އެމްޑީޕީގެ މަޖިލިސް މެމްބަރުން އެކަމިނުފާނާ ގުޅޭ ގޮތުން ދައްކަވަނީ ވަރަށް އަހުލާގީ ގޮތުން ދަށް ވާހަކަތަކެއް ކަމަށް އެޕާޓީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ، އެމަނިކުފާނާ ގުޅޭގޮތުން ތަފާތު ވާހަކަތައް އެމްޑީޕީގެ މަޖިލިސް މެންބަރުން ދައްކަވާ ކަމަށެވެ.

"އަޅުގަނޑާ ގުޅޭގޮތުން އެމްޑީޕީގެ ޕާލިމެންޓަރުން، އެމްޑީޕީގެ މަޖިލިސް މެންބަރުންނާ ގުޅޭގޮތުން އެ ދައްކަވާ ވާހަކަ. އެއީ އެ ބޭފުޅުން އެމްޑީޕީގައި ތިއްބަވައިގެން އަހުލާގީ ގޮތުން ދައްކަވަން ހަމަ އެއްވެސް ގޮތަކަށް ރަނގަޅު ވާހަކަތަކެއް ނޫން،" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ބައެއް މަޖިލިސް މެންބަރުން ވަނީ ނަޝީދު އެމްޑީޕީން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު މަޖިލިސް ހިންގަވަނީ ހިތުހުރި ގޮތަކަށް ކަމަށް ވިދާޅުވެ ގިނަ މެންބަރުން ކަންބޮޑުވުން ފާޅުކޮށްފައިވެސްވެއެވެ.

ނަޝީދުގެ ފަރާތްޕުޅުން އެމްޑީޕީއަށް މިހާރުވާ ފައިދާއެއް ނެތް ނަމަވެސް އެމަނިކުފާނަށް ފިޔަވަޅު އަޅަން ޖެހިލުންވާ ކަމަށް ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވަނީ ވިދާޅުވެފައެވެ.

ނަޝީދާ މެދު އޮތް ނުރުހުމުގެ ތެރެއިން އެމްޑީޕީގެ މެންބަރުންގެ ތެރެއިން 50 މެންބަރުންގެ ސޮއި ހިމެނޭހެން ޖުމުލަ 54 މެންބަރުންގެ ސޮޔާއެކު އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފައެވެ.