ޚަބަރު

ގޭބީސީތަކުގައި ސްމާޓް ކަރަންޓު މީޓަރު ހަރުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެ: ޝަރީފު

މުހައްމަދު އިޝާން

ގޭބިސީތަކުގައި ސްމާޓް ކަރަންޓު މީޓަރު ހަރުކުރުމުގެ މަސައްކަތް މިއަހަރު ތެރޭގައި، ފަށާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ސްޓެލްކޯގެ 26 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ ކުންފުނީގެ އޮޑިޓޯރިމްއަގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ޝަރީފު ވިދާޅުވީ ކަރަންޓު ބިލަށް އިތުރަށް ޗާޖު ކުރާކަމުގެ ތުހުމަތު އެ ކުންފުންޏަށް އަމާޒުވާ ކަމަށާއި ނަމަވެސް ބޭނުންނުކުރާ ކަރަންޓަކަށް ސްޓެލްކޯއިން ޗާޖު ނުކުރާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އެކަމަށް ހައްލެއް ހޯދުމަށްޓަކައި އަޅުގަނޑުން އިރާދަކުރެއްވިޔާމު މިއަހަރުގެ ތެރޭގަ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގަ، ކުރިއަށް އޮތް މަދު މަސްތަކެއްގެ ތެރޭގަ، އަޅުގަނޑުމެންގެ ގޭގޭގަ ސްމާޓް މީޓާ އިންސްޓޯލް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނަން" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ސްމާޓް މީޓަރުގައި ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ކަރަންޓު ބޭނުންކުރާ މިންވަރު އަދި އެއް މަހުން އަނެއް މަހަށް އަންނަ ބަދަލުތައް ބަލައިލެވޭނެ ސޮފްޓްވެއާ އަޅާފައި ހުންނާނެ ކަމަށެވެ. ކޮންމެ ގެއެއްގެ ކަރަންޓު ބިލަށް އަރާނެ މިންވަރުގެ އެވްރެޖު އަދަދެއް ކަނޑައެޅުމަށްފަހު، އެ މިންގަނޑަށްވުރެ ގިނައިން ކަރަންޓު ބޭނުންކުރާނަމަ ކަސްޓަމަރުގެ ފޯނަށް މެސެޖެއް ފޮނުވޭނެ އިންތިޒާމު ވެސް ހަމަޖައްސާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

ސްޓެލްކޯއާ އެއްވަރަށް ހިދުމަތް ދެވޭނެ އެހެން ކުންފުންޏެއް އަދި ވުޖޫދުވެފައި ނެތްކަމަށް ޝަރީފު ވިދާޅުވިއެވެ. ސްޓެލްކޯގެ ހިދުމަތްތަކާ އެއްވަރަށް އެހެން ކުންފުންޏަށް ހިދުމަތް ނުދެެވޭނެކަން ރައްޔިތުން ވެސް ގަބޫލުކުރާކަމަށް އޭނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ރައްޔިތުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެން ދޭ ހިދުމަތުގައި ދެވަނައެއް ނެތް. ސްޓެލްކޯއިން ދޭ ހިދުމަތާއި އެއްވަރު ކުރެވޭނެ ހިދުމަތެއް ދޭނެ ކުންފުންޏެއް އަދި ވުޖޫދަކަށް ނާދޭ" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ޒަމާނާ އެއްގޮތަށް ކަރަންޓުގެ ހިދުމަތް ދިނުމުގެ ގާބިލުކަމުގެ އިތުރުން ސްޓެލްކޯގައި މިހާރު ފެނާއި ނަރުދަމާގެ ހިދުމަތް، ބޯ ހޯލް ކޮނުމުގެ ގާބިލުކަން އަދި އަމިއްލަ އާރްއޯ ޕްލާންޓެއް ހެދުމުގެ ގާބިލުކަން ލިބިފައިވާ ކަމަށެވެ.

މިދިޔަ އަހަރު 547 މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުން ދީފައިވާނެ ކަމަށާއި މިއަހަރުގެ މިހާތަނަށް 404 މުވައްޒަފަކަށް ވަޒީފާގެ ކުރިއެރުން ލިބިފައިވާނެކަމަށް ޝަރީފު ފާހަގަކުރެއްވިއެވެ.

މުވައްޒަފުންނަށް ޕްރޮމޯޝަން ދިނުމުގައި އަމަލުގައި ކުރާނެ ހަރުދަނާ ރަނގަޅު އުސޫލެއްވެސް މިހާރު އަންނަނީ އެކުލަވާލަމުން ކަމަށާއި އެލަވަންސް މުރާޖައާކޮށް ނިންމައި، ޒާމާނާ ގުޅޭ ގޮތަށް ބަދަލުކުރަން ބޯޑަށް މިއަންނަ ހަފުތާގައި ހުށަހަޅާނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

މެނޭޖުމެންޓުން ހުށަހަޅާ ގޮތަށް އެލަވަންސަށް ބަދަލު ގެނެސްދިނުމަށް ޝަރީފު ވަނީ ކުންފުނީގެ ބޯޑުގައި އެދިވަޑައިގެންފައެވެ.