ތާރީހުގައި ފުރަތަމަ ބޮޑު ތަށްޓެއް ހޯދަން ނުކުތް ކްރޮއޭޝިއާ ބަލިކޮށް، ސްޕެއިނުން ނޭޝަންސް ލީގު ކާމިޔާބު ކޮށްފިއެވެ.
ރޭ ނެދަލޭންޑްސްގައި ކުޅުނު ނޭޝަންސް ލީގުގެ ފައިނަލްގައި ސްޕެއިނުން ކްރޮއޭޝިއާ ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. ރޭގެ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރުވެސް ގޯލެއް ފެނިފައިނުވާ އިރު، ޕެނަލްޓީގައި ސްޕެއިން މޮޅުވީ 5-4 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުގެ ކުރީކޮޅުގައި ސްޕެއިނުން ރަނގަޅަށް ބޯޅަ ހިފަހައްޓައިގެން ކުޅެމުން ގޮސްފައިވާ އިރު، ގަވީ 12 ވަނަ މިނެޓުގައި ފޮނުވާލި ހަމަލާ ބޭރަށް ދިޔައީ ދަނޑު ކައިރިންނެވެ. އޭގެ ފަހުން ކްރޮއޭޝިއާއިން މަޑުމަޑުން މެޗުތެރެއަށްވަދެ، ހަމަލާތައް އުފައްދަމުން ގޮސްފައިވާ އިރު، ލޫކާ މޮޑްރިޗްގެ ދެ ހަމަލާއެއް މަތަކުރީ ސްޕެއިންގެ ގޯލްކީޕަރު އުނައި ސިމޮންއެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ހަމަލާތައް މަދުކޮށް ފެނިފައިވާ އިރު، ނިމެން ދަނިކޮށް 85 ވަނަ މިނެޓުގައި އަންސޫ ފަޓީއަށް ވަނީ ހުސް ފުރުސަތެއް ލިބި ބޭޖާރުވެފައެވެ.
އިތުރު ވަގުތުގައިވެސް ގޯލެއް ފެނިފައިނުވާ އިރު، ޕެނަލްޓީގައި ކްރޮއޭޝިއާގެ ލޮވްރޯ މަޔާ ޖެހި ޕެނަލްޓީ ސިމޮން މަތަކުރިއެވެ. ކްރޮއޭޝިއާ ބަލިވީ ބްރޫނޯ ޕެަޓްކޮވިޗްގެ ޕެނަލްޓީވެސް ނާކާމިޔާބު ވެގެންނެވެ.
ރޭގެ ތަށްޓަކީ 2012 ވަނަ އަހަރު ޔޫރޯއަށްފަހު ސްޕެއިނުން ހޯދި ފުރަތަމަ ބޮޑު ތަށްޓެވެ. އެޓީމުން މީގެ ކުރިން ނޭޝަންސް ލީގުގެ ފައިނަލުގައި ކުޅެ ބަލިވެފައި އޮތީ ފްރާންސް ކައިރިންނެވެ.
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު
ޔޫއެފާ ނޭޝަންސް ލީގު