މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަފާތު ޗެލެންޖަކަށް ވާނެ ކަމަށާއި ކުވައިތާއި ލުބުނާންގެ ފެންވަރު ރަނގަޅުވުމުން އެކަމުގެ ފައިދާ ކުރާނެ ކަމަށް އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ ބުނެފިއެވެ.
ސާފަށް ދީފައިވާ ހާއްސަ އިންޓަވިއުއެއްގައި ޗެތުރީ ބުނީ އިންޑިއާއިން މިހާރު ކުޅެމުންދާ އިންޓަކޮންޓިނެންޓަލް ކަޕަކީ ސާފަށް ތައްޔާރުވުމުގެ އެންމެ މުހިއްމު އެއް ބައި ކަމަށާއި މިވަގުތު ފޯކަސް ހުރީ އެއްކޮށް ސާފް ޗެމްޕިއަންޝިޕަށް ކަމަށެވެ. އިންޓަކޮންޓިނެންޓަލް ކަޕްގެ ލީގު ބުރުގައި އިންޑިއާއިން ކުޅުނު ތިން މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، ރޭ ލުބުނާނާ ވަނީ އެއްވަރު ކޮށްފައެވެ.
ރަނގަޅު ފޯމެއްގައި މިފަހަރުވެސް އޮތް އިންޑިއާއަކީ ސާފްގެވެސް އެންމެ ކާމިޔާބު ޓީމެވެ. މިހާތަނަށް މުބާރާތުގެ ޗެމްޕިއަންކަން އިންޑިއާއިން އަށް ފަހަރު ހޯދާފައިވާ އިރު، ޗެތުރީ ބުނީ މިއީ ތަފާތު ސާފަކަށް ވާނެ ކަމަށެވެ.
"ފުރަތަމަ ފަހަރަށް ކުވައިތާއި ލުބުނާން މިކުޅެނީ ސާފްގައި. ސާފްގެ އެހެން ހުރިހާ ގައުމަކަށްވެސް އިހުތިރާމާއެކު ބުނަން ބޭނުންވަނީ އެ ދެޓީމަކީ އަހަރެމެންނަށްވުރެ ލެވެލް މަތި ދެޓީމު ކަމަށް. އެއީ ރަނގަޅު ކަމެއް. ތަފާތު ވާނެ އެހެން ސާފް މުބާރާތްތަކާ. ހާއްސަކޮށް އިންޑިއާއިން އޭޝިއަން ކަޕަށް ތައްޔާރުވާއިރު މިފަހަރު ސާފް އެހީތެރިވެދޭނެ ޓީމު ރަނގަޅަށް ބައްޓަން ކުރަން. ވާދަވެރި މެޗުތަކެއް ކުޅުން އެއީ މުހިއްމު ކަމެއް. ޓީމަށް އެކަށީގެންވާ ވަރުގަދަ ޗެލެންޖެއް މިފަހަރު ސާފުން ދެވޭނެ،" ޗެތުރީ ބުންޏެވެ.
ސާފަށް ތައްޔާރުވާ ގައުމުތަކުގެ ސްކޮޑުން މި ރީޖަންގެ ޒުވާން ތަރިން މިފަހަރުވެސް ފެންނަމުންދާ އިރު، އުމުރުން 38 އަހަރުގެ އިންޑީއާ ލެޖެންޑް ޗެތުރީ ބުނީ އެ ކުޅުންތެރިންނަށް ލިބޭ މި ފުރުސަތު އުފާވެރި ފުރުސަތަކަށް ހަދަން ތައްޔާރުވުމަށެވެ.
"ޒުވާން ގިނަ ކުޅުންތެރިންތަކެއް ސާފްގައި އެބަކުޅޭ. އަހަރެން އެ ހުރިހާ ކުޅުންތެރިންނަށް ދޭން ބޭނުންވާ މެސެޖަކީ، މެޗުތައް އެންޖޯއީ ކޮށްލާށޭ. ފުޓުބޯޅައިގައި މިހާރު އޮތް މާހައުލުން ވަރަށް ބޮޑު ޕްރެޝަރެއް ހުރިހާ ކުޅުންތެރިންނަށްވެސް އެކި ގޮތްގޮތުން އޮވޭ. ބެލެނިވެރިންނާއި ޓީޗަރުންގެވެސް ޕްރެޝަރު. އެ ހާލަތްތަކުގައި އަބަދުވެސް ވިސްނަންވީ ފުޓުބޯޅަ ކުޅެނީ އުފާވެރިކަމަށްކަން. އަހަންނަށްވެސް ޕްރެޝަރު އާދޭ، އަހަންނަށްވެސް އުނދަގޫ ހާލަތްތައް އާދޭ. އޭގެން ކޮންމެ ވަގުތެއްގައި އަހަރެން ވިސްނަނީ އުފާވެރިކަން ވިސްނުމަށް ގެންނަން. އެއީ ފުޓުބޯޅަ ކުޅޭ ސަބަބަކީ،" ބެންގަލޫރު އެފްސީއަށް ކުޅެމުންދާ ޗެތުރީ ބުންޏެވެ.
ޗެތުރީ ބުނީ ބެންގަލޫރަކީ އޭނާގެ "ހޯމް" ކަމަށާއި ބެންގަލޫރަށް މަދުން ނޫނީ ގައުމީ ޓީމުގެ މެޗުތައް ހޯސްޓް ކުރަން އަދި ހާއްސަކޮށް ބޮޑު މުބާރާތެއް ހޯސްޓް ކުރަން ނުލިބޭ ކަމަށެވެ. ބެންގަލޫރުގައި ތިބޭ ފުޓުބޯޅައަށް ލޯބިކުރާ އެތައް ބަޔަކު ޔަގީންނުވެސް އިންޑިއާއަށް ހިތްވަރު ދޭނެކަން ޔަގީންކުރާ ކަމަށްވެސް ޗެތުރީ ބުންޏެވެ.
އިންޑިއާއިން މިފަހަރު ސާފްގައި ވާދަކުރާނީ ޕާކިސްތާނާއި ކުވައިތުގެ އިތުރުން ނޭޕާލް ހިމެނޭ ގްރޫޕް އޭގައެވެ. އެގައުމުން ފުރަތަމަ ކުޅޭ މެޗުގައި ނުކުންނާނީ ވާދަވެރި ޕާކިސްތާނާ ދެކޮޅަށެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023