އެމްއެމްޕީއާރްސީ މެދުވެރިކޮށް ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ހިފުމުގައި މެދުވެރިޔަކަށްވުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވާ، މއ.ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ ފިންގާ ޕްރިންޓް ތަހުލީލުކުރި ފުލުސް އޮފިސަރުގެ ހެކިބަސް ނަގައިފިއެވެ.
ފުއްގިރި މައްސަލައިގައި ކްރިކް ރިޒާގެ އިތުރުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ކުރެއެވެ. އަދި ސަން ކޮންސްޓްރަކްޝަންއާއި ސަން އިންވެސްޓްމަންޓަށް މަނީ ލޯންޑަރިންގެ ދައުވާ ކުރެއެވެ.
އެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިވެރީންގެ ހެކިބަސް ނެގުމުގެ މަރުހަލާއެވެ. މިއަދު ވަނީ ދެ ހެކިވެރިއެއްގެ ހެކިބަސް ނަގައިފައެވެ. ފުރަތަމަ ހެކިވެރިޔާއަކީ، އިއްޔެ ބޭއްވި އަޑުއެހުމުގައި ހެކިބަސް ފުރިހަމަ ނުކުރެވުނު ފުލުހުންގެ ފޮރެންސިކް ސާވިސްގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި މަސައްކަތްކުރާ ޑިޖިޓަލް އެވިޑެންސް އެގްޒާމިނަރު އަބްދުﷲ ޝިފާޒްގެ އެވެ. އިއްޔެ ޝަރީއަތް ނިންމާލިއިރު، ޝިފާޒްއާ ސުވާލުކޮށްފައިވަނީ ދައުލަތުން އެކަންޏެވެ. އެހެންވެ، މިއަދު ވަނީ ދިފާއުން އަބްދުﷲ ޝިފާޒްއާ ސުވާލުކުރުމުގެ ފުރުސަތު ދީފައެވެ.
ދިފާއުން މައިގަނޑު ގޮތެއްގައި ޝިފާޒްއަށް އަމާޒުކޮށްފައިވާ ސުވާލުތަކަކީ އޭނާ ތަހުލީލުކުރި ތިން ޕެންޑްރައިވްއަކާއި އައިފޯނެއްގެ ޑޭޓާ އެކްސްޓްރެކްޝަންއާ ގުޅޭ ގޮތުންނާއި ޑޭޓާ މެނުޕްލޭޓް ކުރެވިދާނެ ގޮތާ ގުޅޭ ގޮތުންނެވެ.
އެގޮތުން ޔާމީންގެ ދިފާއީ ވަކީލު އާދަމް ޝަމީމް ވަނީ، މޯބައިލް ފޯނެއްގެ ޑޭޓާ ބޭސްއެއް ގޮތަށް ދައްކުވައިދިނުމަށް އަމިއްލަ ޑޭޓާ ބޭސްއެއް ތައްޔާރުކޮށް ޕެންޑްރައިވަކަށް އެޅިދާނެތޯ ހެކިވެރިޔާއާ ސުވާލުކޮށްފައެެވެ. އެއަށް ޖަވާބު ދެއްވަމުން ހެކިވެރިޔާ ބުނީ އެއީ ކުރެވޭނެ ކަމަށް ވުރެ ނުކުރެވުން ގާތް ކަމެއް ކަމަށެވެ.
"ނުކުރެވޭނެ ކަމެކޭ ނުދެންނެވޭނެ. އެކަމަކު ސެލެބްރޭޓް ޕްރޮޑަކްޓަކީ ވަކި ގޮތަކަށް ޕްރޮސެސްވާން ހުންނަ އެއްޗެއް. އެހެންވީމާ ހަމަ ބޭނުންވީމާ އެއް ފޯނުން އެއްތަންކޮޅު ލައިގެން ޑޭޓާ މެނުޕްލޭޓްކޮށްގެން އެކަން ކުރެވޭނެ ގޮތަކަށް ނޫން މި އޮންނަނީ" ހެކިވެރިޔާ ވިދާޅުވިއެވެ.
މޯބައިލް ފޯނު ތަހުލީލު ކުރިއިރު އޭގެން ނުކުތް ނަތީޖާއާމެދު ޝަމީމް ސުވާލުކުރުމުން ހެކިވެރިޔާ ވަނީ، އެމްއެމްޕީއާރްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ނަންބަރުން ކޮށްފައިވާ ވައިބާ ޗެޓްލޮގްތަކަކާއި ވައިބާ ގްރޫޕް ޗެޓްލޮގެއް ފެނިފައިވާ ކަމަށް ވިދާޅުވެފައެވެ.
ދެވަނަ ހެކިވެރިއެއްގެ ގޮތުގައި މިއަދު ހާޒިރުކުރީ، ކްރިކް ރިޒާގެ ފިންގާ ޕްރިންޓް އެލަނައިސްކުރި، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފޮރިންސިކް ސާވިސް ޑައިރެކްޓަރީގެ ފިންގާ ޕްރިންޓް ލެބޯޓަރީގައި މަސައްކަތްކުރާ ޝިޔާނާ ހަބީބެވެ.
ދެހާސް ހަތްވަނަ އަހަރުން ފެށިގެން މޯލްޑިވްސް ޕޮލިސް ސާވިސްގެ ފޮރިންސިކް ސާވިސް ޑައިރެކްޓަރީގެ މަސައްކަތް ކުރަމުން އަންނަ ޝިޔާނާ ހެކިބަސް ދެމުން ވިދާޅުވީ، އޭނާއަށް ތަހުލީލުކުރަން ދިން ލިޔުމުގައިވާ ކްރިކް ރިޒާގެ ފިންގާ ޕްރިންޓާއި ކްރިކް ރިޒާގެ ފިންގާ ޕްރިންޓާ ދިމާވާ ކަމަށެވެ. އެގޮތުން އެ ފިންގާ ޕްރިންޓުގައި އެއްގޮތް 15 ސިފަ ފެނިފައިވާ ކަމަށާއި އެހެންކަމުން އެއީ އެހެން މީހެއްގެ ފިންގާ ޕްރިންޓަކަށް ވުމަކީ ނުވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
ޝިޔާނާގެ ހެކިބަސް ނަގައި ނިމުމުން މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވަނީ މިއަދުގެ އަޑުއެހުން ނިންމަވާލައްވައިފައެވެ. އަދިވެސް މި މައްސަލައިގެ ހެކިބަސް ނަގަން ޖެހޭ މީހުން ތިބުމުން އެކަމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ބުނާ ގޮތުން، ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 އެމެރިކާ ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށް ޓަކައި ފަށަލަކޮށްފައެވެ.
އެ މައްސަލައިގެ ތެރެއިން ޖުމުލަ 38،334،560 އެމެރިކާ ޑޮލަރު ދައުލަތަށް އަނބުރާ ހޯދަން މަސައްކަތްކުރާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
އެއީ ކުށުގައި ހިމެނޭ ފައިސާގެ ގޮތުގައި 1،349،885 އެމެރިކާ ޑޮލަރާއި ކުށުގެ އަމަލުން ހޯދި ފައިސާއާ އެއްކޮށްފައިވާ 2،295،250 އެމެރިކާ ޑޮލަރާއި ޖޫރިމަނާގެ ގޮތުގައި 34،689،425 އެމެރިކާ ޑޮލަރެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު