އިލެކްޝަންސް ކޮމިޝަން (އީސީ) އިން ސިޔާސީ ޕާޓީއެއްގެ ގޮތުގައި "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށް ނުދިން ނަމަވެސް، އެ ނަމުގައި ވާދަކުރާނެ ކެންޑިޑޭޓެއްގެ ނަން ވޯޓު ކަރުދާހުގައި އޮންނާނެ ކަމަށް "ދަ ޑިމޮކްރެޓްސް" އުފެއްދުމަށް އިސްކޮށް މަސައްކަތްކުރައްވާ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް (ޝިއްޕެ) ވިދާޅުވެއްޖެއެވެ.
އީސީން ވަނީ ޑިމޮކްރެޓްސް އުފެއްދުމަށް، ގާނޫނުގައި ބުނާ 3،000 މެންބަރުންގެ ސޮއި ހަމަކުރުމަށް ތިން މަސް ދުވަސް ދީފައެވެ. އެ އަދަދަށް މެންބަރުން ހަމަކޮށް ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން 3،560 ފޯމު އީސީއަށް ހުށަހެޅީ މިމަހުގެ އެއްވަނަ ދުވަހުއެވެ. އެ ޕާޓީ ރަޖިސްޓްރީކުރުން ލަސްވާތީ އެ ޕާޓީ އުފައްދަން މަސައްކަތްކުރައްވާ ބޭފުޅުން އިއްޔެ ވަނީ އީސީއަށް ވަޑައިގެންފައެވެ.
އެ ބޭފުޅުންނާ ބައްދަލުކުރައްވައި ފުއާދު ރޭ ވިދާޅުވީ ކޮމިޝަންގެ ދެ މެންބަރުން ކަމަށްވާ އަލީ ނަޝާތާއި މުހައްމަދު އާސިފު ވަނީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރުމާ ދެކޮޅަށް ވޯޓު ދެއްވާފައި ކަމަށާއި އެހެންވެ އެ ޕާޓީ ރަޖިސްޓްރީ ނުކޮށްދެވޭނެ ކަމަށެވެ.
"އެބޭފުޅުން ބައްލަވަން ބޭނުންފުޅުވާ ކަންކަން ސީދާ ވިދާޅެއް ނުވޭ. އެބޭފުޅުން ހަޅޭފުޅުލައްވާފައި ވަޑައިގެންފި. ވޯޓު އެއްވަރުވީ. އެހެންވެ، ހުއްދަ ދޭން މިވަގުތަށް ފާސްނުވީ،" ފުއާދު ވިދާޅުވިއެވެ.
އީސީން، އެ ޕާޓީ ރަޖިސްޓްރީކުރުމާ މެދު ދެން ގޮތެއް ނިންމުމަށް ހަމަޖެހިފައިވަނީ ގާނޫނުގައި ބުނާ ތިން މަސް ދުވަހުގެ ތެރޭގައެވެ. ފޯމާއެކު ރަޖިސްޓްރީކުރަން ދަ ޑިމޮކްރެޓްސް ހުށަހެޅި ތިން މަސް ދުވަހުގެ މުއްދަތު ހަމަވާނީ ސެޕްޓެމްބަރު 1 ގައެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ދަ ޑިމޮކްރެޓްސް އިން ކެންޑިޑޭޓަކު ނެރޭނެކަން އިއުލާންކޮށްފައިވާ އިރު، އީސީން ކުރިން ބުނެފައިވަނީ އޮގަސްޓް މަހު ރިޔާސީ އިންތިހާބަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
އީސީން ކެންޑިޑޭޓުންގެ ނަން ހުށަހެޅުމަށް ހުޅުވާލާ މުއްދަތު ހަމަވުމުގެ ކުރިން ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކޮށް ނުދީފި ނަމަ، އެ ޕާޓީގެ ނަމުގައި ގާނޫނީ ގޮތުން ކެންޑިޑޭޓަކު ނުނުރެވޭނެއެވެ.
ނަމަވެސް ޝިއްޕެ "ވަން" އަށް ރޭ ވިދާޅުވީ އީސީން ޕާޓީން ރަޖިސްޓްރީކޮށް ނުދިން ނަމަވެސް ދަ ޑިމޮކްރެޓްސްގެ ނަމުގައި އަދި ލޯގޯގައި ކެންޑިޑޭޓަކު ރިޔާސީ އިންތިހާބަށް ނެރޭނެ ކަމަށެވެ.
"އީސީން ޕާޓީ ރަޖިސްޓްރީ ނުކޮށްދިން ނަމަވެސް، އަޅުގަނޑުމެންގެ ފަރާތުން ވާދަކުރާނެ. ހަމަ ދަ ޑިމޮކްރެޓްސް ބޭނުންކުރާ ލޯގޯވެސް ބޭނުންކުރާނެ. ކިތަންމެ ވަރަކަށް ފިއްތުން އަމާޒުކުރިޔަސް އަޅުގަނޑުމެން ނެރޭނަން،" ޝިއްޕެ ވިދާޅުވިއެވެ.
ޝިއްޕެ ވިދާޅުވީ އީސީން ޕާޓީ ރަޖިސްޓްރީކޮށް ނުދޭން ސަރުކާރުން ނުފޫޒު ފޯރުވުމުންދާ ކަމަށާއި އެއީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު ދެކެ ސަރުކާރުން ބިރު ގަންނާތީ ކަމަށެވެ. އަދި އެކަން އޭނާއަށް ވަރަށް ސާފު ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ރައީސް އޮފީހުގައި ހަތަރު އަހަރު ވަންދެން އެކުގައި މަސައްކަތް ކުރައްވާފައިވާތީ، އެމަނިކުފާނުގެ އަމަލުތައް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ޝިއްޕެ ވިދާޅުވިއެވެ.
"މިކަހަލަ ދަނޑިވަޅުގައި އޭނާ [ރައީސް ސޯލިހު] ކަންތައް ކުރައްވާނީ މިކަހަލަ ގޮތަކަށް. އެއީ އަޅުގަނޑަށް އެނގޭތީ، އެނގޭތީ މި ދަންނަވަނީ، ޕާޓީ ރަޖިސްޓްރީ ނުކޮށްދިނީ ހަމަ ބިރުން،" ޝިއްޕެ ވިދާޅުވިއެވެ.
މީގެ އިތުރުން ޝިއްޕެ ވިދާޅުވީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީކުރަން ބޭނުންވާ އަދަދަށް ހުށަހެޅި ފޯމުތަކުގައި މައްސަލައެއް ނުހުންނާނެ ކަމަށާއި އިއްޔެއާ ހަމައަށް ވެސް އެއިން ފޯމެއްގައި މައްސަލައެއް ހުރި ކަމަށްނުވާ ކަމަށެވެ.
"ގާނޫނުގައި މި ބުނަނީ ތިން މަސް ދުވަސް ތެރޭގައި، މައްސަލައެއް ނެތްނަމަ ޕާޓީ ރަޖިސްޓްރީ ކޮށްދޭން ޖެހޭނެކަމަށް. އެހެންކަމަށްވާނަމަ މައްސަލައެއް އޮވެގެން ޕާޓީ ރަޖިސްޓްރީކުރަން އޮންނަ މުއްދަތުގެ އެންމެ ފަހު ދުވަހަކު ނޫން އެކަން އަންގާނީ. އެގޮތަށް ކަންތައް ކުރީމާ އަގު ވެއްޓިގެންދާނެ. މިނިވަން މުއައްސަސާތަކުން މަސައްކަތް ކުރަންވާނީ އެފަދަ ކަންކަން ވީހާވެސް އަވަހަކަށް ނިންމަން. އެހެން ނޫނީ އިތުބާރު ގެއްލިގެންދާނެ،" ޝިއްޕެ ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމަށް މަސައްކަތްކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު އިއްޔެ ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ ޕާޓީ ރަޖިސްޓްރީ ވިޔަނުދިނުމަށް އީސީން ދެ މެންބަރަކު މަސައްކަތް ކުރި ކަމަށެވެ.