އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ "ފިކުރެއްގެ ދިރުމުން" ރަޖިސްޓްރީކުރަން ހުށަހެޅި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރުމާ ދެކޮޅަށް ވޯޓު ދެއްވީ އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދެ މެމްބަރުން ކަމަށްވާ މުހައްމަދު އާސިފާއި އަލީ ނަޝާތު ކަމަށް އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ތެރޭގައި އޮތް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ އެ ޕާޓީގެ 12 މަޖިލިސް މެންބަރަކު އެ ޕާޓީން ވަކިވެ، އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދައަށް އެދުނީ މިދިޔަ މަހުގެ 21 ގައެވެ. އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ މިދިޔަ މަހުގެ 24 ގައެވެ. ޑިމޮކްރެޓްސް އުފެއްދުމަށް، ގާނޫނުގައި ބުނާ 3،000 މެންބަރުންގެ ސޮއި ހަމަކުރުމަށް ތިން މަސް ދުވަސް އިލެކްޝަނުން ދިނެވެ. އެ އަދަދަށް މެންބަރުން ހަމަކޮށް "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރަން 3560 ފޯމް އީސީއަށް ހުށަހެޅީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
"ދަ ޑިމޮކްރެޓްސް"ގެ ރަޖިސްޓަރީ ލިބުން ލަސްވާ ކަމަށްބުނެ، ޑިމޮކްރެޓްސްގެ އިސް ފަރާތްތަކުން ވަނީ މިއަދު ހަވީރު އީސީއަށް ވަޑައިގެންފައެވެ. އަދި ދަ ޑިމޮކްރެޓްސް ރަޖިސްޓްރީއާ މެދު ނިންމި ގޮތުގެ މައުލޫމާތުދެއްވުމަށް ފުއާދު ވަނީ މިރޭ އެ ބޭފުޅުންނާ ބައްދަލުކުރައްވައިފައެވެ.
ފުއާދު ވިދާޅުވީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކުރަން ނިންމީ ކޮމިޝަންގެ ދެ މެމްބަރަކު އެކަމާ ދެކޮޅަށް ވޯޓު ދިނުމުން ކަމަށެވެ.
އީސީއަށް ވަޑައިގެން ތިބި މީހުންގެ ތެރެއިން މީހަކު ވަނީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ކުރުމާ ދެކޮޅަށް ވޯޓު ދިނީ ކޮން ދެ މެމްބަރެއްތޯ ފުއާދު ކައިރިން އަހައިފައެވެ.
އެ ސުވާލާ ގުޅިގެން ފުއާދު ވިދާޅުވީ އެ ދެ މެމްބަރުންނަކީ ނަޝާތު އަދި އާސިފު ކަމަށެވެ.
"ނަޝާތާއި އާސިފާ ދެ ބޭފުޅުން އެނގޭތޯ. މިހާރު ދެން އަޅުގަނޑު އެއްޗެއް ފޮރުވާކަށް ނެތިން،" ފުއާދު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ އެ ޕާޓީ ރަޖިސްޓްރީ ވިޔަނުދިނުމަށް އީސީގެ ދެ މެމްބަރަކު މަސައްކަތް ކުރައްވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ދެ މެމްބަރުންކަމެއް ހަސަން ލަތީފު ވިދާޅެއްނުވެއެވެ.
"މިހާރުން މިހާރަށް ވެސް ކުރެވެން އޮތްް ކަމެއް މިކަމަކީ. އެހެން ނަމަވެސް ލަސްކުރަމުންދާ ތަންް އަޅުގަނޑުމެންނަށް މި ފެންނަނީ. އެއްގޮތުން ނޫނިއްޔާ އަނެއް ގޮތެއް ހޯދައިގެން ވެސް މި ޕާޓީ ރަޖިސްޓްރީ ވިޔަ ނުދޭން އިލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރަކު މަސައްކަތް ކުރާކަން އަޅުގަނޑުމެނަށް ފާހަގަކުރެވިފައިވަނީ،" ހަސަން ލަތީފް ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްއިން ވަނީ އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަން ވެސް އިއުލާނުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު