ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޖިންސީ ގޯނާގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ގެންގޮސް، އެ މައްސަލަ ފައިލްކުރުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، އަލީ ވަހީދަށް ހޫނު މަރުހަބާއެއް ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދަކީ ޖުމްހޫރީ ޕާޓީގެ ކުރީގެ ރައީސެވެ. އޭނާ މަގާމު ގެއްލުނީ އަސާސީ ގަވާއިދަށް ގެނައި ބަދަލާއެކު އެ މަގާމު އުވާލުމުންނެވެ. އަލީ ވަހީދުގެ މައްސަލަ ފައިލްކުރުމުން ގާސިމް ވަނީ ރޭގެ ވަގުތެއްގައި އޭނާއަށް މަރުހަބާ ވިދާޅުވެ ޓުވީޓެއް ކުރައްވާފައެވެ.

"އޮނަރަބަލް އަލީ ވަހީދަށް ފަށްފަށުން މަރުހަބާ،" ގާސިމްގެ ޓުވީޓްގައި ލިޔުއްވާފައިވެއެވެ.

ޕީޖީ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހުގީގަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށްގެންދަން ބޭނުން ނުވާތީ އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ޖިންސީ އަނިޔާކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާގެ އިތުރުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ.

އަލީ ވަހީދުގެ މައްޗަށް ދައުލަތުން މި ދައުވާތައް އުފުލީ 2021 ވަނަ އަހަރުއެވެ. ނަމަވެސް އެ ދައުވާތަކުގެ ޝަރީއަތް ނުފެށިވަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ.

ދައުލަތުން އަލީ ވަހީދުގެ މައްޗަށް ކުރި އެ ދައުވާތަކަށް އޭނާ ވަނީ އިންކާރުކުރައްވައިފައެވެ. އެ މައްސަލައިގައި އަލީ ވަހީދު ރާއްޖޭން ބޭރަށް ފުރުން ކުރިމިނަލް ކޯޓުން މަނާކޮށްފައި އޮތުމަށްފަހު، އޭނާ ރާއްޖެއިން ފުރަން ހުއްދަ ދިނީ ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ޖާމިނު ވުމުންނެވެ. ޖާމިނުވުމުގެ އެއްބަސްވުމުގައި އަޑުބަރޭ އިގުރާރުވީ ހަތަރު މަސް ދުވަސް ފަހުން އަލީ ވާހިދު ރާއްޖެ ގެންނާނެ ކަމަށާއި އަދި އޭނާ ކޯޓަށް ހާޒިރުކުރާނެ ކަމަށް ބުނުމުންނެވެ. ނަމަވެސް އަލީ ވާހިދު ކޯޓަށް ހާޒިރު ކުރެވިފައިނުވާތީ އަޑުބަރޭ ވަނީ 15 ދުވަހަށް ޖަލަށްލައިފައެވެ.

އަލީ ވަހީދާ ދެކޮޅަށް ކުރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިންސީ ކުށުގެ 7 ދައުވާގެ ޝަރީއަތުގެ އަޑުއެހުންތަކަށް ހާޒިރުވެފައި ނުވާތީ މިދިޔަ ސެޕްޓެމްބަރު މަހު ކުރިމިނަލް ކޯޓުން ވަނީ އެ ދައުވާތައް އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލައިފައެވެ. ކޯޓުން އެ މައްސަލަ އަނބުރާ ޕީޖީއަށް ފޮނުވީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތް ވުމުން އަލުން މައްސަލަ ހުށަހެޅުމަށެވެ.

ނަމަވެސް އެ މައްސަލައިގައި ފުލުހުން މެދުވެރިކޮށް ރެޑްނޯޓިސް ނެރެގެން ވެސް އަލީ ވަހީދު ޝަރީއަތައް ހާޒިރު ކުރެވިފައެއް ނުވެއެވެ.

ޕީޖީގެ ބަޔާނުގައި ބުނި ގޮތުގައި މި މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމުގެ މުހިއްމުކަމާއި އެކަށީގެންވާ އަވަސް މިނެއްގައި މައްސަލަ ނުހިންގިއްޖެ ނަމަ، އަނިޔާ ލިބުނު މީހުންނާއި ހެކިންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލުމުގެ ފުރުސަތު އޮތް މިންވަރު ކުރިމިނަލް ކޯޓާއި ހައި ކޯޓާއި ސްޕްރީމް ކޯޓުގައިވެސް ފާހަގަކޮށްފައިވާނެ ކަމަށެވެ.

އެ މައްސަލަ އަލުން ހުށަހެޅުމަށް ފުލުހުންނަށް އަނބުރާ ފޮނުވާލި ފަހުން އެ މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ގޮތުގައި ތަހުގީގަށް ބަޔާން ދީފައިވާ މީހުން މައްސަލަ ކުރިއަށްގެންދަން ބޭނުންނުވާ ކަމަށް ބަޔާންކޮށް ޕީޖީ އަށާއި ފުލުހުންނަށް ސިޓީ ފޮނުވާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

"މައްސަލައިގައި އަނިޔާ ލިބުނު މީހުންނާއި ހެކިން މި އޮފީހަށާއި ފުލުހުންގެ ހިދުމަތަށް ފޮނުވަމުން ދިޔަ ސިޓީތަކާ ގުޅިގެން މި އޮފީހުން ވާނީ އެ މީހުންނާ ބައްދަލުކޮށް މައްސަލަ ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ދެކޭގޮތް ސާފުކޮށްފަ،" އެ ބަޔާނުގައި ބުނެފައިވެއެވެ.

ޕީޖީގެ ބަޔާނުގައި ބުނެފައިވަނީ މައްސަލައިގެ މައިގަނޑު ހެއްކަކީ އަނިޔާ ލިބުނު މީހުންނާއި ހެކިންގެ ހެކިބަސް ކަމަށްވާ އިރު، އެ ހެކިންގެ ހެކިބަހާ ނުލައި މައްސަލަ ސާބިތުކުރެވޭނެ އެއްވެސް މަގެއް ނެތް ކަމަށާއި އެހެންވެ އެ މައްސަލައަކީ އަނބުރާ ފޮނުވާލާފައިވާ މައްސަލައެއް ގޮތުގައި 6 ޖޫން 2023 ގައި ކަނޑައަޅާފައިވާ ކަމަށެވެ.

އަލީ ވަހީދު ސުޕްރީމް ކޯޓަށް ހާޒިރުވާން އޭނާއަށް އަމުރުކުރުމުން، އެ އަމުރާ ހިލާފުވެ ކޯޓަށް ހާޒިރުވެފައި ނުވާތީ، އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި ސުޕްރީމް ކޯޓުން ވަނީ އޭނާ ދެ މަހާއި 12 ދުވަހަށް ޖަލަށް ލާން ވެސް ހުކުމްކޮށްފައެވެ.