ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހުޅުމާލޭގައި ތަރައްގީކޮށްފައިވާ ވިނަރެސް ހައުސިން މަޝްރޫއިން ފުލެޓް ދޫކުރުމަށް އެއްބަސްވުމުގައި ސޮއިކުރަން ފަށައިފިއެވެ.
ވިނަރެސް އިން ހައުސިން ޔުނިޓުތައް ދޫކުރުމަށް ހަމަޖެހިފައި ވަނީ ގުޅިފަޅު، ސީލައިފް އަދި ހިޔާ ފްލެޓުން ލިބުނު ޔުނިޓު ދޫކޮށްލި ފަރާތްތަކަށާއި އާންމުންގެ ތެރެއިން ހޮވޭ ފަރާތްތަކަށެވެ. މީގެ ތެރެއިން ގުޅިފަޅު ކަސްޓަމަރުންނަށް ލިބޭ ހައުސިން ޔުނިޓުތަކުގެ އެގްރީމަންޓުގައި ސޮއިކުރުން މިއަދު ވަނީ ފަށައިފައެވެ.
އާބަންކޯއިން މިއަދު ބުނީ ގުޅިފަޅުން ފްލެޓް ދޫކޮށްލި މީހުންގެ ތެރެއިން ޖުމްލަ 100 ފަރާތަކަށް ހައުސިން ޔުނިޓު ލިބޭ އިރު ދުވާލަކު 25 އެގްރީމަންޓުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ފަރާތްތަކާއެކު އެއްބަސްވުން ސޮއިކުރުން ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ސެންޓްރޯ މޯލް ގައި ކަމަށެވެ. އަދި ގުޅިފަޅު ކަސްޓަމަރުންގެ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު ހައުސިން ޔުނިޓު ލިބޭ އެހެން ފަރާތްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް އާބަންކޯ އިން ބުންޏެވެ.
އާބަންކޯ އިން ބުނީ ދިގު މުއްދަތަކަށް ބަހާލައިގެން އެންޑް ޔޫޒަ މޮޑެލް އަދި ހައުސިން ޔުނިޓްތަކަށް އެއްކޮށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ޔުނިޓް އިހުތިޔާރުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު، މިހާތަނަށް 128 ޔުނިޓެއް އެ ފަރާތްތަކުން ނަގާފައިވާ ކަމަށެވެ. އަދި އާންމުނަށް ހުޅުވާލައިގެން ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދިގު މުއްދަތަށް ބަހާލައިގެން ފައިސާ ދައްކާ ފަރާތްތަކުގެ ފައިނޭންޝަލް އިވެލުއޭޝަން ފަށައި އެ ފަރާތްތަކަށް ޔުނިޓު އިހުތިޔާރުކުމުގެ މަރުހަލާ އަންނަ ހަފުތާ ތެރޭގައި ނިންމައިލެވޭނެ ކަމަށް ބެލެވޭ ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
ވިނަރެސް ހައުސިން ޔުނިޓުތަކުގެ އެއްބަސްވުމުގައި ސޮއިކުރަން މިހާރު ފަށާފައިވާ އިރު، އަންނަ ޖުލައި މަހުގެ ތެރޭގައި ވެރިފަރާތާ ޔުނިޓު ހަވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ވިނަރެސް މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހިމެނެއެވެ. އެ ޓަވަރުތަކުގައި ޖުމުލަ 1344 އެޕާޓްމަންޓާ އެކު ހަތަރު ވައްތަރެއްގެ އެޕާޓްމަންޓް ހުންނާނެއެވެ. އެއީ މެރީނާ ވިއު، އިނާ ވިއު، އައުޓާ ވިއު އަދި ސްޓޭންޑާޑް ވިއުއެވެ. މި ހުރިހާ ވައްތަރެއްގައިވެސް ހުންނާނީ ތިން ކޮޓަރީގެ އެޕާޓްމަންޓުތަކެވެ.
އިނާ ވިއު، އައުޓާ ވިއު އަދި މެރީނާ ވިއު އެޕާޓްމަންޓުތަކުގެ ބޮޑުމިނުގައި 902 އަކަފޫޓު ހުންނާނެއެވެ. ސްޓޭންޑާޑް ވިއު އެޕާޓްމަންޓުތަކުގެ ބޮޑުމިނުގައި ހުންނާނީ 883 އަކަފޫޓެވެ.
ޚަބަރު
ޚަބަރު
ޚަބަރު