އިންޑިއާގައި މިމަހުގެ 21 ވަނަ ދުވަހު ފަށަން ތައްޔާރުވެފައިވާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ބަންގުލަދޭޝްއިން މިއަދު ކުޅުނު އެކުވެރިކަމުގެ މެޗުގައި ކެމްބޯޑިއާ ބަލިކޮށްފިއެވެ.

ކެމްބޯޑިއާގެ އޮލިމްޕިކް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގައި ބަންގުލަދޭޝްއިން ކެމްބޯޑިއާގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ހަމައެކަނި ގޯލު، 25 ވަނަ މިނެޓުގައި ޖަހައިދިނީ މުޖީބުއްރަހުމާން ޖޮނީއެވެ. މިއަދުގެ މެޗަކީ އޭނާ ގައުމީ ޓީމަށް ކުޅެދިން ތިންވަނަ މެޗެވެ.

ޖޯނީގެ ގޯލަކީ އަރިމަތިން ކެޕްޓަން ޖަމާލް ބުޔާން ނަގައިދިން ހުރަހަކުން އޭނާ ފައިގެ އަރިމަތިން އެއްފަހަރުން ބޯޅަ ގޯލަށް ވައްދާލައިގެން ޖެހި ގޯލެކެވެ. މެޗުގައި ބަންގުލަދޭޝްގެ ފަރާތުން އެކަށީގެންވާ ޕާސިން ގޭމެއް ނުފެނުނު ނަމަވެސް، އެޓީމުން ވަނީ ނަތީޖާ ދަމަހައްޓަން މަސައްކަތްތަކެއް ކޮށްފައެވެ.

މިއަދުގެ ފީފާ އެކުވެރިކަމުގެ މެޗު ބަންގުލަދޭޝްއިން ކާމިޔާބުކޮށްފައިވާ އިރު، މިދިޔަ ސެޕްޓެންބަރު މަހު ދެ ގައުމުން ކުޅުނު މެޗުވެސް ބަންގުލަދޭޝްއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ގޯލު ޖެހީ ރާކިބް ހޮސައިނެވެ.

ބަންގުލަދޭޝްގެ ކޯޗު ހާވިއާ ކަބްރޭރާ މިއަދުގެ މެޗުގެ ކުރިން ނޫސްތަކަށް ބުނެފައިވަނީ ޕްރެޝަރު މާހައުލެއްގައި މެޗެއް ކުޅުމަކީ މުބާރަތަށް ތައްޔާރުވާން ލިބޭނެ އެންމެ ފަހި ފުރުސަތު ކަމަށާއި، މިއަދުގެ މެޗުން ސާފަށް ނެރޭނެ 11 ކުޅުންތެރިން ޓެސްޓުކޮށްލަން ފުރުސަތު ލިބޭނެ ކަމަށެވެ.

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ގްރޫޕް ބީގައި ރާއްޖެއާއި ލުބުނާންގެ އިތުރުން ބޫޓާނާ ދެކޮޅަށް ބަންގުލަދޭޝް ވާދަކުރާ އިރު، އެ ގްރޫޕުގައި ރާއްޖެއާއި ބަންގުލަދޭޝް މެޗަކީ ސެމީއަށް ދާން މުހިއްމު މެޗެއް ކަމަށް މީގެ ކުރިން ކެޕްޓަން ޖަމާލް ވަނީ ބުނެފައެވެ. ޖަމާލް މީޑިއާއަށް ބުނެފައިވަނީ ބަންގުލަދޭޝްގެ ޓާގެޓަކީ ސާފްގެ ތަށި ކަމަށާއި، އެކަން ޗެލެންޖިން ނަމަވެސް، ކުރެވޭނެ ކަމަށެވެ.