ގޭބިސީތަކުން ކުރާ ހަރަދުތަކާއި ލިބޭ އާމްދަނީ ބެލުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)އިން މާލެ ސަރަހައްދުގައި ސާވޭއެއް ފަށައިފިއެވެ.

އެމްބީއެސް އިން ބުނީ އާމްދަނީ އާއި ހަރަދު ހުރިގޮތް ބެލުމަށް ކުރިޔަށްގެންދާ "ހަޔަސް ސާވޭ" މިމަހުގެ 21 ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.

މި ސާވޭ ކުރިއަށްގެންދާ އިރު، އެމްބީއެސްގެ ޓީމުތަކުން ގޭބިސީތަކަށް ޒިޔާރަތްކުރާ އިރު، ޓީމުތަކުން ބިއުރޯގެ އައިޑީ ބޭނުން ކުރާނެ ކަމަށެވެ. އެހެންކަމުން އެކަމުގައި އާންމުންގެ ފުރިހަމަ އެއްބާރުލުމަށް ދިނުމަށް އެމްބީއެސް އެދިފައިވެއެވެ.

މިސާވޭގައި ބަލާނެ ކަންކަން:

  • ގޭބިސީގެ އެވްރެޖް ހަރަދާއި އެކި ކަންކަމަށް ހަރަދުކުރާ މިންވަރު
  • ރާއްޖޭގެ ފަގީރުކަމުގެ މިންގަނޑު މިސާވޭގެ އަލީގައި އެކުލަވާލުން
  • ބާޒާރުގެ އަގުތަކުގެ މިންގަނޑުގެ ބުރަދަން އިސްލާހު ކުރުން
  • ގޭބިސީގެ އެވްރެޖް އާމްދަނީ އާއި ހަރަދުތައް ބެހިފައިވާގޮތުގެ ފަރަގު ހާމަވާ މިންގަނޑުތައް އެކުލަވާލުން
  • ތައުލީމު ހާސިލުކޮށްފައިވާ މިންވަރާއި ހިޖުރަކޮށްފައިވާ ނަމަ އެކަން.
  • މަސައްކަތުގެ މައުލޫމާތާއި އާމްދަނީ
  • އާމްދަނީ ނުލިބި އަމިއްލަ ގޭބިސީ އާއި އާއިލާއަށް ކޮށްދޭ ހިދުމަތްތަކާއި ހޭދަކުރާ ވަގުތު ބެލުން
  • ގޭބިސީގައި ބޭނުންކުރާ ހަރުމުދަލާއި ދިރިއުޅޭ ގޭބިސީ އާއި އެތަނުގެ އާންމު މައުލޫމާތު
  • ފޯނު ބިލާއި ކަރަންޓު އަދި ފެން ބިލުތަކުގެ މައުލޫމާތު
  • ދަތުރުފަތުރާއި ސިއްހީ ހިދުމަތްތައް
  • ތައުލީމު ހޯދުމަށާއި އަންނައުނާއި ކާބޯތަކެއްޗަށް ކުރާ ހަރަދު
  • ކްރެޑިޓަށް ނަގާފައިވާ ތަކެތީގެ މައުލޫމާތު އެއް ކުރުން

އެމްބީއެސްއިން ބުނީ މި ސާވޭ ކުރިޔަށްގެންދަނީ ވަކި ސާންޕަލްތަކަކުން ނަގާ ގޭބިސީތަކަކުން ކަމަށެވެ. އެހެންކަމުން ބިލުތަކުގެ ތަފްސީލު ނޯޓުކޮށްފައި ބެެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ކޮންމެ ފަސް އަހަރުން ނުވަތަ ހަ އަހަރަކުން ކުރިއަށްގެންދާ މިސާވޭ އެންމެ ފަހުން ކުރިއަށް ގެންގޮސްފައި ވަނީ 2019 ވަނަ އަހަރުއެވެ. މިއަހަރުގެ މިހާތަނަށް ކ. އަތޮޅާއި، މ. އަތޮޅާއި، އައްޑޫ ސިޓީއާއި، ލ. އަތޮޅު އަދި ނ. އަތޮގައި މިސާވޭ ވަނީ ކުރިއަށް ގެންގޮސްފައެވެ.

މިސާވޭގައި މާލެ އާއި ސިޓީތަކުން 2085 ގޭބިސީން މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާ އިރު، އަތޮޅުތަކުގައި ޖުމުލަ 2010 ގޭބިސީން މައުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ޖުމުލަ 4095 ގޭބިސީއެއްގެ މައުލޫމާތު މިސާވޭގެ ތެރެއިން އެއްކުރާނެ ކަމަށް އެމްބީއެސް ބުނެއެވެ.