ކުރިއަށް އޮތް ސީޒަނަށްފަހު ޕީއެސްޖީގައި މަޑުނުކުރަން ނިންމައި، ކިލިއަން އެމްބާޕޭ އެކަން ކްލަބަށް އަންގައިފައިވާ ކަމަށް އިތުބާރު ނޫސްތަކުން ބުނެފައިވާ އިރު، ރެއާލް މެޑްރިޑަށް ދާން ބޭނުންވެގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގު ކޮށްފިއެވެ.

ފްރާންސްގެ ތަރި، އުމުރުން 24 އަހަރުގެ އެމްބާޕޭ ޕީއެސްޖީއާއެކު ހަދާފައިވާ ވަރުގަދަ އެއްބަސްވުން ހަމަވާން އޮތީ އަންނަ ސީޒަނުގެ ނިޔަލަށެވެ. އެ އެއްބަސްވުން 2025 ވަނަ އަހަރު ޖޫން މަހަށް ދަންމައިލާނެކަން، ނުވަތަ ނޫންކަން ކްލަބަށް އަންގަން އެމްބާޕޭއަށް ދީފައިވާ މުހުލަތަކީ އަންނަ ޖުލައި މަހުގެ ނިޔަލެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި އެމްބާޕޭ ރަސްމީކޮށް ކްލަބަށް އެންގީ އަންނަ ސީޒަނަށްފަހު މަޑުކުރަން ބޭނުން ނުވާ ކަމަށެވެ. އެކަން އެންގީ މަޝްވަރާތަތަކަށްފަހު ފޮނުވި ހާއްސަ ސިޓީއެއްގައި ކަމަށްވެސް އިތުބާރު ނޫސްތަކުން ބުނެއެވެ.

އެފަދަ ގޮތަކަށް ވާހަކަތައް މީޑިއާއަށް ތިލަވީ އެއްބަސްވުން އާ ނުކުރާނެ ކަމަށް ޕީއެސްޖީއަށް ފޮނުވަން އޮތް ސިޓީ ލީކުވުމުންނެވެ. އަދި އެވާހަކަތަކާއެކު ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕްރޭޒް ވަނީ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން "އެމްބާޕޭގެ ސޮއި ހޯދާނެ،" ކަމަށާއި، "އެކަން ކުރާނީ މި ސީޒަނުގައި،" ކަމަށް ވިދާޅުވެފައެވެ. އެ ވީޑިއޯކޮޅު އާންމުވުމާއެކު ޕީއެސްޖީން ރުޅިގަދަވެފައިވާ ކަމަށް ނޫސްތައް ބުނެއެވެ.

އެމްބާޕޭ ރެއާލްއަށް ދާން އުޅޭ ކަމަށް ރިޕޯޓު ކޮށްފައިވާ ހަބަރެއް ޓްވިޓާގައި ރިޓްވީޓްކޮށް އޭނާ ބުނީ، "ކްލަބުގައި ހުރީ ހިތްހަމަ ޖެހިގެން ކަމަށާއި، ކްލަބު ދޫކޮށްލަން ބޭނުންވެގެން ނޫޅޭ،" ކަމަށެވެ. އަދި އަންނަ ސީޒަނުގައިވެސް ޕީއެސްޖީގައި މަޑުކުރާނެ ކަމަށް އޭނާ ބުންޏެވެ.

އެމްބާޕޭގެ ޓްރާންސްފާ ކަންތަކުގައި ޕީއެސްޖީން ރުޅިގަދަވެފައި ވަނީ އޭނާ އެއްބަސްވުން އާ ނުކޮށް އަންނަ ސީޒަނަށްފަހު ކްލަބު ދޫކޮށްލާނަމަ، އެޓީމުން ދާނީ ހިލޭ ޓްރާންސްފާއެއްގައި ކަމަށްވާތީއެވެ. މިހާރު ޕީއެސްޖީއަށް އެމްބާޕޭ ވިއްކާލަން މަޖުބޫރު ހާލަތަކަށް ގޮސްފައިވާ އިރު، އެކަމަށް އެމްބާޕޭ އެއްބަސްނުވުންވެސް އެއީ ކްލަބަށް އޮތް ދެރައެކެވެ. މި ޓްރާންސްފާ ސީޒަނުގައި ގޮތެއް ނުނިމި އޮވެއްޖެނަމަ، ޖެނުއަރީ މަހުގެ ފިނިމޫސުމުގެ ޓްރާންސްފާގައިވެސް އޭނާ ގެންދާނެ ޓީމެއް ނުވެދާނެކަމުގެ ބިރަށްޓަކައި ޕީއެސްޖީއަށް އޮތީ ގޮތެއް ނިންމަން މަޖުބޫރުވެފައެވެ.

މިދިޔަ ސީޒަނުގެ ކުރިން އެމްބާޕޭ ރެއާލްއަށް ދާން ހުރިހާ ކަމެއް ނިންމި ނަމަވެސް، ފަހުވަގުތު ޕީއެސްޖީން އޭނާގެ އެއްބަސްވުން އާކުރުވިއެވެ. ބޮޑު ކޮންޓްރެކްޓަކާއެކު އެފަހަރު އެކަން ހިނގުމުން އެމްބާޕޭ ވަނީ ރެއާލްގެ ރައީސް ޕެރޭޒްއަށްވެސް މައާފަށް އެދިފައެވެ. މިފަހަރުގެ ޓްރާންސްފާ ވާހަކަތައް ހުރި ގޮތުން އެމްބާޕޭއާއި ޕީއެސްޖީއާ ދެމެދު ގޯސްވާ މައްސަލައިގެ ފައިދާ ނަގަން ގިނަ ކްލަބުތަކަކުން އަންނަނީ ތައްޔާރުވަމުނެނެވެ.

އެމްބާޕޭއަކީ ޕީއެސްޖީގެ ރެކޯޑު ގޯލު ޖެހުންތެރިޔާއެވެ. 2018 ވަނަ އަހަރު މޮނާކޯއިން ޕީއެސްޖީއަށް ލޯނެއްގައި ބަދަލުވި އެމްބާޕޭ، އެއް ސީޒަނަށްފަހު ވަނީ ދާއިމީކޮށް އެ ކްލަބާ ގުޅިފައެވެ. މިހާތަނަށް އެ ކްލަބަށް 139 ގޯލު ޖަހައިދީފައިވާ އެމްބާޕޭ ވަނީ ރެކޯޑު ހަތަރު ފަހަރު ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ.