އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެރިކަމާ ހަވާލުވުމަށްފަހު އެންމެ ފުރަތަމަ ކުރާނެ މަސައްކަތަކީ "ވަގުން"ގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު ނެރުން ކަމަށާއި މި ސަރުކާރުގައި ތިބި އެއްވެސް "ވަގަކަށް" ފިލައިގެން ރާއްޖެއިން ބޭރަށް ނުދެވޭނެ ކަމަށް ޕީޕީއެމް/ޕީއެންސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އަންހެނުންގެ ކޮމިޓީތަކުގެ ބައި-އިލެކްޝަނުން ޕީޕީއެމުން ހޯދި ކާމިޔާބީއާ ގުޅިގެން ރޭ ޕީޕީއެމްގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަދުރޭ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފެނިގެންދާނީ ޕީޕީއެމް/ޕީއެންސީން މި ސަރުކާރު ޖަވާބުދާރީކުރުމަށް އިތުރު މަސައްކަތްތަކެއް ފަށާ ތަން ކަމަށެވެ. އަދި އެ މަސައްކަތް ނިންމާނީ މިއަހަރުގެ ސެޕްޓެމްބަރު 9 ވަނަ ދުވަހު ވޯޓުލައި ނިންމުމާ އެކީ ކަމަށާއި މިހާރު ތައްޔާރުވަމުން ދަނީ ވެރިކަމާ ހަވާލުވާން ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ އެކަމަށް މާ ގިނަ ދުވަހެއް ނެތް ކަމަށާއި ސެޕްޓެމްބަރު 9 ވަނަ ދުވަހަކީ ދިވެހި ރައްޔިތުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސިޔާސީ ހަޔާތުގައި "ސިއްކަ" ޖަހާނެ ދުވަސް ކަމަށެވެ.

"މިހާރު ވަރަށް ދުވަސް މަދުވެއްޖެ އެބޭފުޅުންނަށް ވައްކަން ކުރަން އޮތް. އަޅުގަނޑުމެން މި އަންނަނީ އެ ވައްކަންތައް ތަހުގީގު ކުރަމުން. އެއްގޮތަކަށްވެސް ހީނުކުރައްވާތި ވެރިކަން ނިމުނީމަ ރައްކާވެވޭނޭ. އެ ޖާގައެއް ނުދޭނަން. އަޅުގަނޑުމެން ވެރިކަމާ ހަވާލުވެފައި އެންމެ ފުރަތަމަ ނެރޭނެ އެއް އަމުރަކީ ވަގުންގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު،" އަދުރޭ ވިދާޅުވިއެވެ.

ރާއްޖެ "ދަވާލާފައި" ފިލައިގެން ނުދެވޭނެ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށެވެ. ވައްކަން ކުރި މީހުންނަށް ހައްގު އަދަބު ދޭނެ ކަމަށާއި ގާނޫނީ އިމުގެ ތެރެއިން އެކަން ކުރާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"[ރައީސް] އިބްރާހިމް މުހައްމަދު ސޯލިހު ވިޔަސް [އިކޮނޮމިކް މިނިސްޓަރު] ފައްޔާޒް އިސްމާލަށް ވިޔަސް [ފޮރިން މިނިސްޓަރު] އަބްދުﷲ ޝާހިދު ވިޔަސް [ޑިފެންސް މިނިސްޓަރު] މާރިޔާ އަހުމަދު ދީދީ ވިޔަސް ޖެހޭނީ ހައްގު އަދަބު ތަންފީޒު ކުރަން. ގާނޫނު އަރާ ހަމަކުރާނެ،" އަދުރޭ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އެކަން ކުރަން ކެރިވަޑައިގަންނަވާނެ ކަމަށާއި އެކަން ކުރަން ޖެހިލުންވެވަޑައި ނުގަންނަވާނެ ކަމަށެވެ. އަދި އެކަން ކުރަން އެމަނިކުފާނަށް އެނގިވަޑައިގަންނަވާނެ ކަމަށާއި ގާނޫނުން ބޭރަށް ވަޑައިނުގަންނަވާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ މި ސަރުކާރުގައި ހުރި ކޮރަޕްޝަނާއި ނޭއްގާނީ ކަންތައްތައް ދެނެގަތުމުގެ މަސައްކަތް ފަށަން ޕީޕީއެމުން ތައްޔާރުވަމުންދާ ކަމަށެވެ.

"ހިމޭނަކުންނެއް ދެނެއް ނުތިބެވޭނެ މުއައްސަސާތަކަށް. އެ ޖާގަ އަޅުގަނޑުމެންނެއް ނުދޭނަން. ފިނި ކޮޓަރީގައި މަޑުމައިތިރިކަމާއެކު ތިބެގެން ސަރުކާރު ދަވާލާކަށް ދެން ޖާގައެއް ނުދޭނަން،" އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ޕީޕީއެމުން ވެރިކަމަށް އަންނަނީ ޝަރުއީ ނިޒާމު މިނިވަން ކުރަން ވެގެން ކަމަށާއި ދިވެހި ރައްޔިތުންގެ އިތުބާރު އޮތް ޝަރުއީ ނިޒާމެއް ގާއިމުކުރުމަށް ކަމަށެވެ. އެކަން ކުރުމުގެ ގާބިލުކަން ހުރި ހަމައެކަނި ބޭފުޅަކީ ރައީސް ޔާމީންކަން އެ މަނިކުފާނުގެ ޒައާމަތުގައި ހިނގައިދިޔަ ކަންތައްތަކުން އެނގިގެންދާ ކަމަށެވެ. އެގޮތުން ގާނޫނު ތަންފީޒު ކުރުމުގައި "ކުޑައެއް ބޮޑެއް. ގާތް މީހެއް، ދުރު މީހެއް. މަގާމަކަށް ނުބައްލަވާ،" ކަމަށް އޭނާ ވިދާޅުވިއެވެ.