ހދ. ކުޅުދުއްފުށި ކައުންސިލްގެ ހުރިހާ ކައުންސިލަރުން ވެރިކަން ކުރާ ސަރުކާރާ ވެކިވުމަކީ ގެނައި ސިޔާސީ ޒަލްޒަލާއެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވީ, އެ މަނިކުފާނު އިސްވެ ހުންނަވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ދަ ޑިމޮކްރެޓްސް އަށް ކުޅުދުއްފުށީ މޭޔަރު ހިމެނިވަޑައިގަންނަވާ ގޮތަށް ކައުންސިލްގެ ހުރިހާ މެންބަރުން ސޮއި ކުރައްވާފައިވުމުންނެވެ.

ކުޅުދުއްފުށީ ސިޓީ ކައުންސިލަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް އެ ރަށުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވި ގޮތުގައި އެއީ ކުޅުދުއްފުށީގެ ހުރިހާ ކައުންސިލަރުން ސަރުކާރުން ވީއްލުމަކީ އަމިއްލަ ފައިމައްޗަށް ތެދުވުމެވެ. އަދި އެއީ އޮބެހެއްޓިފައި ނުތިބެ, ކައުންސިލްގެ އުންމީދުތައް ހާސިލުކުރުމަށް ނުއުފުލާނެ އެއްވެސް ތަކުލީފެއް ނެތްކަމުގެ ރަމްޒެއް ކަމަށް ވިދާޅުވި އެވެ.

"ސިޓީ ކައުންސިލެއް އެކުގައި ވެރިކަން ކުރާ ޕާޓީއަކުން ވަކިވާ ހާދިސާ އެއީ ސިޔާސީ ޒަލްޒަލާއެއް. އެއީ ސިޔާސީ ހާދިސާއެއް. އެ ހާދިސާގެ ސާފު ސާދާ މާނައަކީ ތި ބޭފުޅުންގެ އުއްމީދު," ނަޝީދު ވިދާޅުވިއެވެ.

އެ މަނިކުފާނު ވިދާޅުވީ, ކުޅުދުއްފުށީ ރައްޔިތުން ބޭނުންވަނީ އެ މީހުންގެ ސިޓީގެ ތަރައްގީ ކަމަށާއި ބޭނުންވަނީ ތަނަވަސްކަމާއި ހާސްކަމުގައި ނޫޅެ, ތިމާއާއި ތިމާގެ އާއިލާއާއެކުގައި އުފަލުގައި ރަނގަޅު ރީތި ދިރިއުޅުމެއް އުޅުމަށް ކަމަށެވެ.

އަދި އެ އުންމީދު އަބަދުވެސް ގުޅިފައި އޮންނާނީ ވެރިކަމާ ކަމަށާއި ރައްޔިތަކަށް ތަނަވަސްކަމެއް ފޯރުކޮށްދިނުމަށް އޮތް އެންމެ މުހިންމު ވަސީލަތަކީވެސް ވެރިކަން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އެ ވެރިކަމާ މެދު ހިތްހަމަނުޖެހުމުން ނުވަތަ ފޯރުކޮށް ދޭ މިންވަރަށް ވުރެ މާބޮޑު މިންވަރެއް އެދޭތީ، ކައުންސިލުން ސާބިތުކަމާއި ޔަގީންކަމާ އެކު ދިޔަ މިސްރާބަށް މަރުހަބާ ވިދާޅުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ވެރިކަން ކުރާ ޕާޓީން ވީއްލިގެން ކުރައްވަން ތިއުޅުއްވަނީ ބޮޑު ކަމެއް. އަޅުގަނޑު ދަންނަވާނީ ބައްލަވާނެ ކަމެއް ނެތޭ. މިއީ ބޮޑު މުހައްމަދުގެ ބޮޑު ތިލަދުންމައްޗޭ. ތިބޭފުޅުން އަބަދުވެސް އުޅުއްވާނީވެސް ކުރައްވާނީވެސް ބޮޑެތި ކަންކަމޭ," ނަޝީދު ވިދާޅުވިއެވެ.