޯތު މެސަޑޯނިއޯ ކޮޅަށް އިންގްލެންޑުން ވަނީ ހަތް ގޯލު ޖަހައިފައެވެ. އެ މެޗު އިންގްލެންޑުން 7-0 އިން ކާމިޔާބު ކޮށްފައިވާ އިރު، ތަރިއަކީ އާސެނަލްގެ ފޯވަޑް ބުކަޔޯ ސަކާއެވެ. އޭނާ ވަނީ ރޭގެ މެޗުގައި ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އެއީ އިންގްލެންޑް ޖާޒީގައި ސަކާ ފުރިހަމަ ކުރި ފުރަތަމަ ހެޓްރިކެވެ.

ރޭ ފްރާންސުން އަމިއްލަ ގައުމުގައި ކުޅުނު މެޗުގެ ފުރަތަމަ ކޮޅުގައި ދެޓީމުގެ ފަރާތުންވެސް އެންމެ އެކަށީގެންވާ ހަމަލާތަކެއް ފެނިފައިނުވާ އިރު، ފުރަތަމަ ހާފު ނިމެން ދަނިކޮށް ލިބުނު ކޯނަރެއްގައި ފްރާންސުން ނުރައްކާ ކުރިއެވެ. ކިންގްސްލީ ކޯމަންގެ ކޯނަރަށް ކުރިއަށް އަރައި ޑިފެންޑަރު ޖޫލްސް ކޫންޑޭ ޖެހި ބޯޅަ މަތަކުރީ ގްރީސްގެ ގޯލްކީޕަރު އޮޑިސީސް ލަޗޮޑީމޯސްއެވެ.

ދެވަނަ ހާފު ފެށިގެން ހަމަޖެހިނުލިވެގެން އުޅެނިކޮށް ފްރާންސަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީއަކީ ގްރީސްގެ ޑިފެންޑަރު ކޮންސްޓަންޓީނޯސް މަވްރޮޕާނޯސް، އެންޓޮއިން ގްރީޒްމަންއަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. ފްރާންސްގެ ޕެނަލްޓީ ކިލިއަން އެމްބާޕޭ ފޮނުވާލި އިރު، އޭނާ ފުރަތަމަ ފަހަރަށް ފޮނުވާލި ޕެނަލްޓީވީ ނާކާމިޔާބެވެ. އެހެން ނަމަވެސް، ޕެނަލްޓީ ޖެހި ވަގުތު ގްރީސް ކުޅުންތެރިން އޭރިއާ ތެރެއަށް ވަނުމުން، އެ ޕެނަލްޓީ އަލުން ޖަހަން ޖެހޭ ކަމަށް ރެފްރީ ނިންމިއެވެ. ދެވަނަ ފަހަރަށް ޖެހި ޕެނަލްޓީ އެމްބާޕޭ ވަނީ ކާމިޔާބު ކޮށްފައެވެ.

ފްރާންސަށް މެޗުގެ ފަހު ބައިގައި ލީޑު ދަމަހައްޓަން ފަސޭހަވީ 69 ވަނަ މިނެޓުގައި މަވްރޮޕާނޯސްއަށް ދެއްކި ރަތް ކާޑާއެކުގައި ގްރީސްއަށް ކުޅުންތެރިޔަކު މަދުކޮށް ކުޅެން ޖެހުމުންނެވެ.

އިންގްލެންޑުން ރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި ސަކާގެ އިތުރުން ގޯލުތައް ޖެހީ ހެރީ ކޭން އާއި މާކަސް ރަޝްފޯޑުގެ އިތުރުން ކެލްވިން ފިލިޕްސްއެވެ. ކޭން ވަނީ ޕެނަލްޓީއަކާއެކު ޖުމުލަ ދެ ގޯލު މެޗުގައި ޖަހައިފައެވެ.

ޔޫރޯ ކޮލިފިކޭޝަން ގްރޫޕް ސްޓޭޖުގައި އިންގްލެންޑާއި ފްރާންސުންވެސް މިހާތަނަށް ކުޅުނު ހަތަރު މެޗު ކާމިޔާބު ކޮށްފައިވާ އިރު، ފްރާންސް އޮތީ ގްރޫޕް ބީގެ އެއްވަނައިގައެވެ. އިންގްލެންޑް އޮތީ ގްރޫޕް ސީގެ އެއްވަނައިގައެވެ.