ނެދަލޭންޑްސް އެންޗޭޑޭ ސްޓޭޑިއަމްގައި ރޭ ކުޅުނު ނޭޝަންސް ލީގުގެ ސެމީ ފައިނަލް މެޗުގައި 2-1 އިން އިޓަލީ ބަލިކޮށް، ސްޕެއިން އަނެއްކާވެސް ފައިނަލުން ޖާގަ ހޯދައިފިއެވެ.

މީގެ ކުރިން 2021 ވަނަ އަހަރުގެ ނޭޝަންސް ލީގުގެ ފައިނަލަށްވެސް ސްޕެއިން ދަތުރު ކޮށްފައިވާ އިރު، އެފަހަރު ފައިނަލުގައި ފްރާންސް ކައިރިން ވީ ބައްޔެވެ. މިފަހަރުގެ ފައިނަލުގައި ސްޕެއިނުން ރޮޓަޑަމްގައި ނުކުންނާނީ ތާރީހުގައި ފުރަތަމަ ތަށްޓެއް ހޯދުމަށް މަސައްކަތް ކުރާ ކްރޮއޭޝިއާއާ ދެކޮޅަށެވެ.

އިޓަލީން ރޭގެ މެޗުގައި ބަލިވެފައިވާ އިރު، އެޓީމުން މިފަހަރު ތިންވަނަ ހޮވާ މެޗުގައި ނުކުންނަން ޖެހޭނީ ނެދަލޭންޑްސްއަ ދެކޮޅަށެވެ.

ރޭގެ މެޗު ފަށައިގެން ތިންވަނަ މިނެޓުގައި ސްޕެއިނުން ވަނީ ލީޑު ނަގައިފައެވެ. އިޓަލީގެ ލެޖެންޑަރީ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އަތުން ބޯޅަ ހޯދައި، ޔެރަމީ ޕިނޯ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ އޭނާ އަމާޒުކޮށްލީ ގޯލުގެ ކަނަށެވެ. އެ ގޯލާއެކު ސްޕެއިނުން މެޗުގެ ކުރީކޮޅުގައި ލީޑު ނަގައި ހަމަޖެހިލި ނަމަވެސް، މެޗުގެ 11 ވަނަ މިނެޓުގައި އިޓަލީން ނަތީޖާ ހަމަހަމަ ކުރިއެވެ.

ސީރޯ އިމޯބިލޭ ޖެހި ޕެނަލްޓީއަކީ ސްޕެއިނަށް އަލަށް މެޗެއް ކުޅުނު ރޮބިން ލެ ނޯމާންޑް އަތުގައި ބޯޅަ ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗުގެ ދެވަނަ ހާފުގައި ސްޕެއިން މޮޅުކޮށްދިން ގޯލު ޖަހައި ފައިނަލަށް ގެންގޮސްދިނީ ބަދަލަކަށް ނުކުތް ޖޯސެލޫއެވެ. އޭނާ ގޯލު ޖެހީ ރޮޑްރީ ޖެހި ބޯޅައެއް މިސްރާބު ބަދަލުވެގެން ގޮސް ލިބުމުންނެވެ.