ފިހާރައެއް ގޮއްވާލާނެ ކަމަށް ބުނެ އިންޒާރުދިން މީހަކު ހަ މަސް ދުވަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައަކީ ހދ. ކުޅުދުއްފުށި/ ކަޑޫމާގޭ، އިބްރާހިމް ހަސަން، މިދިޔަ ފެބްރުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ މެންދުރު 12:00 ހާއިރު، އެ ސިޓީގެ ފަރިރީތި ފިހާރަ ހުންނަ ސަރަހައްދުގައި އޭނާއާއި އެ ސިޓީގެ/ އަލިގާ، މުހައްމަދު މޫސާއާ ދެމެދު ހިނގާދިޔަ ދެބަސްވުމެއްގެ ތެރޭގައި މުހައްމަދު މޫސާގެ ފިހާރައަކަށް ނިސްބަތްކޮށް، މުހައްމަދު މޫސާއާ ދިމާއަށް "ދެން ގޮއްވާލާނީ ދުއްވާލާނީ ހުރިހާ ތަނެކޭ" ބުނެ އިބްރާހިމް ހަސަން ބިރުދައްކައި އިންޒާރު ދީފައިވާތީ ދައުލަތުން ކުރި ބިރު ދެއްކުމުގެ ކުށުގެ ދައުވާއެވެ.
އިބްރާހިމް ހަސަންގެ މައްޗަށް އުފުލާފައިވާ ބިރުދެއްކުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ މަސް ދުވަހާއި 18 ދުވަހަކާ ދެމެދުގެ ޖަލު ހުކުމެކެވެ.
މި ދައުވާގެ އިބްތިދާއީ އަޑުއެހުމުގައި އިބްރާހިމް ހަސަން ވަނީ ކުށަށް އިއުތިރާފުވެފައެވެ. އަދި ކުށަށް އިއުތިރާފު ވަނީ އެއްވެސް މަޖުބޫރު ކަމެއް ނެތި އަމިއްލަ އިހުތިޔާރުގައި ކަމަށް އޭނާ ބުނެފައިވެއެވެ.
އިބްރާހިމް ހަސަން ކުށަށް އިއުތުރާފުވުމުން ބޭއްވި އަވަސް ނިޔާގެ އަޑުއެހުމުގައިވެސް އޭނާ ވަނީ އިބްތިދާއީ އަޑުއެހުމުގައި ވެފައިވާ އިއުތިރާފު ދަމަހައްޓައިފައެވެ.
މި މައްސަލައިގައި ގާޒީ އިސްމާއިލް ޝަފީއު އިއްޔެ ހުކުމް ކުރެއްވީ، އިބްރާހިމް ހަސަންގެ މައްޗަށް އުފުލި ދައުވާއަށް އޭނާ އިއުތިރާފުވެފައިވާތީ އާއި އެންމެ ކުޑަ އަދަބެއް ދިނުމަށް ދައުލަތުންވެސް އިއުތިރާޒު ނުކުރާތީ ގާނޫނުގައި ބަޔާންކޮށްފައިވާ އެންމެ ކުޑަ އަދަބު ކަމަށްވާ ހަ މަސް ދުވަހުގެ މުއްދަތަށް އޭނާ ޖަލަށް ލުމަށެވެ.
ނަމަވެސް ހުކުމުގެ ކުރިން އޭނާ އަށް ދުވަަހު ބަންދުގައި ހުރެފައިވާތީ އެ ދުވަސްތައް ހުކުމުން ވަނީ އުނިކޮށްފައެވެ. އެހެންވެ، އިބްރާހިމް ހަސަން ތަންފީޒުކުރަން ޖެހޭނީ ފަސް މަހާއި 22 ދުވަހުގެ ޖަލު ހުކުމެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު