އެމްޑީޕީގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ތާއިދުކުރައްވާ "ފިކުރެއްގެ ދިރުމުން" ރަޖިސްޓްރީކުރަން ހުށަހެޅި ސިޔާސީ ޕާޓީ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކޮށްދެވެން ނެތްކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
އީސީގެ ރައީސް ފުއާދު ތައުފީގު "ދަ ޑިމޮކްރެޓްސް" އުފައްދަން މަސައްކަތް ކުރައްވާ ބޭފުޅުންނާ ބައްދަލުކޮށް މިރޭ ވިދާޅުވީ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީ ނުކޮށްދޭން ނިންމީ ކޮމިޝަންގެ ދެ މެމްބަރަކު ދެކޮޅު ހައްދަވާތީ ކަމަށެވެ.
ފުއާދު ވިދާޅުވީ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރުމާ ދެކޮޅަށް ވޯޓު ދެއްވި ދެ މެމްބަރުންނަކީ އަލީ ނަޝާތު އަދި މުހައްމަދު އާސިފު ކަމަށެވެ. އެ ދެ ބޭފުޅުން މިހާރު ކޮމިޝަނުން ނުކުމެވަޑައިގެންފައިވާ ކަމަށް ފުއާދު ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު، ފުއާދުއާ ވާހަކަދައްކަވަމުން ވަނީ ނަޝާތު އަދި އާސިފް، ޕާޓީ ރަޖިސްޓްރީ ނުކޮށްދޭން ވޯޓު ދެއްވި ސަބަބު ސާފުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އެއާ ގުޅިގެން ފުއާދު ވިދާޅުވީ އެ ދެ މެމްބަރުން އެގޮތަށް ނިންމެވި ވަކި ސަބަބެއް ނޭނގޭ ކަމަށާއި ނަމަވެސް އިތުރަށް ބަލަން ބޭނުންވާ ކަންކަން ހުރިކަމަށް އެ ބޭފުޅުން ވިދާޅުވި ކަމަށް ފުއާދު ވިދާޅުވިއެވެ.
"އެބޭފުޅުން ބައްލަވަން ބޭނުންފުޅުވާ ކަންކަން ސީދާ ވިދާޅެއް ނުވޭ. އެބޭފުޅުން ހަޅޭފުޅުލައްވާފައި ވަޑައިގެންފި. ވޯޓު އެއްވަރުވީ. އެހެންވެ، ހުއްދަ ދޭން މިވަގުތަށް ފާސްނުވީ،" ފުއާދު ވިދާޅުވިއެވެ.
އީސީގައި ތިއްބަވަނީ ފަސް މެމްބަރުންނެވެ. އެއީ ފުއާދާއި ހަބީބުގެ އިތުރުން އަލީ ނަޝާތާއި ޑރ. މުހައްމަދު ޒާހިރު އަދި މުހައްމަދު އާސިފެވެ. އޭގެ ތެރެއިން ޑރ. ޒާހިރު މިވަގުތު ހުންނެވީ ހައްޖުގެ އަޅުކަން އަދާކުރަން ވަޑައިގެންނެވެ.
"ދަ ޑިމޮކްރެޓްސް"ގެ ރަޖިސްޓަރީ ލިބުން ލަސްވާ ކަމަށްބުނެ، ޑިމޮކްރެޓްސްގެ އިސް ފަރާތްތައް ވަނީ އީސީއަށް މިއަދު ހަވީރު ގޮސްފައެވެ. އެތަނުގައި ހުންނަވައިގެން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ހަސަން ލަތީފު ވިދާޅުވީ ދަ ޑިމޮކްރެޓްސް ރަޖިސްޓްރީ ވިޔަނުދިނުމަށް އީސީގެ ދެ މެމްބަރަކު މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. ނަމަވެސް އެ ދެ މެމްބަރުންގެ ނަމެއް އޭނާ ވިދާޅެއްނުވެއެވެ.
"މިހާރުން މިހާރަށް ވެސް ކުރެވެން އޮތްް ކަމެއް މިކަމަކީ. އެހެން ނަމަވެސް ލަސްކުރަމުންދާ ތަންް އަޅުގަނޑުމެންނަށް މި ފެންނަނީ. އެއްގޮތުން ނޫނިއްޔާ އަނެއް ގޮތެއް ހޯދައިގެން ވެސް މި ޕާޓީ ރަޖިސްޓްރީ ވިޔަ ނުދޭން އިލެކްޝަންސް ކޮމިޝަނުގެ ދެ މެންބަރަކު މަސައްކަތް ކުރާކަން އަޅުގަނޑުމެނަށް ފާހަގަކުރެވިފައިވަނީ،" ހަސަން ލަތީފް ވިދާޅުވިއެވެ.
ޑިމޮކްރެޓްސް އުފެއްދުމަށް، ގާނޫނުގައި ބުނާ 3،000 މެންބަރުންގެ ސޮއި ހަމަކުރުމަށް ތިން މަސް ދުވަސް އިލެކްޝަނުން ދިނެވެ. އެ އަދަދަށް މެންބަރުން ހަމަކޮށް "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރަން 3560 ފޯމް އީސީއަށް ހުށަހެޅީ މި މަހުގެ އެއްވަނަ ދުވަހުއެވެ.
"ދަ ޑިމޮކްރެޓްސް" އިން ވަނީ އަންނަ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރޭނެކަން ވެސް އިއުލާނުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު