މޮރިޝަސްގައި މިހާރު ކުރިއަށްދާ ހަތަރު ގައުމުގެ ފުޓްބޯޅަ މުބާރާތުގައި ކެންޔާއާ ވާދަކޮށް ޕާކިސްތާން ބަލިވެއްޖެއެވެ.
މޮރިޝަސްގެ ވެރިރަށުގައި ހުންނަ އަންޖަލޭ ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު އެ މެޗުން ކެންޔާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ހަމައެކަނި ގޯލު ކެންޔާއަށް ޖަހައިދިނީ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގެ ތެރޭގައި ޝުއްމާއެވެ. މިއީ މި މުބާރާތުގައި ޕާކިސްތާނު ކުޅުނު އަދި ބަލިވި ދެވަނަ މެޗެވެ. އާދީއްތަ ދުވަހު މޮރިޝަސްއާ ވާދަކޮށްވެސް ޕާކިސްތާނު ވަނީ 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.
މޮރިޝަސްއާ ދެކޮޅަށް ކުޅުނު މެޗަށްވުރެ ކެންޔާއާ ދެކޮޅަށް ޕާކިސްތާނުން ރަނގަޅަށް ކުޅެފައިވެއެވެ. ކުރީ މެޗުގައި ނުކުޅޭ ކުޅުންތެރިންގެ ތެރެއިން އިންގްލެންޑަށް އުފަން އީސާ ސުލައިމާނާއި ޑެންމާކަށް އުފަން އަބްދުﷲ އިގްބާލް ވަނީ ކެންޔާއާ ދެކޮޅަށް ކުޅެފައެވެ.
މިމަހު ފަހުކޮޅު އިންޑިއާގެ ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ޕާކިސްތާނުން މިފަހަރު އެކުލަވައިލި ޓީމުގައި ޔޫރަޕަށް އުފަން އަދި ޔޫރަޕުގައި ކުޅޭ ކުޅުންތެރިން ގިނައެވެ. މޮރިޝަސްގައި ކުރިއަށްދާ މުބާރާތުގައި ޕާކިސްތާން ބައިވެރިވީވެސް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ތަޖުރިބާ ހޯދުމަށެވެ. މި މުބާރާތުގައި ޕާކިސްތާނަށް މިހާރު ބާކީ އޮތީ ހޮނިހިރި ދުވަހު ޖިބޫޓީއާ ދެކޮޅަށް ކުޅެންޖެހޭ މެޗެވެ.
ސާފް 2023
ސާފް 2023
ސާފް 2023
ސާފް 2023