ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވޭތުވެދިޔަ ދެ އަހަރާއި ބައިގެ މުއްދަތުގައި 1.7 ބިލިއަން ޑޮލަރު ވިއްކައިފިއެވެ.
ބީއެމްއެލުން ބުނީ އޭގެތެރޭގައި ކާޑު މުއާމަލާތްތަކާއި ޓެލްގްރެފިކް ޓްރާންސްފާސް(ޓީޓީ)، ތައުލީމު، ބޭސްފަރުވާ އަދި ދަތުރުފަތުރުގެ ބޭނުންތައް ހިމެނޭ ކަމަށެވެ. މިގޮތުން 2024 ވަނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް، ބީއެމްއެލްއިން ވަނީ ކަސްޓަމަރުންނަށް 1.7 ބިލިއަން ޑޮލަރު ވިއްކާފައިވާ ކަމަށެވެ.
މިއީ އޭގެ ކުރީގެ ދެ އަހަރާއި ބައިގެ މުއްދަތުގައި (ޖުލައި 2021 އިން ޑިސެންބަރު 2023 އަށް) ވިއްކި 957 މިލިއަން ޑޮލަރާ އަޅައި ބަލާއިރު 77 ޕަސެންޓް ނުވަތަ 741 މިލިއަން ޑޮލަރުގެ އިތުރުވުމެއް ކަމަށެވެ.
ބީއެމްއެލުން ކާޑުގެ މުއާމަލާތްތަކަށް ބަލާއިރު މިދިޔަ ދެ އަހަރާ ބައިގެ މުއްދަތުގައި ދިވެހި ރުފިޔާ އެކައުންޓުތަކުން ކުރި ކާޑު މުއާމަލާތްތަކަށް ވަނީ 870 މިލިއަން ޑޮލަރު ވިއްކައިފައެވެ. މިއީ އޭގެ ކުރީ ދެ އަހަރާއި ބައިގެ މުއްދަތާ އަޅައި ބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 10.7 މިލިއަން ޑޮލަރު މި ބޭނުމަށް ވިއްކާފައިވާއިރު މި އަހަރު އެވްރެޖްކޮށް މަހަކަށް މިދަނީ 37.8 މިލިއަން ޑޮލަރު ވިއްކަމުންނެވެ.
2023 ވަނަ އަހަރު އެވްރެޖްކޮށް ޓީޓީ ފޮނުވުމަށް މަހެއްގެ މައްޗަށް ބޭންކުން ވިއްކާފައިވަނީ 10.2 މިލިއަން ޑޮލަރެވެ. މިއަހަރު ތެރޭ ބޭންކުން ދަނީ އެވްރެޖްކޮށް މަހެއްގެ މައްޗަށް 28 މިލިއަން ޑޮލަރު ވިއްކަމުންނެވެ.
ބީއެމްއެލުން ބުނީ ތައުލީމާއި ބޭސްފަރުވާއަށް ވިއްކި ބޭރު ފައިސާގެ މިންވަރަށް ބަލާއިރު 2023 ވަނަ އަހަރު މަހަކަށް ވިއްކާފައި ވަނީ 2.9 މިލިއަން ޑޮލަރެވެ. 2024 ގައި މިއަދަދު 4 މިލިއަން ޑޮލަރަށް އަދި 2025 ގައި 5 މިލިއަން ޑޮލަރަށް އަރާފައިވެއެވެ. މިއަހަރު ބޭންކުން އަންނަނީ މަހަކަށް 5.8 މިލިއަން ޑޮލަރު ވިއްކަމުންނެވެ.
ޖަނަވަރީ 2021 އިން ފެށިގެން ޑިސެންބަރު 2023 ގެ ނިޔަލަށް ދަތުރުވެރިންނަށް ނަގުދު ފައިސާގެ ގޮތުގައި 155 މިލިއަން ޑޮލަރު ވިއްކާފައިވާ އިރު، ޖަނަވަރީ 2024 އިން ފެށިގެން ޖޫން 2026 ގެ ނިޔަލަށް ވަނީ 264 މިލިއަން ޑޮލަރު ވިއްކައިފައެވެ. މިއީ ގާތްގަނޑަކަށް 70 ޕަސެންޓް އިތުރުވުމެކެވެ. މިއަހަރުގެ ވޭތުވެދިޔަ 6 މަސް ދުވަހުގެ މުއްދަތަށް ބަލާއިރު ބޭންކުން ވަނީ މަހަކަށް 8.5 މިލިއަން ޑޮލަރު ވިއްކައިފައެވެ.
ބޭންކުން މަހެއްގެ މައްޗަށް ބޭރު ފައިސާ ވިއްކާ މިންވަރު ފާއިތުވި ފަސް އަހަރު ތެރޭގައި ވަނީ ގާތްގަނޑަކަށް ހަތަރު ގުނަ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރު މަހެއްގެ މައްޗަށް އެވްރެޖްކޮށް 21 މިލިއަން ޑޮލަރު ވިއްކާފައިވާ އިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މި އަދަދު ވަނީ މަހަކު 80 މިލިއަން ޑޮލަރަށް އިތުރުވެފައެވެ.
އާއިޝަތު މާހާ
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ބޭންކް އޮފް މޯލްޑިވްސް
ކޮމެންޓް