ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ބެންގަލޫރަށް ޒިޔާރަތްކުރާ ދޭސީންނާއި ބިދޭސީންގެ ސަލާމަތް ކަށަވަރުކުރުމާއެކު އަޚުލާގީ އިންތައް ހިފެހެއްޓުމަށްޓަކައި ބެންގަލޫރުގެ ފުލުހުން ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މިހަފުތާގެ ހޮނިހިރުދުވަހުގެ ރެޔާއި އާދީއްތަދުވަހުގެެރޭ ސެންޓްރަލް ކްރައިމް ބްރާންޗުގެ ފުލުހުން ވަނީ ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ކުޅެވޭ ސްޓޭޑިއަމް ކަމަށްވާ ސްރީ ކަންތީރަވާ ހިމެނޭ ސަރަހައްދުގެ ވަރަށް ގިނަ ޕަބްތަކަށްވަދެ ގަވާއިދާ ޚިލާފު ކަންކަން ހުއްޓުވައި ބައެއް މީހުން ހައްޔަރުކޮށް ބައެއް ތަންތަން ބަންދުވެސް ކޮށްފައެވެ. ހައްޔަރު ކުރެވުނު މީހުންނަކީ ހުއްދަ ނުހޯދައި ޕަބްތައް ހިންގުމާއި އަޑުގަދަކޮށް މިއުޒިކް ޖެހުމާއި ހުއްދަ ގަޑިއަށްވުރެ ގިނައިރު ހުޅުވައިގެން ޚިދުމަތް ދިނުންފަދަ ކުށްތަކުގައި ޝާމިލްވާ މީހުންނެވެ.

ސެންޓްރަލް ކްރައިމް ބްރާންޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިން ޕަބަކުން ނުވަ މީހުން ހައްޔަރުކޮށް 87 އަންހެނަކު ސަލާމަތްކޮށްފައިވާ ކަމުގައެވެ. ސަލާމަތް ކުރެވުނު އަންހެނުންނަކީ ކަސްޓަމަރުންގެ ކައިރީގައި އިށީނދެ ބަދުއަޚުލާގީ ކަންކަމަށް ހިތްވަރުދީ އެކަމަށް މަގުފަހިކުރުމަށްޓަކައި ތަނުގެ ވެރިން އުޖޫރައަށް ގެނެސްފައިވާ މީހުންނެވެ. އޭގެތެރޭގައި ތައިލެންޑާއި އެފްރިިކާގެ ބައެއް ގައުމުތަކުގެ އަންހެނުންވެސް ހިމެނެއެވެ.

ބެންގަލޫރުގެ ފުލުހުން އަންދާޒާކުރާ ގޮތުގައި ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ 8 ގައުމަށް ސަޕޯޓްކުރުމަށްޓަކައި އެތައްހާސް ބަޔަކު ބެންގަލޫރަށް ޖަމާވާނެއެވެ. މެދުއިރުމަތިންނާއި ދެކުނު އޭޝިޔާއިންނެވެ. އެގޮތަށް އަންނަ ގިނަ މީހުން ތިބޭނީ ސްޓޭޑިއަމާ ގާތުގައިވާ ހޮޓާހޮޓަލުގައެވެ. ޒިޔާރަތްކުރާނީވެސް އެސަރަހައްދުގެ ޕަބްތަކަށެވެ. އެހެންވީމާ ކަންކަން ދުރާލައި ހަމަޔަކަށް އެޅުވުމަށް އޮޕަރޭޝަނެއް ފެށީއެވެ. ސާފް ޗެމްޕިއަންޝިޕް ފެށުމަށް ހަމަޖެހިފައިވަނީ ޖޫން އެކާވީހުގައެވެ. ފައިނަލް މެޗު ކުޅޭނީ ޖުލައި ހަތަރެއްގައެވެ.