ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް، އިމިގްރޭޝަނުގެ ޓާސްކުފޯހުން ކުރިޔަށްގެންދިޔަ ރެއިޑް އޮޕްރޭޝަނުގައި 836 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ ހާއްސަ ރެއިޑް އޮޕަރޭޝަން ކުރިޔަށްގެންދިޔައީ އިއްޔެ ތިލަފުށީގައި ކަމަށެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލު ކުރަން މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރިޔަށްގެންދާ ހާއްސަ އޮޕަރޭޝަންތަކުގައި މާލެ ސަރަހައްދުގެ އިތުރުން އަތޮޅު ތެރޭގައި ވެސް ކެފޭ ރެސްޓޯރަންޓް ފަދަ ތަންތަނާއި ދަނޑުތަކުގައި މަސައްކަތް ކުރާ ބިދޭސީންނާއި އަދި އަމިއްލަ މަސައްކަތްތަކުގައި ރާއްޖޭގައި އުޅޭ ބިދޭސީންނަކީ ގަވައިދާ އެއްްގޮތަށް މަސައްކަތްކުރާ ބައެއްތޯ ބަލައި ފާސްކުރެއެވެ.

އެ މަސައްކަތުގެ ދަށުން ގަވައިދާ ހިލާފުވާފަރާތްތަކަށް ގަވައިދުގެ ތެރެއަށް ވަނުމަށް ވަކި މުހުލަތެއް ދިނުމަށް ފަހު، އެކަމަށް އަމަލުނުކުރާ ފަރާތްތައް ރާއްޖެއިން ޑީޕޯޓުކޮށްލައިފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.